16 އަހަރުގެ މެދުކެނޑުމަކަށް ފަހު ލީޑްސް ޔުނައިޓެޑް އިންގްލިޝް ޕްރިމިއަ ލީގަށް ކޮލިފައި ވެއްޖެއެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަން ކަމުގައިވާ ޗެމްޕިއަންޝިޕްގައި ދެ ވަނައިގައި އޮތް ވެސްޓް ބްރޮމްވިޗް، ހަޑާސްފީލްޑް އަތުން 2-1 ބަލިވުމުން އެއްވަނައިގައި އޮތް ލީޑްސް ޔުނައިޓެޑް ޕްރިމިއާ ލީގަށްވަނީ ކޮލިފައިވެފައެވެ.

Ad
rt

ޗެމްޕިއަންޝިޕް ކާމިޔާބު ކުރަން، ލީޑްސްއަށް ބޭނުންވެފައި އޮތީ ދެ ޕޮއިންޓެވެ. އެހެން ނަމަވެސް ހަޑާސްފީލްޑުން، ވެސްޓް ބޮރޮމޮވިޗް ބަލި ކުރުމުން، ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ލީޑްސްއަށް ވަނީ ލިބިފައެވެ. ވެސްޓް ބްރޮމޮވިޗަށް ބާކީ އޮތީ އެއް މެޗެވެ. ކްއީންސް ޕާކް ރޭންޖާސް އާ ދެކޮޅަށް ކުޅޭ އެ މެޗުން މޮޅުވިޔަސް ލީޑްސް އާ ހަމަ ކުރެވޭނެ ގޮތެއް ނެތެވެ.

ލީޑްސް ޔުނައިޓެޑަކީ ޕްރިމިއަ ލީގުގައި ދެހާހުގެ އަހަރުތައް ފެށުނު އިރުވެސް މޮޅުކުޅުމެއް ދައްކަމުން އައިސްފައިވާ ޓީމެކެވެ. ނަމަވެސް ދިމާވި މާލީދަތިތަކާއި އަދި މިނޫންވެސް މައްސަލަތަކާއި ގުޅިގެން އެ ޓީމު ޕްރިމިއަ ލީގުން ރެލިގޭޓްވެފައިވަނީ 2004 ވަނަ އަހަރުއެވެ.

ރެލިގޭޓްވި ފަހުން ޕްރިމިއަ ލީގަށް ކޮލިފައިވުމަށް އެ ޓީމުން ކުރަމުން އައި މަސައްކަތް ކާމިޔާބު ކުރުމުގައި މިވަގުތު އެ ޓީމުގެ ކޯޗުގެ މަޤާމުގައި ހުރި އާޖެންޓީނާގެ މާސެލޯ ބިއެލްސާގެ މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ. އޭނާ ހަވާލުވެ އެ ޓީމުގެ ކުޅުންވަނީ ވަރަށް ބޮޑުތަން ރަނގަޅުކޮށް ޓީމުލައްވާ މޮޅަށް ކުޅުވާފައެވެ.