•  
  •  
  •  
  •  
  •  
  •  
  •  

ގެސްޓްހައުސްތަކުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހާއި ހަމައަށް ނުދައްކާ ހުރި ފެން ބިލުތަކާއި ކަރަންޓު ބިލުތައް، ދެއްކުމުގައި ލުއި ގޮތެއް ހަމަޖައްސައިދީފި އެވެ.

މިގޮތަށް ހަމަޖައްސައި ދިންކަން ހާމަކުރީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގެސްޓްހައުސްތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.

އެ ސާކިއުލާގައި ވާގޮތުން ގެސްޓްހައުސްތަކުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހާ ހަމައަށް ނުދައްކާ ހުރި ފެން ބިލުތަކާއި ކަރަންޓު ބިލުތައް، އަންނަ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައި ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ، ކޯވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އަލުން ހުޅުވައި ޙިދުމަތްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ޚާއްޞަކޮށް ގިނަ މަސްތަކެއްގެ ކަރަންޓުބިލާއި ފެންބިލް ނުދެއްކި ހުރުމުގެ ސަބަބުން އަލުން ފަށައި ޙިދުމަތްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނެއެވެ.

އެ އެސޯސިއޭޝަނުން ބުނެފައި ވަނީ މިކަން ހައްލު ކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި އެދުމުން އެކަމަށް ވަރަށް އެކަށީގެންވާ އިޖާބައެއް ދެއްވައި، ކަމާބެހޭ ފަރާތްތަކާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެކަށީގެންވާ ލުއިތަކެއް ހޯދައިދީފައިވާ ކަމަށެވެ.

ފެން ބިލްތަކުގެ ތެރެއިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުދައްކާ ހުރި ބިލްތައް މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީން އެއްބަސްވެފައިވާ ކަމަށް ވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މިކަމަށް އެދޭ ފަރާތްތަކުން އެކަމާބެހޭ ކުންފުންޏަކާއި ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަންގެ ގެސްޓްހައުސްތަކަށް ފޮނުވި ސާކިއުލާގައި ވަނީ އެދިފައެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު، 15 ޖުލައި 2020 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިއަދާއި ހަމައަށް 904 ފަތުރުވެރިން ރާއްޖެ އައިސްފައި ވާކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން މިއަދު ވަނީ ބުނެފައެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ