ރާއްޖެއަށް ފަތުރުވެރިކަމުން އެތެރެވާ ކޮންމެ 100 ޑޮލަރަކުން، ރާއްޖެގައި ހިފެހެއްޓެނީ 15 ވަރަކަށް ޑޮލަރު ކަމަށާއި، ރާއްޖެއަށް ޓޫރިޒަމުން މި ލިބޭ ފައިސާ ހިފެހެއްޓޭނެ ގޮތަކާއިމެދު އަޅުގަނޑުމެން ވިސްނައި އެމަގުން މަސައްކަތް ކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛް ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.

“އަލި ރަން މުތް” ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ހަތަރު ވަނަ އެޕިސޯޑުގައި “އާމްދަނީ ލިބޭނެ ފުރުޞަތުތައް އަތޮޅު ތެރޭގައި އުފެއްދުން” މިމައުލޫއަށް ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، މައުލޫމާތު ލިބިލަށްވާފައިވާ ގޮތުން ރާއްޖެއަށް ފަތުރުވެރިކަމުން އެތެރެވާ ކޮންމެ 100 ޑޮލަރަކުން، ރާއްޖެގައި ހިފެހެއްޓެނީ 15 ވަރަކަށް ޑޮލަރު ކަމަށެވެ.

Ad
rt

އެ ގޮތަށް ދިމާވާ ސަބަބެއް ގޮތުގައި ޢަލީ ފާހަގަ ކުރެއްވީ ރާއްޖެގައި ހިންގާ ގިނަ ރިސޯޓުތައް ހިންގަނީ ބޭރުގެ ކުންފުނިތަކުން ކަަމަށް ވެފައި، ފަތުރުވެރިން ރާއްޖެއަށް ގެންނަނީ އެ ކުންފުނިތަކުން ކަމަށް ވުމާއި، ފަތުރުވެރިން ރާއްޖެއަށް ގެނައުމަށްފަހު ރިސޯޓާއި ހަމައަށް ގެންދަނީ ވެސް ބޭރުގެ އެއާލައިނަކުން ކަމަށް ވުމާއި، ރި ސޯޓްތަކުގެ ކެއުމަށް ބެނުން ކުރާ އެއްޗެއްސަކީ ވެސް ރާއްޖެއިން ބޭރުން ގެންނަ އެއްޗެހި ކަމަށް ވުމެވެ. ޢަލީ ވިދާޅުވީ އެ ހުރިހާ ކަމަށް ލިބޭ ފައިސާ ދަނީ ރާއްޖެއިން ބޭރަށް ކަމަށެވެ.

"ފުރަތަމަ ކަމަކަށް ރާއްޖެއަށް ޓޫރިޒަމުން މި ލިބޭ ފައިސާ ހިފެހެއްޓޭނެ ގޮތަކާއިމެދު އަޅުގަނޑުމެން ވިސްނަން އެބަ ޖެހޭ، އަޅުގަނޑަށް ހީވަނީ އެކަން ކުރުމަށް ވެސް އަދި އަޅުގަނޑުމެން އުފެއްދުން ތެރިކަން އިތުރު ކުރުމަށްވެސް ފުރަތަމަ އަޅުގަނޑުމެން ފަށަންޖެހޭ ހިސާބަކީ ޤައުމުގައި ކާބޯތަކެތި އުފައްދަން ފެށުން. ދަނޑުވެރިކަމަށް އަޅުގަނޑުމެން އެބަޖެހޭ އިސްކަމެއް ދޭން"

ޢަލީ ވިދާޅުވިއެވެ.

"ކުރިއަރާފައިވާ ޤައުމުތަކުގެ ކޮންމެ ހަޟާރަތަކަށް ބަލައިލިޔަސް ކޮންމެ ހަޟާރާތެއްގެ ފެށުން މިއަންނަނީ ދަނޑުވެރިކަމަށް ޚާއްޞަ އަހައްމިޔަތު ކަމެއް ދީގެން އެބަޔަކު ކެއުމަށް ބެނުންކުރާ ބާވަތްތަކެއް އުފައްދަން ފަށާ ހިސާބުން، އަޅުގަނޑުމެން ޤައުމެއްގެ ނިސްބަތުން ވެސް ކުރަން ޖެހޭ ކަމެއް އެއީ" ޢަލީ އެ މަޢުލޫގައި އިތުރަށް ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ ކޯވިޑާ ގުޅިގެން ވެސް ފަތުރުވެރިކަމުގެ ސިނާއަތަކީ ހީކުރާ ވަރަށްވުރެ ފަސޭހައިން ގުޑުން އަރާ ސިނާއަތެއްކަން އެނގިގެއް ހިނގައްޖެ ކަމަށާއި، ދުނިޔެއަށް އަންނަ މިކަހަލަ ބަލި މަޑުކަމާއި، މޫސުމީ ބަދަލު ތަކާއި، ދުނިޔޭގައި ހަނގުރާމައެއް ފެށުނު ނަމަވެސް، ހަމަނުޖެހުމެއް އުފެދު ނަމަވެސް ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ. މިއިން އެއްވެސް ކަމެއް ދިމާވީމައި ރާއްޖެއާއި، ރާއްޖޭގެ ރަށް ތަކުގައި ކާންބޯން ބެނުން ކުރާނެ ވަސީލަތްތަކެއް އުފެއްދިފައި ނެތް ކަން ޢަލީ ފާހަގަ ކުރެއްވިއެެވެ.

"އަޅުގަނޑުމެންގެ ކާބަފައިން މީގެ 2500 އަހަރު ކުރިން ހުރިހާ އެންމެން އައިސް މާލެ ކައިރީ ހުރި ރަށް ތަކުގައި އުޅެން ދިމާ ނުކުރީ ސަބަބެއް އޮވެގެން، ތުރާކުނުން ފެށިގެން އައްޑޫއާއި ހިސާބު ރަށްތަކަށް ބެހިލައިގެން ކޮންމެ ރަށެއްގެ މީހުންވެސް އެރަށެއްގައި ނުވަތަ އެރަށާއި ޖެހިގެން އޮންނަ ރަށުން ކާއްޓާއި، ދަރާއި، ފަނާއި އެރަށެއްގެ މީހުން ކާބޯތަކެތި އުފައްދައިގެން ޖެހިގެން އޮންނަ ކަނޑުންނާއި ފަޅުން އެމީހުން ބޭނުންވާ މަހުގެ ބާވަތްތައް ހޯދައިގެން މި ޤައުމު މި ބިނާކުރީ މިދެންނެވި ހިކުމަތުގެ މައްޗަށް، މި ހިކުމަތް ބަދަލު ކުރެވޭނެ އިތުރު ގޮތެއް، އުސޫލެއް އަދިވެސް އަޅުގަނޑުމެންނަކަށް ނުދެއްކޭ، އެއްވެސް ސިޔާސީ މީހަކަށްވެސް އިޤްތިޞާދީ މާހިރަކަށް ވެސް އަދިވެސް ނުދެއްކޭ"

ޢަލީ ވިދާޅުވިއެވެ.

އަޅުގަނޑުމެން ކާން ބޭނުން ކުރާ ހުރިހާ ބާވަތެއް ކޮންމެ ރަށެއްގައި 100 ޕަސެންޓް ނުއުފެއްދުނު ނަމަވެސް، ކޮންމެ ރަށަކުންވެސް އެރަށެއްގައި ނިސްބަތުން ނުއުފެއްދޭ ބާވަތްތައް، ޖެހިގެން އޮންނަ ފަޅުރަށް ބޭނުން ކޮށްގެންވެސް އުފައްދައި، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރަން ޖެހޭ ކަމަށް ޢަލީ ވިދާޅުވިއެވެ. އަދި މި ޤައުމުގައި އުފަށްދާ ތަކެތި، އެ އުފަށްދާ ފަރާތްތަކަށް މިހާރަށް ވުރެ ރަނގަޅަށް ރިސޯޓުތަކަށް ވިއްކޭނެ ގޮތެއް ފަހިކޮށް، ފުޅާ ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެ، އެކަން ކަމުން ވެސް ޓޫރިޒަމްގެ ތެރެއިން ރާއްޖޭގައި ހިފެހެއްޓޭ ފައިސާ އިތުރުވޭނެ ކަމަށް ޢަލީ ވިދާޅުވިއެެވެ.

އަލީ ވިދާޅުވީ ބައެއް ރިސޯޓުތަކަށް ބޭރުން މަސް ސަޕްލައި ކުރާ ކަމުގެ މައުލޫމާތު ވެސް ލިބޭ ކަމަށެވެ. ވަރަށް ގިނަ ރިސޯޓިތަކުގައި ޕާޗޭސް މެނޭޖަރުން ނުވަތަ ޕްރޮކިއުމެންޓްގައި އިސްކޮށް ބޭރު މީހުން ތިބޭތީ، އެ މީހުންނާއި ގުޅުން އޮންނަ ފަރާތްތައް މެދުވެރިކޮށް ރާއްޖެއަށް މަހުގެ ބާވަތްތައް އެތެކުރަމުން ދާކަމަށާއި، މި ހުރިހާ ކަމެއް ކުރާއިރުވެސް އަޅުގަނޑުމެން މި ތިބެނީ ވާއެއް ނުވާއެއް ނޭނގޭ ހިސާބުގައި ކަމަށެވެ.

ޢަލީ ވިދާޅުވީ ޙަޤީޤަތުގައި ކުރަންވީ ކަންތައް ތަކާއި، ކުރަން ޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.

"މަސްވެރިކަމަށް ހަމައެކަނި ކަޅުބިލަމަހުގެ ބާވަތްތައް ގަތުމަށް ޓަކައި ހަމައެކަނި ދައުލަތުން ސަބްސިޑީގެ ގޮތުގައި 40 މިލިއަން ޑޮލަރު ޚަރަދު ކުރޭ، މިވާގޮތަކީ ކަޅުބިލަމަހުގެ ޓަނެއް ދުނިޔޭގެ މާކެޓްގައި އުޅެނ،ީ ވިއްކަނީ 1200 ޑޮލަރަށް، ނަމަވެސް މަސްވެރިން އަތުން ޓަނެއް އެބަ ގަނޭ 2000 ޑޮލަރަށް ވާވަރަށް ދީފައި. 2000 ޑޮލަރަށް ގަނެފައި 1200 ޑޮލަރަށް ވިއްކަން މިޖެހެނީ، އެހެންވީމަ ކޮންމެ ޓަނަކުން 800 ޑޮލަރު ގެއްލުމުގައި ކުރަން މިޖެހެނީ،"

ޢަލީ ވިދާޅުވިއެވެ.

މަހުގެ ބާވަތްތައް އެކަށޭނަ ގޮތަކަށް ބަންދުކޮށް ވިއްކޭނެ ގޮތައް ރާއްޖެއަކު އަދި ނެތް ކަން ފާހަގަ ކުރަށްވައި ޢަލީ ވިދާޅުވީ، ލަންކާ ވިޔަފާރިވެރިން ދިވެހި މަހާއި، ހިކިމަސް ގަނެ، އެކި ބާވަތްތައް ހަދައިގެން މޯލްޑިވްސް ޓޫނާ ޖަހައިގެން ރާއްޖޭގެ ރިސޯޓު ތަކަށާއި، ބޭރުގެ ޤައުމުތަކަށް ވިއްކަމުން ދާ ކަމަށެވެ.

މަސްވެރި ކަމަކީ، ފަތުރުވެރިކަމާއި އެއްވަރަށް ފުރުޞަތުތައް އޮތް މަސައްކަތެއް ކަމަށާއި، މަހުގެ އުފެއްދުންތައް ރާއްޖެގައި އިތުރުކޮށް، ރާއްޖެއަށް ބާނާ މަހަކީ އާދަޔާ ޚިލާފް ގޮތަކަށް ތިމާވެއްޓާއި ރަށްޓެހި ގޮތަށް ކުރެވޭ މަސައްކަތެއްކަން ދުނިޔެއަށް މާކެޓް ކުރަން ޖެހޭ ކަމަށް ޢަލީ ވިދާޅުވިއެެވެ.

"މިއަހަރުގެ ބަޖެޓްގައި ވެސް ފަތުރުވެރިކަން ޕްރޮމޯޓް ކުރަން އެބަ އޮތް 10 މިލިއަން ޑޮލަރު، ނަމަވެސް މަސްވެރިކަން ޕްރޮމޯޓް ކުރަން އެއާއި ކައިރި ކުރާ ޢަދެއް ވެސް ނެތް"

ޢަލީ ވިދާޅުވިއެވެ.

މަސްވެރިކަމާއި، ދަނޑުވެރި ކަމަކީ ވެސް އިސްތިޖިރާޖީ ގޮތުން ބަލާއިރު މުހިންމު ދެ ސިނާއަތް ކަމަށް ވާއިރު، ވަޒީފާ އުފެއްދުމާއި އުފެއްދުން ތެރިކަމުގައި ވެސް ވަރަށް މުހިންމު ދައުރެއް އެ ދެ ސިނާއަތުން އަދާ ކުރެވިދާނެ ކަމަށާއި، ދުނިޔޭގެ ބާޒާރުގައި މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ބާވަތްތައް ވެސް ޕްރޮމޯޓް ކުރެވެނިކޮށް ޓޫރިޒަމާއި އެއްވަަރަށް މީހުންނަށް އާމްދަނީއާއި، ފައިސާ ހޯދޭނެ ދެ ސިނާއަތަށް އެ ދެ ސިނާއަތް ވެގެން ދާނެ ކަމަށް ވެސް ޢަލީ ފާހަގަ ކުރެއްވިއެވެ.