ކޯވިޑް-19 އާއި ގުޅިގެން ދިމާވާ ކަންކަމުގައި ޚަރަދުކުރުމަށް " ކޯވިޑް-19 ރިލީފް ފަންޑު " ގެނަމުގައި ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވި މިފަންޑުގެ ބޭނުމަކީ ކޯވިޑް-19 އާއި ގުޅިގެން ރަށު ކައުންސިލްތަކުން ކުރަންޖެހޭ މުހިންމު ޚަރަދުތައް ކުރެވޭނެގޮތް ހަމަޖައްސައި ދިނުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

Ad
rt

އެކައުން ސިލުން ވަނީ މިފަންޑަށް ތިންލައްކަ ރުފިޔާ ކަނޑައަޅާފައި އެވެ.

ފަންޑުން ފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލްގެ 153 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވަނީ ކޯވިޑް-19 އަތޮޅު އިމަންޖެންސީ އޮޕަރޭޝަން ސެންޓަރު ހިމެނޭގޮތަށާއި ހއ. އަތޮޅު 14 ރަށުގައި ގާއިމްކޮށްފައިވާ އޮޕަރޭޝަން ސެންޓަރުތައް ހިމެނޭގޮތަށް ކަމަށް އެ ކައުންސިލުން ވަނީ ހާމަ ކުރަށްވާފައެވެ.

ހއ. އަތޮޅު ކައުންސިލުން މަޢުލޫތު ހާމަ ކުރަށްވާފައިވާ ގޮތުގައި އެ ފަންޑުން ރަށު އިމަޖެންސީ ސެންޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެލައްކަ ފަންސާސް ހާސްރުފިޔާގެ %50 ހުރިހާ ރަށަކަށް ހަމަހަމައަށް ދޫކުރުމަށެވެ. އަދި އަނެއް %50 އެރަށަކުން ޚިދުމަތް ދޭންޖެހޭ އާބާދީއަށް ނިސްބަތްކޮށް ދޫކުރުމަށް އެކައުންސިލުން ވަނީ ނިންމާފައެވެ.

އެ ކައުންސިލުން މިހާރު ވަނީ ރަށު އިމަޖެންސީ ސެންޓަރުތަކަށް ދޫކުރުމަށް ކަނޑައެޅި ފައިސާ ރަށުކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ދީފައި ކަމަށް އެކައުންސިލް ބުންޏެވެ.

އެ ފަންޑުގެ ދަށުން އަތޮޅު އިމަޖެންސީ ސެންޓަރަށް ދޫކުރުމަށް އެ ކައުންސިލުން ހަމަޖެހިފައިވަނީ ފަންސާސް ހާސް ރުފިޔާ ކަމަށްވެސް ހއ. އަތޮޅު ކައުންސިލުން ވަނީ ހާމަ ކުރަށްވާފައެވެ.

ހއ. އަތޮޅުގެ މީހުން އުޅޭ 14 ރަށުގެ ޖުމްލަ ޢާބާދީ ބާވީސް ހާހަށްވުރެ މައްޗެވެ. މަޢުލުމާތު ލިބިފައި ވާގޮތުގައި މިއީ ކޯވިޑާއި ގުޅިގެން އަތޮޅު ކައުންސިލަކުން މިފަދަ ފަންޑެއް ހުޅުވި ފުރަތަމަ ފަހަރެވެ.