ކައުންސިލްތަކާއި، އެލްޖީއޭ އުވާލުމަށް ގޮވާލައި ހުށަހެޅި ޤަރާރު ފަދަ ޤަރާރުތަކަށް ވަގުތު ބޭކާރުނުކޮށް އަވަސްވެ ގަންނަންވީ އަވަހަށް އެޖެންޑާ 19 ހާސިލް ކުރަން ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

އޭނާ އެހެންވިދާޅުވީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކައުންސިލްތަކާއި، އެލްޖީއޭ އުވާލުމަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ހުށަހަޅުއްވާފައިވާ ޤަރާރަށް އިޝާރާތް ކުރަށްވައެވެ.

Ad
rt

އެޖެންޑާގައި އެ ޤަރާރު ހިމަނާފައިވާ ބައިގެ ފޮޓޯއެއް ޓުވީޓުގައި ހިއްސާ ކުރަށްވައި އޭނާ ވިދާޅުވީ އެ ފަދަ ކަންކަމުގައި ބަހުސްކޮށް މަޖިލިސް ވަގުތުތަށް ނަގާލުމުން ރައްޔިތުން މާޔޫސްވުން ނޫންކަމެއް ނުވާނެ ކަމަށެވެ. އަދި އަވަސްވެ ގަންނަންވީ އެޖެންޑާ 19 އަވަހަށް ހާސިލްކުރަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

" މިފަދަ ކަންކަމުގައި ބަހުސްކޮށް މަޖުލިސްވަގުތުތަށް ނަގާލުމުން ރައްޔިތުން މާޔޫސްވުން ނޫންކަމެއް ނުވާނެ. އަވަސްވެގަންނަންވީ އެޖެންޑާ 19 އަވަހަށް ހާސިލްކުރަން."

މެމްބަރު މުޙައްމަދު ޝިފާޢު

ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް އުވާލުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނަމުގައި އުފައްދާފައިވާ މުއައްސަސާ އުވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ އެޖެންޑާގެ އިބްތިދާއީ ބަހުސްގެ ފުރަތަމަ ނަމްބަރަށެވެ.

19 ވަނަ މަޖިލިސް ފެށުނު ފަހުން މެމްބަރުން ގެންދަވަނީ ފުލުފުލުގައި ގިނަ ޤަރާރުތަކެއް މަޖިލިސްއަށް ހުށަހަޅުއްވައި، އޭގެ ތެރެއިން ގިނަ ޤަރާރުތަކަށް ބަހުސް ކުރެއްވުމުގައި ވަގުތުތައް ހޭދަ ކުރައްވަމުންނެވެ. މަޖިލިސްއަށް ހުށަހެޅޭ ޤަރާރެއް މަޖިލިސްއިން ފާސްކުރި ނަމަވެސް، މަޖިލިސް ޤަވާޢިދު ބުނާގޮތުން އެ ޤަރާރަށް އަމަލު ކުރުމަކީ ލާޒިމް ކަމެއް ނޫނެވެ.