ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމެވުމަކީ އުތުރާއި ދެކުނު ރައްޔިތުންގެ އެތައް ދުވަހެއްގެ އިންތިޒާރެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޔާސިރު އެހެން ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމެވުމާއި ގުޅިގެން އެކަން ފާހަގަ ކުރަށްވާ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ޔާސިރު ވިދާޅުވީ ސަރަހައްދުތަކަށް އިންވެންސްޓްމަންޓް ދާނީ އިންވެސްޓަރުންގެ ދާގޮތަށް ކަންކަން ކުރެވިގެން ކަމަށެވެ. ސަރުކާރުގެ މިނިންމުމަކީ އުތުރާއި ދެކުނުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުންއައި އިންތިޒާރެއް ކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި އެކަމުގެ މަންފާ އުތުރާއި ދެކުން ދާދި އަވަހަށް ފެނިގެން ދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް ޔާސިރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވަނީ ހާމަ ކުރަށްވާފައެވެ.

މިނިސްޓަރު ފައްޔާޒު ހާމަކުރަށްވާފައިވާ ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް ނަގާ ކުލި ކުޑަކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ހދ. އަދި ހއ. އަތޮޅުގައި ކުލީގެ ގޮތުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ 2 ޑޮލަރެވެ. އެންމެ ގިނަވެގެން ނަގާނީ 5 ލައްކަ ޑޮލަރުގެ ކުއްޔެވެ.

އައްޑޫއާއި ފުވައްމުލަކުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ 1 ޑޮލަރެވެ. އަދި އެންމެ ގިނަވެގެން ކުލީގެ ގޮތުގައި ނަގަން ހަމަޖެހިފައި ވަނީ 400،000 ޑޮލަރެވެ. އަދި ށ.، ގއ.، ގދ.، ތ.، އަދި ލ. އަތޮޅުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ3 ޑޮލަރެވެ. އެންމެ ގިނަވެގެން ނަގަން ހަމަޖެހިފައި ވަނީ 8 ލައްކަ ޑޮލަރެވެ.