ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން މިއަދާއި ހަމައަށް 904 ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން މިއަދު ހާމަކުރެއްވި މަޢުލޫމާތަށް ބަލާއިރު، 15 ޖުލައި 2020 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި އެކު، އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ރާއްޖެއަށް 904 ފަތުރުވެރިން އައިސްފައި ވެއެވެ.
އެ މަޢުލޫމާތަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެ ޤައުމުން 117 ފަތުރުވެރިން އައިސްފައިވާއިރު އެންމެ ގިނައިން ދެވަނައަށް ފަތުރުވެރިން އައިސްފައި ވަނީ 106 ފަތުރުވެރިން އައި އެމެރިކާއިންނެވެ. ތިންވަނާގައި އޮތީ ޖަރުމަނު ވިލާތެވެ. އެ ޤައުމުން މިހާތަނަށް 73 ފަތުރުވެރިން ވަނީ އައިސްފައެވެ.
15 ޖުލައިގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި 10 ޤައުމު
- އިނގިރޭސި ވިލާތް، 117 ފަތުރުވެރިން
- އެމެރިކާ، 106 ފަތުރުވެރިން
- ޖަރުމަނުވިލާތް، 73 ފަތުރުވެރިން
- ސްވިޒަލޭންޑް، 45 ފަތުރުވެރިން
- ރަޝިއާ، 45 ފަތުރުވެރިން
- ފިލިޕީންސް، 35 ފަތުރުވެރިން
- ޔޫއޭއީ، 31 ފަތުރުވެރިން
- ސްޕައިން، 31 ފަތުރުވެރިން
- ހަންގޭރީ، 30 ފަތުރުވެރިން
- މިސްރު، 23 ފަތުރުވެރިން
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 129 ޓޫރިސްޓަކު ވަނީ ރާއްޖެ އައިސްފަ އެވެ. އެ ފްލައިޓް ވީއައިއޭގެ ރަންވޭގައި ޖައްސާފައި ވަނީ، އެ ދުވަހުގެ ހެނދުނު 8:27 ގަ އެވެ.
ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެން ރާއްޖެއައި އެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަަށް ހޫނު މަރުހަބާއެއް ކިޔުމަށް ވީއައިއޭ ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވާއިރު ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުން ތެރެއިން ކޯވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ޓޫރިސްޓުން ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.
އެހެން ނަމަވެސް، ޓޫރިސްޓުން ރާއްޖެ އައުމުގެ ކުރިން ކޮންފާމް ބުކިންއެއް ހެދުމާއި، ކޯވިޑް-19 އަށް ޓެސްޓްކޮށްފައިވާ ރިޕޯޓެއްގެ ނަތީޖާ އިމިގްރޭޝަނަށް ހުށަހަޅަން ޖެހެ އެވެ.
ޖުލައި 15 އިން އޮގަސްޓުމަހުގެ ނިޔަލަށް އޮޕަރޭޓުކުރަން ފަށާ އެއާލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 ޕަސެންޓް ޑިސްކައުންޓު ދޭން ނިންމާފައިވާ އިރު ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއާލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން މާޗު 26 ގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!