ޕޯޗްގީޒުން އަޅުވެތިކުރި ޤައުމުތައް އިންޓަރނެޓުން ސާޗް ކުރުމުން އެ ލިސްޓްގައި ދިވެހިރާއްޖޭގެ ނަމެއް ނޯވެއެވެ. ދިވެހިރާއްޖެއާ ޕޯޗްގީޒާ ދެމެދު 09 ފެބުރުވަރީ 1995 ގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުއިރު ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި ޕޯޗްގީޒުން އަޅުވެތި ކުރި ޤައުމެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލުކޮށްފައެއް ނެތެވެ. ދެން އޮތީ މައުލޫގައި އަޅުގަނޑު ކުރި ސުވާލެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ހެއްޔެވެ؟ މި ސުވާލާއެކު އަނެއްކާ ވެސް އުފެދެނީ އެހެން ސުވާލުތަކެކެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ 15 އަހަރާއި 6 މަސް ދުވަސް ވަންދެން އަޅުވެތިކޮށްގެން ތިބިކަމަށް ބުނާއިރު އެ މީހުންގެ ދަރިފަސްކޮޅެއް މި ޤައުމުގައި އެބައޮތް ހެއްޔެވެ؟ ދުނިޔޭގެ އޭރުގެ އެންމެ ވަރުގަދަ އެއް ބާރަކީ އެއީއެވެ. ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރު ޕޯޗްގީޒުން ޒަމާނީ ހަތިޔާރެއް ނެތް ދިވެހިން އަތުން ބަލިވީ ކިހިނެތް ހެއްޔެވެ؟ އަދި އެހާ ގިނަ ދުވަހު ޕޯޗްގީޒުން ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގެން ތިބިއިރު އެ މީހުންގެ ބަހުގެ އަސަރެއް ދިވެހިބަހުން ފެންނަން އެބައޮތް ހެއްޔެެވެ؟
ދާންމިޖެހެނީ 13 ވަނަ ޤަރުނާއި 14 ވަނަ ޤަރުނުގެ ތެރެއަށެވެ. ދިރާސާކުރަން ކުރިޔާ ޚިލާފަށް އެ ޒަމާނުގެ ޕޯޗްގީޒުންގެ ލިޔުންތައް މިހާރު ހޯދިދާނެއެވެ. އަދި އެ ލިޔެކިޔުންތަކުގެ މައްޗަށް އޭގެފަހުން އެކިއެކި ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކާއި ލިޔުންތައް ވެސް އެބަހުއްޓެވެ. މިހާރު އަތް ފޯރާ ފަށުގައި ހުރީ ހަމައެކަނި ދޫދޫ މަތިން އައިސްފައިވާ ފޯކުލޯރުތަކާއި ތުންތުންމަތިން ކިޔެމުން އައި ވާހަކަތަކެއް ނޫނެވެ. އަދި ރާދަވަޅިތަކާއި ލޯމާފާނުތަކާއި ދިވެހިތާރީޚުގެ ލިޔެވިފައިވާ ފަތްފުށްތައް އެކަންޏެއްނޫނެވެ.

ދިވެހިރާއްޖެއާ ބެހޭ ގޮތުން ބޭރުގެ ލިޔުންތެރިން ލިޔެފައިވާ ލިޔުންތައް އެކިއެކި އަރުޝީފުތަކުން މިހާރު ފެންނަން އެބަހުއްޓެވެ. އޭގެ ތެރޭގައި ޕޯޗްގީޒުގެ އޭރުގެ ރަސްމީ ލިޔުންތަކާއި އެ ޤައުމުގެ އެކިއެކި މީސްމީހުން ލިޔެފައިވާ ލިޔުންތައް ވެސް ހިމެނެއެވެ.
ޕޯޗްގީޒުން އިންޑިއާ ކަނޑައަށް އައީ މީލާދީން 13 ވަނަ ޤަރުނު ނިމެމުން ދަނިކޮށެވެ. އެއީ އޭރު ޕޯޗްގީޒުންގެ ރަސްކަމުގައި ހުންނެވި ޖޯން (2) އަމުރުފުޅަށް ވަސްކޮޑަގާމާ ހަތަރު ނައުގައި ކުރި ދަތުރެވެ. އެއީ މީލާދީން 1498 ވަނަ އަހަރެވެ. އިންޑިއާއަށް ފުރަތަމަ ފައިބާ އަތްގަދަކުރި ޔޫރަޕުގެ ބާރަކީ އެއީއެވެ. ބޭނުމަކީ ޔޫރަޕުން އޭރު ލިބެންނެތް ހަވާދާއި، ފަށުވިއާއި، ރަނާއި، ޖަވާހިރު ހޯދުމެވެ. އިންޑިއާގައި އެ މީހުން އެ ދުވަސްވަރު ތިބި ތިބުމުގައި ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔެ އެކުލަވާލައިފައިވާ ވަރަށް ތަފްސީލު ރިޕޯޓެއް ފެންނަން އެބައޮތެވެ. އެއީ ދިވެހިރާއްޖެ ޕޯޗްގީޒުން އަޅުވެތިކުރި ތާރީޚުކަމަށްވާ 15 މޭ 1558 (01 ޝައުބާން 965) އަށްވުރެ 50 ވަރަކަށް އަހަރު ދޮށީ ރިޕޯޓެކެވެ. އެ ރިޕޯޓަކީ ޕޯޗްގީޒުންގެ ރަސްގެފާނަށް އިންޑިއާގައި ހުރި ޕޯޗްގީޒުންގެ ގަވަރުނަރު ފޮރުވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓްގައި ދިވެހިންގެ ދީނާއި ސަޤާފަތާއި ދިވެހިރާއްޖޭގެ ޖޯގްރަފީ ވަނަވަރު ހިމަނާފައިވެއެވެ.
ޕޯޗްގީޒުންނާ ދިވެހިންގެ ބަޔަކާ ފުރަތަމަ ބައްދަލުވީ މީލާދީން 1503 ވަނަ އަހަރުގައި ކަމަށް ޕޯޗްގީޒުންގެ ލިޔެ ކިޔުންތަކުން ސާފުވެއެވެ. އެ ދުވަސްވަރު އިންޑިއާގައި ތިބި ޕޯޗްގީޒުންނާއި އިންޑިއާ ކަނޑަށް ނުފޫޒު ފޯރުވި ބައެއް ފަރާތްތަކާ އެއްބަސްވުންތައް ހަދާފައި ހުއްޓެވެ.
ޕޯޗްގީޒަކީ ޔޫރަޕްގެ ޤައުމެކެވެ. އެ މީހުން ހަނގުރާމައަށް ތައްޔާރުވެގެން އެ ޤައުމުން ދިވެހިރާއްޖެއައި ކަމަކަށް އެއްވެސް ލިޔުންތެރިއަކު ލިޔެފައެއް ނެތެވެ. އަދި ފޯކުލޯރެއްގައި ވެސް ނުކިޔައެވެ. ޕޯޗްގީޒުން ރާއްޖެއައީ އިންޑިއާއިންނެވެ.
މި މައުލޫގައި ޕޯޗްގީޒުންނާއި އިންޑިއާގެ ގުޅުން ދިރާސާކޮށްލަން ޖެހެއެވެ. އިންޑިއާގައި ޕޯޗްގީޒުން ގާއިމުވެ ތިބެ އެކިގޮތްގޮތަށް ބާރު ހިންގި މި ދިގު ތާރީޚު މީލާދީން 1505 ވަނަ އަހަރުން ފެށިގެން 1961 ވަނަ އަހަރަށް ދިގު ދެމިގެން ދެއެވެ. 1947 ގައި އިންޑިއާ މިނިވަންކަން އިޢުލާން ކުރުމުން ޕޯޗްގީޒުން އެކަމަށް އިޢުތިރާޒުކުރިއެވެ. އޭރު ވެސް އިންޑިއާގެ ގޯވާ އޮތީ ޕޯޗްގީޒުގެ ތަނެއްގެ ގޮތުގައި ކަމަށް ދަންނަވާފައި، ދިވެހިރާއްޖެއާއި ޕޯޗްގީޒުންގެ ގުޅުމަށް ދަމާ ހިނގާށެވެ.
އިންޑިއާގައި ޕޯޗްގީޒުން ގާއިމުވެ މި ސަރަޙައްދަށް ބާރު ފޯރުވަން ފެށުމާއެކުހެން އިންޑިއާގައި ތިބި ޕޯޗްގީޒުންގެ އެހީއާ މަދަދު ދިވެހިރާއްޖެ ރަސްރަސްކަލުން ހޯއްދަވަން ފެށްޓެވިއެވެ. ރަސްކަން ވަޑައިގަތުމަށާއި ރަސްކަން ދެމެހެއްޓުމަށެވެ. އަދި ބޭރުގެ އެހެނިހެން ބާރުތަކުގެ އުދަނގުލުން ސަލާމަތްވުމަށެވެ. މިފަދަ ކަންކަމުގައި ޕޯޗްގީޒުންގެ އެހީތެރިކަމާއި މަދަދު ދީފައި ވެސް އެބަހުއްޓެވެ. ކަޅުމުޙައްމަދު ރަސްގެފާނު ރާއްޖޭގެ ރަސްކަން ތިން ފަހަރެއްގެ މަތިން ކުރެއްވި ގޮތް ދިރާސާކުރެއްވީމާ މި މަންޒަރު ސާފުވާނެއެވެ. މީލާދީން 1510 ވަނަ އަހަރު އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ މާމަލޭގެ ބާރުން ސަލާމަތްވުމަށް އިންޑިއާގައި ހުންނެވި ޕޯޗްގީޒުންގެ ގަވަރުނަރު އަފޮންސޯ ޑި އަލްބުކެ އާރްކުގެ އެހީ ދިވެހި ރަސްގެފާނު ހޯއްދެވިކަމަށް އެޗްސީޕީ ބެލް (1940) ލިޔުއްވާފައިވެއެވެ. ބެލް ވަނީ ޕޯޗްގީޗުގެ މީހުން ލިޔެފައިވާ ގިނަ ލިޔުންތަކެއް ހޯއްދަވައި ދިރާސާ ކުރައްވާފައެވެ. މީލާދީން 1512 ވަނަ އަހަރު ކަޅުމުޙައްމަދު ރަސްގެފާނަށް ތިންވަނަ ފަހަރަށް ރާއްޖޭގެ ރަސްކަން ހޯދައިދިނީ ވެސް ޕޯޗްގީޒުންނެވެ. މީލާދީން 1518 ވަނަ އަހަރު މާލޭގެ ބަނދަރުގައި ޕޯޗްގީޒުންނާއި މަލަބާރީން ހަނގުރާމަކޮށް މަލަބާރީން ބަލިވިއިރު ދިވެހިން އެއްބާރުލުން ދިނީ ޕޯޗްގީޒުންނަށް ވެސް މި ލިޔުންތަކުން އެނގެއެވެ.
ޕޯޗްގީޒުން ފުރަތަމަ ދިވެހިރާއްޖޭގައި ފައިތިލަ ސާބިތުކުރީ ވިޔަފާރި މަރުކަޒެއް ހެދުމުގެ ނަމުގައެވެ. ބެލް (1940) ލިޔުއްވާފައިވާގޮތުގައި އެ މީހުން ބުރުޒުތައް ހެދުމުގެ ހުއްދަވެސް ހޯދިއެވެ. ބޫޝޯ (1973) ލިޔުއްވަނީ ކަޅުމުޙައްމަދު ރަސްގެފާނު މާލޭގައި ޕޯޗްގީޒުންނަށް ކިއްލާއެއް ހެދުމަށް ހުއްދަ ދެއްވަން ޖެހިލުންވެ ވަޑައިގެންނެވި ކަމަށެވެ. މާލޭގައި އެ ފަހަރު ޕޯޗްގީޒުން ތިއްބައި 1521 ވަނަ އަހަރު ފައްސާލީ ކަންނަންނޫރުގެ އެހީ ހޯއްދަވައިގެންނެވެ. މި ވާހަކަ ތަކުން އެނގޭ ހަގީގަތަކީ އޭރު އިންޑިޔާ ކަނޑުގައި އޮތް އެންމެ ބޮޑު ދެ ބާރު ކަމުގައިވާ ޕޯޗްގީޒުންނާއި މަލަބާރީންގެ އެހީ ދިވެހިން ހޯދާފައިވާކަމެވެ. އެއްބައެއްގެ އުނދަގޫ ބޮޑުވުމުން އަނެއް ބައެއްގެ އެވެ. އެ ދެބައި މީހުންނަށް ވެސް ރާއްޖެ މުހިންމުވާތީއެވެ. އިސްތިރާޖީ ގޮތުންނެވެ. ޖޯގްރަފީގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އޮތް މަގާމުގެ ގޮތުންނާއި ލިބޭ މަންފާއާއި ފައިދާތަކުގެ ސަބަބުންނެވެ.
ފުރަތަމަ މި ބަލާލަނީ ޕޯޗްގީޗުން ރާއްޖެ ހިފައި އަޅުވެތި ކުރިތޯ ކުރެވޭ ސުވާލަށެވެ. ކަޅުމުޙައްމަދު ރަސްގެފާނުގެ އަނބިކަނބަލުން ބުރެކި ރަނިން، އެ ކަމަނާގެ ކޮއްކޯފުޅު ރަސްކަމުގައި ހުންނަވަނިކޮށް ގާފަރު ކަޅު އިބްރާހިމް (ކަޅު އުނބުށޭމު) މެދުވެރިކޮށް ޝަހީދުކޮށްލައްވައި ފިރިކަލުންނަށް ރަސްކަން ހޯއްދަވައި ދެއްވީ ޕޯޗްގީޗުންގެ އެހީ ހޯއްދަވައިގެންނެވެ. އެ ހިސާބުން ހިލާލީ ދަރިކޮޅުގެ ރަސްކަން ވެއްޓުނީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށެވެ. އެ ދުވަސްވަރު އިންޑިއާގައި ތިބި ޕޯޗްގީޒުންގެ އެހީތެރިކަން ހޯދައި، އެ މީހުންގެ ގާތަށް ކަންކަމާ ހިނގުން އޮތީ އާންމުވެފައެވެ. މި ހަމަނުޖެހުންގަނޑުގެ ތެރޭގައި ނުވަވަނަ ޙަސަން ރަސްގެފާނު އެ ރަދުންގެ ކުރިން ރަސްކަމުގައި އިންނެވި މުޙައްމަދު ރަސްގެފާނު ޝަހީދުކުރައްވައި ރަސްކަމަށް އިސްވެ ވަޑައިގަތެވެ. އެކަމަކު އެ ރަދުން ޕޯޗްގީޒުުންގެ ގަވަރުނަރު އަރިހުގައި ވިދާޅުވިކަމަށް ގަވަރުނަރު ޕޯޗްގީޒު ރާނީ އަށް ފޮނުއްވި ފަތްކޮޅުގައި އޮތީ މުޙައްމަދު ރަސްގެފާނު ޝަހީދުކުރެއްވީ ނުވަވަނަ ޙަސަން ރަސްގެފާނުގެ އަނބިކަމަނާ ކަމަށެވެ. ކޮންމެ އަކަސް ނުވަވަނަ ޙަސަން ރަސްގެފާނަށް ރަސްކަން ލިބިވަޑައިގެންފިއެވެ. އެއީ އޭރު 18 ވަރަކަށް އަހަރުގެ ޒުވާނެއެވެ. ރާއްޖޭގައި އޮތް ދާޚިލީ ހަމަނުޖެހުންގަނޑު މައިތިރި ކުރެވޭވަރުގެ ލަޔާގަތާއި ގާބިލިއްޔަތުކަމެއް ނެތެވެ. ޕޯޗްގީޒުގެ ގަވަރުނަރު، އެ މީހުންގެ ރާނީއަށް ޙަސަން ރަސްގެފާނާ ބެހޭ ގޮތުން ފޮނުއްވި ސިޓީފުޅުގައި ލިޔުއްވާފައިވަނީ އެއީ ފުށިގަނޑެއްގައި ވެސް ރަސްކަންކުރައްވަން އެކަށޭނަ ބޭފުޅެއް ނޫން ކަމަށެވެ. މި ސިޓީފުޅުތައް ޖޯޖު ޝޫރުހަމަރ (1973) ލިޔުނު ފްރާންސިސް ޒޭވިއަރ ހިޒް ލައިފް، ހިޒް ޓައިމްސް ވޮލިއުމް 1 ގައި އެއޮތީއެވެ.
ނުވަވަނަ ޙަސަން ރަސްގެފާނު އެ ރަދުންގެ ރަސްކަން ކޮންމެ ގޮތަކުން ނަމަވެސް ދިފާޢު ކުރައްވަން ބޭނުންފުޅުވިއެވެ. އެހިނދު އާއިލާއެއް ޤައުމެއް އަދި ދީނެއް ވެސް މުހިންމުފުޅެއް ނުވިއެވެ. އެކަމަށް ހިފަން އޮތް ހަތިޔާރަށް ފެނިވަޑައިގަތީ އަނބިކަމަނާއާ ޖެހުނު މައްސަލައަށް ވެސް ހައްލެއް ހޯއްދަވަން ވަޑައިގެންނެވި، ޕޯޗްގީޒުންނެވެ. ޙަސަން ރަސްގެފާނުގެ ދެ ކަނބަލުންގެ ދޭތެރޭގައި ޖެހުނު މައްސަލައިގެ ވާހަކަ ވެސް ގަވަރުނަރު ޕޯޗްގީޒުންގެ ރާނީއަށް ވަނީ ލިޔުއްވާފައެވެ. ފުރަތަމަ ޙަސަން ރަސްގެފާނުގެ ޝަކުވާ އައިގެން ޕޯޗްގީޒުންގެ ކައިރިއަށް ވަޑައިގަތީ އަނބިކަމަނާއެވެ. ފަހުން އެކަމަނާގެ ޝަކުވާ އައިގެން ޚުދު ޙަސަން ރަސްގެފާނު ވެސް ވަޑައިގެންނެވިއެވެ. އަނބިކަމަނާ އަކީ އެ ކަމަނާ ހުންނެވި ރަށެއްގައި ވެސް ހުންނެވޭވަރަށްވުރެ ނުބައި ކަމަނާއެއް ކަމުގައި ޙަސަން ރަސްގެފާނު ޝަކުވާ އުފުއްލެވިއެވެ. މި ވާހަކަތަކުން އިންޑިއާގައި ތިބި ޕޯޗްގީޒުންގެ މައްޗަށް ދިވެހި ރަސްކަން ލެނބިފައިވާ މިންވަރު ކިތަންމެ ރަނގަޅަކަށް ވެސް ސާފުވެއެވެ.
ނުވަވަނަ ޙަސަން ރަސްގެފާނު ކުއްލިއަކަށް ރާއްޖެ ދޫކުރައްވައި އިންޑިއާގެ ކޮއްޗޭއަށް ވަޑައިގެން ޕޯޗްގީޒުންގެ ހިމާޔަތް ހޯއްދެވިއެވެ. ކްރިސްޓިއަން ދީނަށް ބަދަލުވެވަޑައިގެންނެވީ އޭގެފަހުންނެވެ. ނަންފުޅު ބަދަލުކުރެއްވީ ޑޮމް މެނުއަލް އަށެވެ. އެ ރަދުން ފަހުން ގޯވާއަށް ވަޑައިގެން ޕޯޗްގީޒުންގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވިއެވެ. މި ކައިވެނިފުޅާ ބެހޭ ލިޔުންތަކުން އެނގެނީ އެ ކައިވެނިފުޅު ޕޯޗްގީޒުން ކުރުމަށް ބާރުއަޅައި އެކަން ކުރުވީ ޙަސަން ރަސްގެފާނު އަނބުރާ ރާއްޖެ ވަޑައިގެން އިސްލާމްދީނަށް އެނބުރިވަޑައިގެންފާނެތީ ކަމަށެވެ.
ޕޯޗްގީޒުން ރާއްޖެއަށް އައުމަށް ނިންމީ ނުވަވަނަ ޙަސަން ރަސްގެފާނުގެ ރަސްކަން އަނބުރާ އެ ރަދުންނަށް އިޔާދަކޮށްދިނުމަށެވެ. ޙަސަން ރަސްގެފާނު ބެހެއްޓެވީ އެ މީހުންގެ ކައިރީގައެވެ. ރާއްޖެއެއް ނުގެންނަވައެވެ.
ނުވަވަނަ ޙަސަން ރަސްގެފާނާއި ޕޯޗްގީޒު ގަވަރުނަރާ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ރަދުންނަށް އަނބުރާ ރަސްކަން ހޯއްދަވައި ދެއްވުމުގެ މަސައްކަތް ފެށުނީ އެއްބަސްވުމެއްގެ މަތިންނެވެ. އެ އެއްބަސްވުމަކީ ކޮންމެ އަހަރަކު ރާއްޖޭގެ އުފެދުންތަކުގެ ތެރެއިން 500 ބަހަރުގެ ރޯނު ޕޯޗްގީޒުންނަށް ދެއްވުމެވެ. އޭގެ ބަދަލުގައި ޙަސަން ރަސްގެފާނަށް ޕޯޗްގީޒުން ދިނުމަށް އެއްބަސްވީ 3000 ޕަރުދައުސް އެވެ. ބަހަރަކީ އޭރު ބަރުދަންބަލާ މިންގަނޑެކެވެ. ބަހަރަކީ ޕޯޗްގީޒުންގެ ތިނެއް ނުވަތަ ހަތަރެއް ކީންތާލެވެ. ކީންތާލަކީ 51.40 ކިލޯ ގްރާމެވެ. ޕަރުދައުސްއަކީ އޭރު ގެންގުޅުނު ރަނުގެ ފައިސާއެކެވެ.
ނުވަވަނަ ޙަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވުމުން ދިވެހި ތަޚުތު ހަތަރު އަހަރެއްހާ ދުވަހު ފަޅަށް ހުއްޓެވެ. އެ ދުވަސްވަރު ދައުލަތުގެ ކަންކަން ބެލެހެއްޓެވީ ޙަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވައި ބޭރަށް ވަޑައިގެންނެވިއިރު ތިއްބެވި ރަސްކަމުގެ ބައެއް ބޮޑުންނެވެ.
ޙަސަން ރަސްގެފާނާއި ޕޯޗްގީޒުންނާ ވެވުނު އެއްބަސްވުމުގެ މަތިން ޕޯޗްގީޒުންގެ ނަވެއް ރާއްޖެއައެވެ. އެ ފަހަރު އެ މީހުން އައީ ކްރިސްޓިއަން ދީނަށް ގޮވާލުމަށާއި ރަސްކަމުގެ ބޮޑުން ކޮއްޗޭގެ "ހިތްއުފާވެރި އަރާމު" ދިރިއުޅުމަށް ގެންދިއުމަށް ޙަސަން ރަސްގެފާނުގެ ސިޓީ ފުޅެއް ހިފައިގެންނެވެ. އެކަން އޭރު އިސްކޮށް ތިއްބެވި ކަޅު އިބްރާހީމް ފާށިނާގެ އަބޫބަކުރު (ފަހުން އަބޫބަކުރު ރަސްގެފާނު) އާއި ޢަބްދުއްރަޙުމާން ދޮށިމޭނާ ކިލެގެފާނުގެ ޢަލީ (ފަހުން އަލި ރަސްގެފާނު) އާ ގަބޫލުފުޅެއް ނުކުރެއްވިއެވެ. މި ދެ ބޭފުޅުން ނިންމެވީ ޕޯޗްގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށެވެ. ކޮންމެ ގޮތެއްގައި ވެސް ދީން ދޫނުކުރެއްވުމަށެވެ. އެ ފަހަރު ޕޯޗްގީޒުންތައް ހިފާހައްޔަރުކޮށް މެރީއެވެ. މިކަންވީ ޕޯޗްގީޒުން ވަރަށް ހިތުގައި ޖެހުނު އަދި ބަދަލު ހިފަން ބޭނުންވި ކަމަކަށެވެ.
މީލާދީން 1551 ވަނަ އަހަރު ޑިސެންބަރު މަހު ޙަސަން ރަސްގެފާނު ކޮއްޗޭއަށް ވަޑައިގެންނެވުމުން ރަސްކަމަށް ފުރަތަމަ އިސްކުރެވުނީ 1554 އިން 1555 އަށް ރަސްކަން ކުރެއްވި އައްސުލްޠާން އަބޫބަކުރު ދެވަނަ އެވެ. އެ ރަދުން އަވަހާރަވުމުން ދެން ތަޚުތަށް އިސްކުރެވުނީ 1557 އިން 1558 އަށް ރަސްކަން ކުރެއްވި މަޝްހޫރު 6 ވަނަ ޢަލި ރަސްގެފާނެވެ. ދިވެހިރާއްޖޭގެ މައްޗަށް ޕޯޗްގީޒުން ވެރިވެގަތީ ޢަލި ރަސްގެފާނު ޝަހީދުކުރުމަށް ފަހުގައި 19 މޭ 1558 ގައެވެ. އެއީ ހިޖުރައިން 01 ޝައުބާން 965 އެވެ.
ޕޯޗްގީޒުންގެ ނަޒަރުގައި ދިވެހިރާއްޖޭގެ ހަގީގީ ރަސްކަލަކީ 9 ވަނަ ޙަސަން ރަސްގެފާނެވެ. އެ ރަދުން ހުންނެވީ އެ މީހުން ރުހޭގޮތަށް އެ މީހުންގެ ދީނަށް ވަންނަވައިގެން އެ މީހުންގެ ކައިރީގައެވެ. އެ މީހުންގެ އަންހެން ބޭފުޅަކާ ކައިވެނި ކުރައްވައިގެން އެ މީހުން ބުނިހާގޮތަކަށް ޢަމަލުކުރައްވާށެވެ. ޕޯޗްގީޒުން ރާއްޖެއަށް ސިފައިންނާއި ހަތިޔާރާއެކު ގުރާބުތައް ފޮނުވީ ޙަސަން ރަސްގެފާނަށް ރަސްކަން ހޯދައިދޭށެވެ. އެ މީހުން ގަބޫލުކުރާގޮތުގައި ނުވަވަނަ ޙަސަން ރަސްގެފާނު އެދިވަޑައިގެން ގޮތަށް އިސްލާމްދީން ދޫނުކޮށް، ޙަސަން ރަސްގެފާނަށްފަހު ރަސްކަން ކުރެއްވި ރާއްޖޭގެ ދެ ރަސްކަލުންނަކީ ވެސް އެ ތަޚުތުގެ ޙައްޤުވެރިންނެއް ނޫނެވެ. އެ މީހުން ރާއްޖެއަށް އައިސް ރަސްކަން ހޯދައިދިނީ އެ މީހުން ނަޒަރުގައި ޙަސަން ރަސްގެފާނަށެވެ. އެއީ އެ އެމީހުން ދެކޭގޮތުގައި އެ ރަދުންނަށް ހޯދައިދެވުނު އިންސާފެކެވެ. އެހެންވީމާ ޕޯޗްގީޒުންގެ ރަސްމީ ލިޔުމެއްގައި ދިވެހިރާއްޖެ އަޅުވެތިކުރިކަމަށް ނުވަތަ ހިފިކަމަށް ލިޔެވޭނީ ނުވަތަ އެކަން އެ މޭރުމުން ގަބޫލުކުރާނީ ކިހިނަކުންތޯއެވެ؟
އެ މީހުންކުރި ކަމަށް ބުނާ ކަމަކީ ޢަލި ރަސްގެފާނު ޝަހީދުކޮށް ޙަސަން ރަސްގެފާނަށް ރަސްކަން އަނބުރާ ހޯއްދަވައި ދެއްވީއެވެ. އެކަމަކު އެ ރަސްގެފާނު ރާއްޖެ ވަޑައެއް ނުގަންނަވައެވެ. ހުރިހާ އާރަކާއި ބާރަކާއި ވެރިކަމެއް އޮތީ ޕޯޗްގީޒުންނަށެވެ. ރާއްޖެ އޮތީ އެ މީހުން މޮޑޭނެ ގޮތަކަށް މޮޑޭށެވެ. ރާއްޖޭން ލިބޭ ހުރިހާ މަންފާއެއް ވެސް އެ މީހުންނަށެވެ. ރާއްޖެ އެ މީހުންނަށް ހިތަކަށް ލިބުނީ 9 ވަނަ ޙަސަން ރަސްގެފާނަށް ރަސްކަން ހޯދައިދިނުމަށް ތިންވަނަ ފަހަރަށް ފޮނުވި ލަޝްކަރު އަތުން އަލި ރަސްގެފާނު ޝަހީދުވެ ވަޑައިގަތުމުންނެވެ. ރާއްޖެ އަޅުވެތިކުރި އެ ދަތުރުގައި ޕޯޗްގީޒުންގެ ފްލީޓް ކޮމާންޑަރަކަށް ހުރީ ކެޕްޓަން މެނުއަލް ޑާ ސިލްވޭރާ ޑިއަރައުރޯ ކިޔާ ޕޯޗްގީޒު އޮފިސަރެއްކަން ޕޯޗްގީޒުގެ ލިޔުންތަކުން އެނގެއެވެ.
މީލާދީން 1887 ވަނަ އަހަރު އިނގިރޭސީންގެ "ހިމާޔަތުގެ ދަށަށް" ދިވެހިރާއްޖެ ދިޔައެވެ. އެކަމަކު 1965 ޖުލައި 26 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމަކާއެކު އަޅުގަނޑުމެން އެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖެ، އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް 78 އަހަރު އެއީ ދިވެހިން އަޅުވެތިކޮށްގެން އެ މީހުން ތިބި ދުވަސްތަކެއް ކަމުގައި އިނގިރޭސިން ލިޔާނީ ކޮން ދެއްޔަކުންތޯއެވެ؟ ދިވެހިރާއްޖޭގައި "ސިފައިން" މި ނަމުގައި އަސްކަރިއްޔާ އުފެދުނީ މި ދެންނެވި ދުވަސްވަރު، 1892 ވަނަ އަހަރުގައެވެ. ރާއްޖޭގައި ޤާނޫނު އަސާސީއެއް އެކުލަވާލައި ދުސްތޫރީ ވެރިކަމެއް ފެށުނީ، 1932 ވަނަ އަހަރު އެވެ. ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ފުރަތަމަ ބަދަލުވީ ވެސް ހަމަ އެ ދުވަސްވަރުގައެވެ. ރާއްޖޭގައި އެތައްއެތައް ވެރިކަންތަކެއް ބަދަލުވިއެވެ. އިންގިލާބުތައް ވެސް ފެނުނެވެ. ދުވަހަކު ވެސް ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އެ ޤައުމުގެ ރަސްކަލަކު ނީންނަވައެވެ. ދެން އޮތީ އިނގިރޭސީން އަޑީގައި ތިބެގެން އުފެއްދި ޣައިރު ޤާނޫނީ ދައުލަތުގެ ވާހަކައެވެ. އެ ދައުލަތުގެ ވެރިޔަކަށް ހުންނެވި ޢަބްދުﷲ ޢަފީފް، ދިވެހިދައުލަތަށް ނާނގާ ސިއްރިޔާތުގައި ރާއްޖެއިން ބޭރަށް ގެންދިޔަ ވާހަކައެވެ. ދިވެހި ސަރުކާރުން ދެކުނީ ދިވެއްސަކު "ވަގަށް ނެގީ" ކަމަށެވެ. އިނގިރޭސިން ރައްކާތެރިކަމާ ހިމާޔަތް ދިނީއެވެ. މިކަމުގައި ވެސް އިނގިރޭސިން ދެކޭގޮތާއި ދިވެހިން ދެކޭގޮތް ތަފާތެވެ. ޕޯޗްގީޒުންގެ މައްސަލައިގައި ވެސް ދިވެހިން ދެކޭގޮތާއި އެ ޤައުމުން ދެކޭގޮތް ތަފާތުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
ދެން އޮތް ސުވާލަކީ އެހާ ގިނަ ދުވަހު ޕޯޗްގީޒުންގެ އަޅުވެތިކަމުގައި އޮތް އިރު އެ މީހުންގެ ނަސްލު ދިވެހިންގެ ތެރެއިން ފެންނަން އެބައޮތްތޯ ކުރެވޭ ސުވާލެވެ. އަޅުގަނޑު 2010 ވަނަ އަހަރު ހއ. ބާރަށަށް ދިޔައީމެވެ. މި ސުވާލުގެ ޖަވާބު ހޯދަން ދުވަސްވީ މީހުންނާ ސުވާލުކޮށް ހެދީމެވެ. ރާއްޖޭގައި ޕޯޗްގީޒުން ތިބި ކަމަށް ބުނާ އެއް ރަށަކީ އެއީ ކަމަށްވާތީއެވެ. ލޮލުގެ ކަޅީގެ ކުލަ އާއި ބޮލުގެ އިސްތަށީގެ ކުލަ އަދި ހަމުގެ ކުލައާއި ހަށިގަނޑުގެ ރޫފަ އެ ރަށުގެ އެހެން މީހުންނާ ތަފާތު ދަރި ފަސްކޮޅެއް ނުވަތަ ނަސްލެއް އޮތްކަމަށް ބުނާ މީހުންނާ ދިމާވިއެވެ. އަދި އެފަދަ ޢާއިލާއަކަށް ނިސްބަތްވާ މީހަކާ އަޅުގަނޑާ ބައްދަލުވިއެވެ. އެ ރަށުގެ އެހެން މީހުންނާ ތަފާތުކަން ފާހަގަކުރެވުނެވެ. އެކަމަކު މިކަމާގުޅޭ ގޮތުން ހަދާފައިވާ ދިރާސާއެއް އަދި އަޅުގަނޑު ނުދެކެމެވެ.
ދެން އޮތީ ބަހުގެ ވާހަކައެވެ. ދިވެހި ބަސް ދިރާސާކުރައްވާ ވަރަށް ގިނަ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ދިވެހިބަހުގައިވާ ބަހުގެ ދަރަޖަތައް އައީ ޕޯޗްގީޒުންގެ ފަރާތުންނެވެ. މީގެއިތުރުން ބައެއް ލަފުޒުތައް ދިވެހިބަހަށް ޕޯޗްގީޒު ބަހުން ވަދެފައިވާކަން ކަށަވަރުވެއެވެ. އޭގެ ތެރޭގައި މަރުތެޔޮ، މޭޒު، އަލަމާރި، މިސްކިތް، މޭސްތިރި، އަރުގޯލު، ބިލިގާ، ބާލިދީ، ބުންބާ، ބަންދު ހިމެނެއެވެ. ޕޯޗްގީޒުންގެ މީހުންނަށް ކިޔާ "ޑޮމް" މި ލަފުޒުން ދިވެހިންގެ ނަމުގެ ތެރެއަށް އައިސްފައިވާ "ދޮން" ފާހަގަ ކުރެވެއެވެ. ދޮންމަނިކާއި ދޮންތުއްތު ފަދަ ނަންތަކެވެ. އެހެންވީމާ ޕޯޗްގީޒުންގެ ބަހުގެ އަސަރެއް ދިވެހިބަހުގެ ތެރޭގައި އެބައޮތްތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ.
މި ނުކުތާގައި އެހެން ނަޒަރަކުން ބަލައިލާއިރު ފެންނަ އެހެން މަންޒަރެކެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައިހާ ގިނަ ބަންގުލަދޭޝް މީހުން ރާއްޖޭގައި އުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. އެކަމަކު ދިވެހިންނަކަށް އެބަހެއް ދަސްވާތީއެއް ނުފެއެވެ. ނަސްލު އެއްގޮތް ވުމުން އެ ތަފާތު ނޭނގިދާނެއެވެ. އެކަމަކު ބަޔަކު ގިނަ ދުވަހު މި ޤައުމުގައި އުޅުމުން އެ މީހުންގެ ބަސް ދަސްވާންޖެހޭނެތާއެވެ. އެއީ އެހެންވާކަމެއް ނޫނެވެ.
ރާއްޖޭގައި ޕޯޗްގީޒުން ވެރިކަންކުރީ ތިލަދުންމަތި ފިޔަވައި އެހެން އަތޮޅުތަކުގައި ކުރިން ވެސް ތިބި އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން އެ ތިބިގޮތަށް ބައިތިއްބައިގެންނެވެ. މާލޭގައި ވެސް އެ މީހުންނާއެކު ދައުލަތުގެ ކަންކަން ކުރަން ދިވެހިން ބައިތިއްބައިގެންނެވެ. ދިވެހި ބަހުގެ ތެރެއަށް ޕޯޗްގީޒް ބަހުގެ ނުފޫޒު ވަދެފައިވާ މިންވަރު ކުޑަވީ ރަސްމީ މުއާމަލާތްތައް ދިވެހި ބަހުން ކުރެވިފައިވުމުން ކަމަށްވެދާނެއެވެ.
ސްޓޫއާޓް ބޭވަން (1994) އަދި އުރުމިލާ ޕެޑްނިސްއާއި އީލާދަތު ލުއިތުއި (1985) ލިޔުއްވާފައިވާ ގޮތުގައި ޕޯޗްގީޒުންގެ އަތްދަށުގައި 1558 ވަނަ އަހަރުން 1573 ވަނަ އަހަރާ ހަމައަށް ރާއްޖެއޮތެވެ. މިއީ ދިވެހިތާރީޚުގައި ވެސް ބުނާ ގޮތެވެ. ޝޫރުހަމަރ (1973) އާއި އެޗްސީޕީ ބެލް (1940) ޕޯޗްގީޒުންގެ ލިޔެކިޔުންތައް ދިރާސާކުރައްވައި ލިޔުއްވާފައިވަނީ ބޮޑު ތަކުރުފާނު ރާއްޖެ މިނިވަން ކުރައްވަން ކުރެއްވި ގެރިއްލާ ހަނގުރާމައިގައި ޕޯޗްގީޒުންގެ 300 އެއްހާ ސިފައިން މެރުއްވި ކަމަށެވެ.
ދެން އޮތް ސުވާލަކީހަތިޔާރެއްނެތް ދިވެހިން އަތުން ޕޯޗްގީޒުން ބަލިވީ ކިހިނެތްތޯ ކުރެވޭ ސުވާލެވެ. އެ ސުވާލު ކުރައްވާ ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވަނީއެވެ. ބޮޑު ތަކުރުފާނު ޕޯޗްގީޗުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގައި މަލަބާރީންގެ އަސްކަރީ އެހީ ހޯއްދެވިއެވެ. އަދި ރާއްޖޭގެ ދެކުނުގައި މަލަބާރީން ބުރުޒު ހަދައި ގާއިމުވެ ތިއްބެވެ. އެ ވާހަކަތައް ނެތީ ތުންތުން މަތިން އައި ބޮޑުތަކުރުފާނު ވާހަކައިގައެވެ. އެ ވާހަކައަކީ ޕޯޗްގީޒުންނާއި ދިވެހިންގެ ގުޅުމާއި އަޅުވެތިކަމުގެ ތާރީޚުގެ ހަމައެކަނި މަސްދަރުކަމަށް ހީވާނަމަ މިއަދު އެއީ ކުށްހީއެކެވެ. (ނިމުނީ)
ޕޯޗްގީޒުންގެ އަޅުވެތިކަމުގައި ރާއްޖެއޮތް ދުވަސްވަރު

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!