ފާއިތުވި އަހަރަކީ ކަސްޓަމްސްގެ ޚިދުމަތް ހަލުއިކޮށް ލުއިފަސޭހަކުރުމަށް މުހިއްމު ކާމިޔާބުތަކެއް ހޯދުނު އަހަރެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އިން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްވި ޚިޠާބުގައެވެ.
އެ ޚިޠާބުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ކޯވިޑް-19 އާއި ގުޅިގެން ފެތުރިފައިވާ ބިރުވެރިކަމާއި އެކުވެސް ދިވެހިރާއްޖޭގެ ދޮރޯށި ބެލެހެއްޓުމުގައި ކަސްޓަމްސް އޮފިސަރުން ސާބިތުކަމާއެކު ފަސްޖެހުމެއްނެތި ކުރަމުންދާ ހިތްވަރުގަދަ ޚިދުމަތް ފާހަގަކުރައްވާފައެވެ.
ފާއިތުވި އަހަރަކީ ކަސްޓަމްސްގެ ކުރިއެރުމަށާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށާއި، އެގޮތުުން ކަސްޓަމްސްގެ ޚިދުމަތް ހަލުވިކޮށް ލުއިފަސޭހަކުރުމަށް މުހިއްމު ކާމިޔާބުތަކެއް މިދިޔަ އަހަރު ހޯދުނުކަން ޝަރީފްގެ ޚިޠާބުގައި ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިދިޔަ އަހަރަކީ ކަސްޓަމްސްގެ މުވައްޒަފުންގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިއްމު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.
އެގޮތުން ކަސްޓަމްސްގެ މުވައްޒަފުން ތަމްރީނުކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރުމާއި، 6 އަހަރު ދުވަހަށްފަހު، ކަސްޓަމްސްގެ 400 އަށްވުރެ ގިނަ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދީފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.
" ޙާޞިލްކުރެވުނު ލަނޑުދަނޑިތަކުގެ ތެރޭގައި، ކުރިއަށް އޮތް ފަސްއަހަރަށް އަމާޒުކޮށް ކަސްޓަމްސްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާއި، މަސްތުވާތަކެއްޗާއި އެހެންވެސް މަނާތަކެތި އެތެރެވުން ހުއްޓުވުން ހަރުދަނާކުރުމަށްޓަކައި ގްލޯބަލް ޓްރެވެލް އެސެސްމެންޓް ސިސްޓަމް ޤާއިމުކުރުމާއި، އިންޓަޕޯލާއެކު މަޢުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ"
ޝަރީފް ވިދާޅުވިއެވެ.
ކަސްޓަމްސްގެ ދިގު މާޒީގައި މުއައްސަސާ ނަގަަހައްޓަމުން އައި މުހިއްމު އަގުކުރުންތަކާ ފުށުއަރާ ބައެއް ޢަމަލުތައް މަދުމަދުން ނަމަވެސް ހިނގާފައިވާކަމަށާއި އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށް ވެސް އެ ޚިޠާބުގައި އޭނާ ވިދާޅުވިއެވެ.
Greetings on the occasion of the 130th Anniversary of Maldives Customs Service.@MariyaDidi pic.twitter.com/B9iIYcUiqH
— Maldives Customs (@CustomsMv) July 18, 2020
130 އަހަރުގެ ޚިދުމަތް ގުނަމުންދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ތާރީޚުން ފެންނަން އޮތް ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ މުވައްސަސާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!