ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ މިއަދު އިންތިހާބުކޮށްފި އެވެ.
އެލްޖީއޭއިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު އެ އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް މުޙައްމަދު މާހިރު ޢީސާ މިއަދު އިންތިޚާބު ކޮށްފައި ވާކަމަށެވެ. މާހިރު އެ މަޤާމަށް އިންތިޚާބު ކުރީ އެލްޖީއޭގެ 10 ވަނަ ބޯޑު ބައްދަލުވުމުގައި އެވެ.
މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނާ އެކު ޖޫން މަހުގެ 9 ވަނަ ދުވަހު ވަނީ އެލްޖީއޭ ބޯޑަށް ހަތް ބޭފުޅަކު އައްޔަންކުރައްވާފައެވެ.
އެލްޖީއޭގެ ބޯޑުގައި ތިއްބަވާ ބޭފުޅުން
- (ރައީސް) އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހޯމްއެފެއާޒް (ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރު)
- އަލްފާޟިލް މުޙައްމަދު ޝިހާބު، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް / ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- އަލްފާޟިލް އަޙްމަދު ސަމީރު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް
- އަލްފާޟިލާ ފާޠިމަތު އަފްޝަން، ލަޠީފް ޗީފް އެގްޒެކެޓިވް އޮފިސަރ (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން
- އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް
- އަލްފާޟިލް އަޙްމަދު ޝަރީފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް
- އަލްފާޟިލާ ފާޠިމަތު ނިޢުމާ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު މި އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ، 10 ވަނަ ބޯޑު ބައްދަލުވުމުގައި އިންތިޚާބު ކުރައްވައިފި . pic.twitter.com/MeYizNcEVf
— Local Government Authority (@lgaMaldives) July 16, 2020
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު ވުޖޫދަށް އައުމާއި ގުޅިގެން މިހާރު ހުރި ކައުންސިލްތަކުގެ ދައުރު ވަނީ އައު ކައުންސިލްތައް އިންތިޚާބު ކުރެވެންދެން ދެމިގެން ގޮސްފައެވެ.
އާ ކައުންސިލަރުން ހުވާ ކުރެވެންދެން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ބިންތައް ވިއްކުމާއި ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ކައުންސިލް ޒިންމާވާ ގޮތަށް ދަރަނި ނެގުމާއި އާއްމު ހިދުމަތްތަކަށް އިންވެސްޓް ކުރުމާއި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި މުވައްޒަފުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ކަންކަން ކުރުމަށް އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.
އިންތިގާލީ މުއްދަތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލްތަކުން ދީ، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަކީ އެލްޖީއޭގެ ޒިންމާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!