•  
  •  
  •  
  •  
  •  
  •  
  •  

ފަތުރުވެރިކަމުގެ ސިނާއަތު ދެން ރާއްޖޭގައި ހިންގަން ޖެހޭނީ ރައްޔިތުންނަށް ޓަކައި ހިންގާ ސިނާއަތެއްގެ ގޮތުގައި ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛް ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.

“އަލި ރަން މުތް” ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ހަތަރު ވަނަ އެޕިސޯޑުގައި “އާމްދަނީ ލިބޭނެ ފުރުޞަތުތައް އަތޮޅު ތެރޭގައި އުފެއްދުން” މިމައުލޫއަށް ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، އެފުށް މިފުށަށް ޖެހޭ ވަރުގެ ބަދަލެއް އަންނަން ޖެހޭ ކަމަށެވެ.

ޢަލީ ވިދާޅުވީ ރާއްޖެގައި 1972 ގައި ފެށުނު ފަތުރުވެރި ކަމުގެ ސިނާއަތް، 2022 ވަނަ އަހަރަށް ބައި ގަރުނު ހަމަވާއިރު، މި ހިނގާ ބައި ގަރުނު ވަންދެއް ދިވެހިން، ދިވެހި ރައްޔިތުން ތިބީ ފަތުރުވެރި ކަމަށް ޓަކައި ކަމަށެވެ.

"ފަތުރުވެރި ކަމުގެ ސިނާއަތު އޮންނަންވީ ރައްޔިތުންނަށްޓަކައި، ފަތުރުވެރިކަމުގެ ސިނާއަތު ދެން ރާއްޖޭގައި ހިންގަން ޖެހޭނީ ރައްޔިތުންނަށް ޓަކައި، އެ ސިނާއަތަކީ ރައްޔިތުންނަށް ޓަކައި ހިންގާ ސިނާއަތަކަށް ބަދަލުވާން އެބަޖެހޭ. މިދެންނެވީ ބޮޑު ބަދަލެއްގެ ވާހަކަ، ޓޫރިޒަމް ދާއިރާގެ ރަށްތައް ދިނުމާއި، ވަޒީފާގައި އުޅޭ މީހުންނާއި މެދު އަމަލު ކުރެވޭ ގޮތާއި، ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ ބަދަލު ތަކާއި، ޓޫރިޒަމުން ނެގޭ ޓެކްސާއި، ސާވިސް ޗާޖާއި، ސާވިސް ޗާޖު ބެހޭ ގޮތާއި، މި ހުރިހާ ބަދަލެއް، ކަމެއް ބިނާވާން ޖެހޭނީ އެތާ މަސައްކަތް ކުރާ މީހުންނަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި މުޅި އިންޑަސްޓްރީ ބިނާވާން ޖެހޭނީ"

ޢަލީ ވިދާޅުވިއެވެ.

" ހަމައެއާއި އެކީގައި ވާން ޖެހޭ އަނެއް ކަމަކީ އަޅުގަނޑަކަށް ނުވިސްނޭ ތިމާވެއްޓާ ބެހޭ މިނިސްޓްރީ ދަރަވަންދޫގައި ހުންނަން ނުޖެހޭ ސަބަބެއް، ނޫނީ ތުޅާދޫގައި އެ މިނިސްޓްރީ ނުބެހެއްޓޭނެ ސަބަބެއް ނުވިސްނޭ، ބ. އަތޮޅަކީ ބަޔޯސްފިޔާ ރިޒާވެއް ގޮތުގައި ކަނޑައަޅާފައި އިއޮންނަނީ، ކީއްތޯ ވަނީ ދަރަވަންދޫ ނުވަތަ ތުޅާދޫގައި ތިމާވެއްޓާއި ބެހޭ މިނިސްޓްރީ ބަހައްޓައިގެން އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން އެތަނުގައި އުޅޭނީ، މިނިސްޓަރުވެސް ހުންނަވާނީ އެރަށުގައި " ޢަލީ އިތުރަށް ވިދާޅު ވިއެވެ.

އެ މައުލޫގައި ޢަލީ ވިދާޅުވީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއަށް ބަލާލާއިރު މާލެއަށް ނިސްބަތްވާ 5 ޕަސެންޓް ކުދިންވެސް އެ ޔުނިވަރސިޓީގައި ނޫޅޭ ކަމަށެވެ. އެ ޔުނިވަރސިޓީގެ ބޮޑު ނިސްބަތަކީ ރަށްރަށަށް ނިސްބަތްވާ ދަރިވަރުން ކަމަށް ޢަލީ ވިދާޅުވިއެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް އެޑިއުކޭސަން އެއްކޮށް ގެންގޮސް އައްޑޫގައި ނުބަހައްޓަންވީ، ހަމަ އެގޮތަށް ދެން ހުރި ފެކަލްޓީއެއް ލ. އަތޮޅުގައި ކީއްވެތޯ ނުބަހައްޓަންވީ، ދެން ހުރި ފެކަލްޓީއެއް ގެންގޮސް ބޮޑު ތިލަދުންމަތީގައި ކީއްވެތޯ ނުބަހައްޓަންވީ، މި ގޮތަށް ފެކަލްޓީތައް ބަހާލެވިއްޖެ ކަމަށްވާނަމަ ވަޒީފާތައް ލާމަރުކަޒު ކުރެވޭނެ އަދި ފައިސާ ހޯދޭނެ، އާމްދަނީ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް ހޯދޭނެ، ނަތީޖާއަކަށް ވެގެން ދާނީ، މާލެއަށް ތޮއްޖެހިފައިވާ ތޮއްޖެހުން ކުޑަވެގެން ދިއުން، އަޅުގަނޑުމެންނަށް އެބަ އެނގޭ ކުލީގެ ގޮތުގައި މާލެއަށް ދައްކާ ގިނަ ފައިސާވެސް ދަނީ ރާއްޖެއިން ބޭރަށްކަން، އެހެންވިމާ ލީކޭޖު ކުޑަ ކުރެވޭނެ މި ބަދަލު ގެނެވިއްޖެ ކަމަށް ވާނަމަ"

ޢަލީ ވިދާޅުވިއެވެ.

ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށާއި، ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައުމަށްޓަކައި ވަޒީފާތަކާއި، އޮފީސްތައް ރަށްރަށަށް، އަތޮޅު ތެރެއަށް ބަދަލުކުރެވެން ޖެހޭ ކަމަށާއި، އެހެންނޫނީ މި ދައްކާ ވާހަކަ، މިދައްކާ ގޮތަކަށް މިކިޔާ ގޮތަކަށް ހާސިލެއް ނުކުރެވޭނެ ކަމަށްވެސް ޢަލީ ވިދާޅުވިއެވެ.

ޢަލީ ވަނީ ޖުމްލަ ގޮތެއްގައި ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭ ގޮތް ހޯދަން ޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ވަޒީފާތައް ލާމަރުކަޒީ ކޮށްގެން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ