ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދު މިހާރު މިއޮތް ހިސާބުން ކޮޅަށް ޖެހޭނީ، ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށާއި، ކޮންމެ ފަރުދެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން މިކަމެއް ނުވާނެ ކަމަށާއި، އަދި މިކަންކުރެވޭނީ ކޮންމެ ފަރުދެއްގެވެސް ޤައުމީ ވާޖިބާއި ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މި މޭރުމުން ހއ. އިހަވަންދޫ އާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ޤާއިމްކުރި ކޯވިޑް-19 އަށް ފަރުވާދޭ މަރުކަޒުތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނެވެ.

Ad
rt

މިނިސްޓަރު ޝާހިދު ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ދަތުރުފަތުރުގެ ކަންކަން ހުޅުވާލަމުން ދާއިރު ބަލަމުން ދަނީ އެޤައުމެއްގައި ކޯވިޑް-19 ފެތުރެމުންދާ ނިސްބަތައްކަމަށާއި، ޤައުމުގެ އިޤްތިސާދު މިއަދު އޮތް ހާލަތުން ނަގައި ކޮޅަށްޖެހުމަށް، ޚާއްސަކޮށް ބަލިފެތުރުން މަދުކުރުމައްޓަކައި ފަރުދީ ޒިންމާ ދިވެހި ކޮންމެ ރައްޔިތަކުވެސް އަދާކުރުން މުހިންމުކަމަށެވެ.

"ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމުގެ ޒިންމާ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ބޮލުގައި ވަނީ އެޅިފައި. މި ޒިންމާ ފުރިހަމައަށް އަދާނުކޮށް ރާއްޖޭގެ އިޤްތިސާދު ރަނގަޅެއް ނުކުރެވޭނެ"

މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"ދުނިޔޭގެ ކަންކޮޅުތަކުން ދަތުރުފަތުރުގެ ކަންކަން ހުޅުވާލަމުންދާއިރު ބަލަމުންދަނީ އެޤައުމެއްގައި ކޯވިޑް-19 ފެތުރެމުންދާ ނިސްބަތައް އަޅުގަނޑުމެންގެ ތެރޭގައި އެއްދުވަހުން އަނެއް ދުވަހަށް ކޯވިޑް-19 ފެތުރެމުންދާ ނިސްބަތް އިތުރުވަމުންދާނަމަ ރާއްޖެއަށް ފަތުރުވެރިން އައުމުގައި އެހެން ޤައުމުތަކުން ބަލާ މިންގަނޑުތަކަށް ނުފެތޭނަމަ އެޤައުމުތަކުން އެބޭނުންވާ ލުއިތަކެއް ނުދޭނެ. ރާއްޖޭގެ އިޤްތިސާދު ކޮޅަށްނެގޭނީ ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެން. ކޮންމެ ފަރުދެއްގެ ފަހަރުގައި ފުލުހަކު ބަހައްޓައިގެން މިކަމެއް ނުވާނެ. މިކަންކުރެވޭނީ ކޮންމެ ފަރުދެއްގެވެސް ޤައުމީ ވާޖިބާއި ޒިންމާ ފުރިހަމައަށް އަދާކޮށްގެން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.‎

މިނިސްޓަރު ޝާހިދު ވަނީ ‏އަޅުގަނޑުމެން މި ކުރިމަތިލާ ޤައުމީ އީދުގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ސިއްޚީ ޚިދުމަތްތެރިން އެދެއްވާ އިރުޝާދުތަކަށް ބޯލަބައި، މި ލޮބުވެތި ފަސްގަނޑު މިބަލިން ސަލާމަތްކުރުމަށް އަތުގުޅާލާ އީދަކަށް ހެދުމަށް ގޮވައި ލަށްވާފައެވެ.

ވާޗުއަލްކޮށް ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރުންނާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ އިތުރުން ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.