ހެޔޮބަހެއްގެ މިސާލަކީ މީރުމޭވާއަޅާ ހެޔޮ ގަހެކެވެ. ނުބައި ބަހެއްގެ މިސާލަކީ ނުބައިމޭވާ އަޅާ މުޑުދާރު ގަހެއްގެ މިސާލެވެ.

ކީރިތި ޤުރްއާނުގައި ހެޔޮބަހެއްގެ މިސާލު ޖައްސަވާފައިވަނީ މީރުމޭވާއަޅާ ހެޔޮ ގަހެއްގެ މިސާލުންނެވެ. ނުބައި ބަހެއްގެ މިސާލަކީ ނުބައިމޭވާ އަޅާ މުޑުދާރު ގަހެއްގެ މިސާލެވެ.

Ad
rt

ކީރިތި ޤުރްއާނުގައި ހެޔޮބަސްތައް ބުނުމަށް އަމުރުކުރައްވާފައި އާޔަތްތަކުގައި ﷲ سبحانه وتعالى ވަހީކުރައްވާފައިވާ ބަސްފުޅުތަކަށް ބަލާއިރު "الحكمة " "قَولاً بَلِيغًا " "قَوْلاً لَيِّنًا " މިފަދަ ބަސްތައް ހިމެނެއެވެ. އާދެ! އިސްލާމްދީނަށް ގޮވާލާއިރު ޙިކްމަތްތެރި ބަސްބުނުމަށް އަމުރުކުރެއްވިއެވެ. އަދި މީސްތަކުންނާއި ވާހަކަ ދައްކާއިރު ރީތި ބަލާޣާތްތެރި ބަސްތައްބޭނުންކުރުމާއި، އަދި ނިޔަނެތި ލުއި ބަސްތަކުން މުޚާޠަބު ކުރުމަށް އެންގެވިއެވެ.

ތިމާ އިސްލާމްދީނަށްވަދެވުނުކަން އިޢްލާންކުރެވެނީ ތިމާގެ ދުލުންބުނާ އެންމެ ބަހަކުންނޫންތޯއެވެ؟ އަދި އެދީނުން ބޭރުވެދިއުމަށް ދުލުންބުނެލާބަހެއްގެ ދައުރު ކުޑަކަމުގައި ނުދެކެމުތޯއެވެ؟

އެއްފަހަރެއްގައި الإمام الحسن البصرى އަށް ދެންނެވުނެވެ. ކަލޭގެފާނުބަސްފުޅުވިދާޅުވާލެއް ހާދަމަދެވެ. އަލްއިމާމު ވިދާޅުވިއެވެ. ކޮންމެ ކަލިމައެއްވެސް ބުނުމުގެ ކުރިން އަހުރެން އެކަލިމައެއް ވަޒަންކޮށް ކިރާލަމެވެ.އެއިން ހެޔޮޘަވާބެއް ލިބޭނެކަމަށް ފެނިއްޖެނަމަ އެކަލިމައެއް ބޭނުންކުރަމެވެ. އަދި އެނޫންގޮތަކަށް ފެނިއްޖެނަމަ އެފަދަ ކަލިމައެއް އަހުރެން ބޭނުންނުކުރަމުއެވެ. ގިނަފަހަރަށް ވިސްނެނީ ބުނެވޭބަހަކުން ނުވަތަ ދެއްކޭ ގިނަވާހަކަތަކަކީ އަހުރެންނަށް ފައިދާއެއް ނުކުރާނެ ބަސްތަކަކަށް ވެދާނެ ކަމަށެވެ. އަހުރެން ބަސްމަދުވެފައި ހުއްޓައި ތިޔަފެންނަނީ އެސަބަބަށްޓަކައެވެ.

ތިމާގެ ދުލުން ބުނާ ބަހަކީ އެއާމެދު ތިމާ ޒިންމާދާރުވާންޖެހޭނެ އެއްޗެކެވެ. ބަސްބުނުގެ ކުރިން އެއާމެދު ފުންކޮށްވިސްނައި އެއިންކޮންފާނެ އަސަރާމެދު ފިކުރުނުކޮށް އެބަހެއް ނުވަތަ ކަލިމައެއް ދުލުން ބޭރުނުކުރުމަކީ ސަމާލުމާން ޖެހެއެވެ.

الخليفة هارون الرشيد ގެ ގަނޑުވަރުގައި މަސައްކުރި އަޅުޚާދިމަކު މިނިވަންވުމަށް ފުރުސަތު ލިބުނުގޮތް އިސްލާމީ ތާރީޚުގައި އައިސްފައެވެ. އެގޮތުން އެއަޅު ޚާދިމު ޚަލީފާއަށް ހޫނުފެންކުރައެއް އެރުވަން މަސައްކަތް ކުރިއެވެ. މިކަމުގެ ތެރޭގައި އެހޫނުފެންކުރައިން ޖެހި ޚަލީފާ ހާރޫނު އައްރަޝީދުގެ އަތްޕުޅު ޒަޚަމްވެވަޑައިގަތެވެ. ވަރަށްބޮޑަށް ކޯފާއިސްކުރައްވައި ބަސްފުޅެއް ވިދާޅުވާން ފެއްޓެވުމުން އެއަޅު ޚާދިމު ވަރަށް ފުންކޮށް ވިސްނެވުމަށްފަހު ކީރިތި ޤުރްއާނުގެ އާޔަތެއް ޚަލީފާގެ ހަނދުމަފުޅަށް ގެންނެވިއެވެ. އެއާޔަތަކީ : وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ (134)

" އަދި ރުޅިމަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މަޢާފުކުރާމީހުންނެވެ. އިޙްސާންތެރިންދެކެ މާތް ﷲ ލޯބިވެވޮޑިގެންވެއެވެ. "

މިއާޔަތް އަޑުއައްސަވައި ކޯފާމަޑުކުރައްވައި، މަޢާފުކުރެއްވުމަށްފަހު، މާތް ﷲ އިޙްސާންތެރިންނަށް ލޯބިކުރައްވާނެ ކަމަށް ވަޙީކުރައްވާފައިވާތީ އެންމެފަހުން الخليفة هارون الرشيد އެޚާދިމު މިނިވަންކުރެއްވީއެވެ.

ތިމާގެ ދުލުން ބޭރުކުރާ ބަސްތަކާމެދު އާޚިރަތުގައި ޖަވާބުދާރީ ކުރެވޭނެއެވެ. އެއްފަހަރަކު މާތްރަސޫލާގެ ޞަޙާބީއަކު ދެންނެވިއެވެ. " އަހަރުމެން ބުނާބަސްތަކުން އަހަރުމެން ފާފަވެރިވެދާނެތޯއެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ.

"މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓާލެވެނީ އެމީހުންގެ ދުލުން ކެނޑި ގޮވާމެއްގެ ސަބަބުން ނޫންހެއްޔެވެ؟"

މުރާދަކީ އެމީހުންގެ ދުލުން ބޭނުންކުރި ނުބައި ބަސްތަކެއްގެ ސަބަބުންނެވެ.

މިދެންނެވި ކަންކަމާހުރެ އަހަރުމެން އެންމެންވެސް ބަސްބުނުމުގައި ޒިންމާދާރުވާންވާނެއެވެ. އެބަހެއް ބުނުމުގެ ކުރިން އެބަހެއް އިސްލާމީ އުޞޫލުގެ ތަރަހައިން ކިރާލައި ވަޒަންކޮށްލަންވާނެއެވެ. އަބަދުވެސް ތިމާގެ ދޫ ބާއްވަންވާނީ ބުއްދީގެ ފަހަތުގައެވެ. އެއްވެސް ޙާލެއްގައި ބުއްދިއަށްވުރެ ކުރީގައި ތިމާގެ ދޫ ބާއްވައިގެންނުވާނެއެވެ.

ބުއްދިވެރި ކަމާއެކު ބަސްބުނާނަމަ ތިމާއަށާއި މުޖުތަމަޢަށް ކޮޅުނެއްކޮޅަށް މަންފާކުރާނެއެވެ. އެހެންނަމަވެސް ވިސްނާނުލައި ބަސްބުނެއުޅޭނަމަ ތިމާގެ އަގުވެއްޓި މުޖުތަމަޢުތައް ފަސާދަވެ ހިގައިދާނެއެވެ.