އަވަށްޓެރި އިންޑިއާއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރައިފިއެވެ. އެ ޤައުމުން މިހާތަނަށް ވަނީ 1,005,871 މީހުންނަށް މިބަލި ޖެހިފައެވެ.

މިއަދުވެސް މިހާތަނަށް އެ ޤައުމުން އަލަށް 234 ކޭސް ރިޕޯޓްކޮށްފައި ވާއިރު، މިއަދު މިހާތަނަށް ވަނީ 13 މީހުން މަރުވެފައެވެ. އެ ޤައުމުން ވަނީ ބަލީގެ ބިރު ބޮޑުވުމުން އަލުން ބައެއް ސްޓޭޓްތަކާއި، ސިޓީތައް ލޮކްޑައުންކޮށް، ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. ެއެ ޤައުމު މިހާރު އޮތީ ދުނިޔޭގެ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓްގެ 3 ވަނާގައި އެވެ.

Ad
rt

އިންޑިއާގެ ކޯވިޑް-19 އާއި ގުޅޭ ފަހުގެ ހިސާބުތައް، 17 ޖުލައި 2020، ދިވެހިރާއްޖެ ގަޑި، މެންދުރު 13:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓިވްވި މީހުންގެ ޢަދަދު: 1,005,871
މަރުވި މީހުންގެ ޢަދަދު: 25,622
ރަނގަޅުވި މީހުންގެ ޢަދަދު: 636,727

ބަލީގެ ބިރު ބޮޑުވެ، އެ ޤައުމުގައި އަލުން ލޮކްޑައުނަކަށް ދިޔަ ސިޓީ ތަކުގެ ތެރެއިން އެއް ސިޓީއަކީ 13 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ބެންގަލޫރެވެ. ދުނިޔޭގެ އެތައް ކުންފުންޏަކުން މަސައްކަތްކުރާ ބެންގަލޫރަކީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޯލޮޖީ ސިނާއަތުގެ މައި ހަބެވެ.

ބަލީގެ ހާލަތު ގޯސްވެ، ބެންގަލޫރު ހަފްތާއަކަށް އަލުން ލޮކްޑައުންކުރި ނަމަވެސް ދެބައިކުޅަ އެއްބައި މުވައްޒަފުންނާއެކު ކުންފުނިތަކުގެ އޮޕަރޭޝަންސް ހުއްޓާނުލާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރުކާރުންވަނީ ދީފައެވެ. އަދި އިމަޖެންސީ ބޭނުމަށް ފިޔަވައި ޓްރާންސްޕޯޓް އެއްކޮށް ހުއްޓާލާފައިވާއިރު، ޟަރޫރީ ތަކެތި ވިއްކާ ފިހާރަތައްނޫން ހުރިހާ ތަންތަނެއްވަނީ ބަންދުކޮށްފައެވެ.

ރައްޔިތުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެގޮތުން 125 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ އަދި އިންޑިއާގެ އެންމެ ފަގީރު ސްޓޭޓް ކަމަށްވާ ބިހާރު ސްޓޭޓް ބުރާސްފަތި ދުވަހުންފެށިގެން 15 ދުވަހަށް ލޮކްޑައުން ކުރުމަށް ސްޓޭޓް ސަރުކާރުންވަނީ ނިންމާފައެވެ.

އިންޑިއާގެ ހުޅަނގު ސިޓީއެއް ކަމަށްވާ ޕޫނޭއާއި، 200 މިލިއަން މީހުން ހިމެނޭ އުއްތަރް ޕްރަދޭޝް، ޓެމިލް ނާޑޫ، އާސާމް އަދި ޝްރީނަގަރުންވެސް ވަނީ އިތުރު ފިޔަވަޅުތައް އަޅާފައެވެ.

އިންޑިއާގެ ވިޔަފާރީގެ މައި ހަބް މުމްބާއީއާއި، ވެރިރަށް ނިއުދިއްލީގެ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެދެ ރަށުން އެކަނިވެސް ހަތަރު ލައްކަށްވުރެ ގިނަމީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.

ވެސްޓް ބެންގާލްގެ ހާލަތުވެސް ގޯސްވެފައިވާއިރު އެ ސަރަހައްދުގެ ގިނަ ޢަދަދެއްގެ ފްރަންޓްލައިން ޚިދުމަތްތެރީން ބައްޔަށް ޕޮޒިޓިވްވެ، ފުރާނައަށް ނުރަށްކާވެފައިވާ ކަމަށް އެ ސިޓީގެ ޗީފް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެ ސިޓީ އަލުން ލޮކްޑައުންނަށް ދިޔައިރު ފްރަންޓްލައިންގައި މަސައްކަތްކުރާ 268 ފުލުހަކަށާއި، 30 ޑޮކްޓަރުންނަށާއި، 43 ނަރުހަކަށާއި އަދި 60 ސަރުކާރުގެ އޮފިޝަލުން ވަނީ ބަށްޔަށް ހުށަހެޅިފައެވެ.

މިހާތަނަށް ދުނިޔޭގެ މިބަލި ޖެހުނު މީހުން 14 މިލިއަނާއި ކައިރިކޮށް މިހާތަނަށް ވަނީ 13,961,716 މީހުންނަށް މިބަލި ޖެހިފައެވެ. މިހާތަނަށް 8,294,752 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ. އަދި 593,016 މީހުން ވަނީ ބަލީގައި މަރުވެފައެވެ.