ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅިތަކަކާއި އެކު ހުޅުމާލެއިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނެފައިވަނީ ހުޅުމާލޭގެ ފަޅުގައި އަޅާފައިއޮތް ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ ގެންނަ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 12 ފުޅި ބަނގުރަލާއި އެކުގައި ކަމަށެވެ. މި އޮޕަރޭޝަންގައި ބަނގުރާ ފެނިފައިވަނީ މަގުމަތިން ދިޔަ ކާރެއް ހުއްޓުވައި، ބަލާ ފާސްކުރި އިރު އޭގެ ޑިކީ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދިވެހި ދެ ފިރިހެނުން ކަމުގައި ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!