ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ މައްސަލަތައް ބާޠިލްކުރި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، 2 މަސްދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

މިކަން ހާމަކުރައްވައި ޖުޑީޝަލް ސަރވިސްކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވެފައިވަނީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އޭނާ ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނުން ތަޙްޤީޤުކުރަމުންދާތީކަމަށެވެ.

Ad
rt

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ޤާޟީ އިސްމާއިލް ރަޝީދު ބާތިލުކުރެއްވީ އަދީބާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުންތަކާ ބެހޭގޮތުން މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، ގޮތެއް ނިންމަވަމުންނެވެ.

އެ ނިންމެވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އަދީބުގެ އެ މައްސަލަ ނިންމެވީ ހުށަނާޅާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، ޤާޟީ އިސްމާއިލް ރަޝީދަށް އަމިއްލައަށް ފެންނަ ފެނުމަކަށް ކަމަށް ވިދާޅުވެ އޭނާއަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ޖޭއެސްސީއަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ބަލަން ނިންމައި އެކަމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާކަން ޖޭއެސްސީން ހާމަކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޤާޟީ އިސްމާއިލް ރަޝީދު ވަގުތީގޮތުން 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން ބުނީ، ޤާޟީ އިސްމާއިލް ރަޝީދު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނައިރު، އެ މައްސަލައިގެ ބާވަތަށައި މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެއްކަށާއި ތަހުގީގުކުރުމަށް އެޅިދާނެ ހުރަހަށް އަދި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.

ޖޭއެސްސީން ބުނީ، އެ މައްސަލައިގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކުރިކަމަށް ތުހުމަތުކުރެވޭ އަމަލުތަކުގެ ތަފްސީލު ތަހުގީގުކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން އާންމުކުރެވޭނެ ކަމަށެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. އެ ހުރިހާ ދައުވާއެއް ބާތިލް ކުރުމުން އަދީބު މިހާރު ވަނީ މިނިވަންވެފަ އެވެ.

ނަމަވެސް އެ މައްސަލަތައް ބާތިލްކުރި މައްސަލަ ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގެ އިސްތިއުނާފު ކޮށްފަ އެވެ. އަދި އަދީބު ފިލައިގެން ގޮސްފާނެތީ އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.