ރޭ އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމް ހޮސްޓްސްޕާސް އާއި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗުން ލެސްޓާރ ބަލިވުމާއި ގުޅިގެން އެ ޓީމަށް ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެއެވެ.
ރޭ ޓޮޓެންހަމްގެ ވައިޓް ހާޓްލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި ޓޮޓެންހަމްއިން ކާމިޔާބުކުރި ތިން ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓްގައި ލެސްޓާރގެ ޖޭމްސް ޖަސްޓިންގެ އަތުން ބައިކޮޅަށް ވަދެފައިވާއިރު، މެޗުގައި ޓޮޓެންހަމުން ދެން ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ލޫކަސް މޯރާ ތަނަވަސްކޮށްދިން ފުރުޞަތުތަކުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭންއެވެ. ކޭންގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައިވާއިރު ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 40 ވަނަ މިނެޓްގައެވެ. މެޗުން ބަލިވި ނަމަވެސް މުޅި މެޗުގައި ލެސްޓަރއިން ވަނީ މޮޅަށް ކުޅެފައެވެ.
ލެސްޓާރ މިވަގުތު 37 މެޗުން 62 ޕޮއިންޓް ހޯދައިގެން ލީގުގެ ހަތަރުވަނާގައި އޮތްއިރު، އެއްމެޗު މަދުންކުޅެ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން މެންޗެސްޓާރ ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ ފަސް ވަނާގައެވެ. މާދަމާ ރޭ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެނަމަ މެންޗެސްޓާރ ޔުނައިޓެޑް ގަދަ ހަތަރަކަށް ވަންނާނެ އެވެ. ލީގްގެ އެންމެ ފަހު މެޗުގައި، ލެސްޓާ އާއި ޔުނައިޓެޑް ކުޅޭ މެޗަކީ ފޯރިގަދަވެގެންދާނޭ މެޗެކެވެ.
ރޭ މެޗުން މޮޅުވުމުން ޓޮޓެންހަމުން ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުން އަނަން މަސައްކަތަށް ވަނީ އުންމީދެއް ލިބިފައެވެ. މިވަގުތު އެ ޓީމު އޮތީ ކުޅުނު 37 މެޗުން 58 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ 6 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!