ދެެއިރު ދެ ދަޅަޔަށް ޗައިނާޢަށް ބަވާ އެއްޗެހި ކިޔުމަށްފަހު، މިހާރު ފަށާ މަޝްވަރާތަކަކުން އެކަށީގެންވާ ނަތީޖާއެއް ހޯދި ދާނެތޯ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ސުވާލު އުފައްދަވައިފިއެވެ.

ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެެއިރު ދެ ދަޅަޔަށް ޗައިނާޢަށް ބަވާ އެއްޗެހި ކިޔުމަށްފަހު، މިހާރު ފަށާ މަޝްވަރާތަކަކުން އެކަށީގެންވާ ނަތީޖާއެއް ހޯދިދާނެތޯ އެވެ.

Ad
rt

ޢަލީ މިހެން ވިދާޅުވީ "‏ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް މާދަމާ ފަށަނީ" މި ސުރުޚީގެ ދަށުން ނޫހަކުން އިއްޔެ ގެނެސް ދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާއާއި އެކު ރާއްޖެ އިން މަތީ ފެންވަރުގެ މަޝްވަރާތަކެއް މިއަދު ފަށާނެ ކަމަށެވެ. މިގޮތުން ރާއްޖެ އާއި ޗައިނާގެ އޮފިޝަލުން މިއަދު ފަށާ ބައްދަލުވުމުގައި މަޝްވަރާކުރާނީ ބޯޑަރު ހުޅުވުމާއި ޓޫރިޒަމަށް އަމާޒުކޮށްގެން ކަމަށާއި، އެކަމަކު ފުޅާދާއިރާއެއްގައި ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކާނެ ދާއިރާތަކުގެ ތެރޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމާއި އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުން، ޓޫރިޒަމް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނެ އެވެ.

މިއަދުގެ ބައްދަލުވުމަކީ ޑިރެކްޓާ ޖެނެރަލުންގެ ފެންވަރުގައި ދެ ގައުމުން ބާއްވާ ފުރަތަމަ މަޝްވަރާތަކެވެ. ބަލިމަޑުކަމެއް ފެތެރެމުން ދަނިކޮށް ވެސް ޗައިނާ އިން އިސްނަގައިގެން މިފަދަ ބައްދަލުވުމެއް ބާއްވާތީ ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔާ ކަަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު ފަށާ މަޝްވަރާ ތަކާއި މެދު މެމްބަރު ޢަލީ ސުވާލު އުފެއްދެވި އިރު ރައްޔިތުންގެ މަޖިލިސްގެ ރައީސާއި، ބައެއް މެމްބަރުން ދަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިއާ ވާހަކަ ދައްކަމުންނެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 12 ރަށެއް ޗައިިނާ ސަރުކާރުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މި ހަފްތާ ތެރޭ ވިދާޅުވެފައެވެ. ނަޝީދު އެހެން ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރަށް ފާޑުކިޔައި، އިންޑިއާ ނޫސްވެރިިޔަކު ލިޔުނު ލިޔުމަކާ ގުޅިގެން އެމަނިކުފާނު ލިޔުއްވި ހުޅުވާލެވިފައިވާ ސިޓީފުޅެއްގައެވެ. އެ ސިޓީފުޅައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ އިސްތިގުލާލު ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވިއްކާލާފައިވާ ކަމަށެވެ.

އެ ސިޓީފުޅާ ގުޅިގެން ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގައި އެއްވެސް ހަގީގަަތެއް ނެތް ކަމަށެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސަށް ކަމުގެ ދެކޮޅު ހަގީގަތް ބައްލަވާލައްވަން ވަގުތު ނެތުމުން ހިތާމަކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.