ހދ. ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފިއެވެ.

ވައިކަރަދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ބުނެފައިވަނީ މިއީ ދެމީހުން ނާއިއެކު ދަތުރު ކުރި ލޯންޗެއްކަމަށެވެ. ވާފިރު ބުނެފައިވަނީ މިއީ ޓުވިންސް 1 ނަމަކަށް ކިޔާ ލޯންޗެއްކަމަށާއި މި ލޯންޗު ވައިކަރަދޫގެ ފަރުތެރެއަށް ރާޅާ ޖަހާލާފައިވާކަމަށެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހދ. ނައިވާދޫ ލޯންޗެކެވެ. ފަރަށް އެރުމުގެ ސަބަބުން ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ވާފިރު ބުނެފައިވެއެވެ. މިހާރު މިލޯންޗުވަނީ ވައިކަރަދޫ ރައްޔިތުންނިކުމެ ވައިކަރަދޫއަށް އެހެލާފައެވެ.

މިހާދިސާއާއި ގުޅިގެން އިތުރު މަޢުލޫމާތު ހިއްސާ ކުރަމުން ވާފިރު ބުނެފައިވަނީ ވައިކަރަދޫ އިން ފުރައިގެން ލޯންޗު ދަތުރު ކުރަމުން ދަނިކޮން އިންޖީނަށް މައްސަލައެއް ދިމާވެފައިވާކަމަށް ކެޕްޓަން ބުނެފައިވާ ކަމަށެވެ. ކަނޑުގަދަ ވުމުގެ ސަބަބުން ލޯންޗުގެ ކޮންޓުރޯލު ގެއްލި ވައިކަރަދޫ ފަރުމަށްޗަށް ރާޅާ އެކު އުރިފައިވާކަމަށެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ 48 ގަޑިއިރުތެރޭގައި ނުރައްކާތެރި ކަނޑުމަތީގެ ތަފާތު 05 ހާދިސާއެއްގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސކިއު ކޯޑިނޭޝަން ސެންޓަރަށް ވަނީ ލިބިފައެވެ. މީގެތެރޭގައި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތަކާއި އުޅަނދުފަހަރު އަޑިއަށް ދިއުންފަދަ ހާދިސާތައް ވަނީ ހިނގާފައިކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.


މިގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. ޚާއްޞަގޮތެއްގައި މުދާއުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރައްވާއިރު ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި އަދި މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލްކުރުމާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވާފައިވެއެވެ. ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް އެމްއެންޑީއެފްއިން ވަނީ ދަންނަވާފައެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދެއެވެ.