މާލެއިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި "ރަންތަރި" ދޯނިން ދަތުރުކުރި 27 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ 2020 ޖުލައި 17 ވަނަ ދުވަހުގެ މެންދަމު 02:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަންދޫ ނެރުން ދޯނި ވަތް އިރުވެސް އެމީހާ ދޯނީގައި ހުރިކަމަށާއި، ނަމަވެސް ފާލަމާއި ކައިރިކުރިއިރު އެމީހާ ދޯނީގައި ނެތްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގައި ހޯދަމުންދަނީ އދ.މަންދޫ، ރަތްވިލާގެ، އުމުރުން 27 އަހަރުގެ ޢަލީ ޝާހު ކަމަށެވެ. މީނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި މީހާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
މި ޒުވާނާއަކީ ހޯމް ކަރަންޓީނު ވުމަށް ރަށަށް ދަތުރުކުރި މީހެއް ކަމަށް އޭނާ ދަތުރު ކުރި ދޯންޏާއި ހަވާލާދީ އެންއެންޑީއެފުން ވަނީ ބުނެފައެވެ.
މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެށް ކަމަށާއި، އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!