"ތިގޭ ކުދިން އިނގިލި ބުއިން ހުއްޓުވާލީ ކިހިނެއްތަ؟" މިއީ ސިއްޙީ އެކި އެކި ކަންކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ސަމާލުވުމަށް އެދި ޓުވީޓު ކުރައްވަމުން އަންނަ ޑރ. އަޙްމަދު ފައިސަލް ކުރައްވާފައިވާ ސުވާލެކެވެ.

މިސުވާލާއިއެކު ޑރ ފައިސަލް ބުނެފައިވަނީ އިނގިލި ބުއިމަކީ 3 އަހަރުންދަށުގެ ކުޑަކުދިންގެ ޢާއްމުކަމެއްކަމަށާއި ހުއްޓުވަން ކަނޑައެޅިގެން ވަކިކަމެއް މޮޅޭ ބުނެވޭކަށްނެތް ކަމަށެވެ. އިނގިލިބޯ ވާހަކަ ކުޑަކުދިންގެ ގާތު ދެއްކުމަށްވުރެ ނުބޮއި ކުރެވޭނެ ކަންތައްތައް ކިޔާދީ، ނުބޯނަމަ ހިތްވަރުދިނުން މުހިންމުކަމަށް ޑރ ފައިސަލް ބުނެފައިވެއެވެ.

Ad
rt

ދެންއޮތީ މިކަމާއި މެދު ބައެއް ބެލެނިވެރިން ދީފައިވާ ޖަވާބުތަކެވެ. އެކަކު ބުނެފައިވަނީ އަދި މިއުޅެނީ ނުހުއްޓުވިގެން ކަމަށެވެ. ހުއްޓުވާނެ ރަނގަޅު ގޮތެއް ނެތްތޯ ވަނީ ސުވާލުކޮށްފައެވެ. ދަރިފުޅަށް 3 އަހަރާ ބައި ވެއްޖެކަމަށާއި އާންމުކޮށް ބޮއެ އުޅޭކަމަށް ފާހަގަވަނީ ހަމަޖެހިލަންކަމަށް ބުނެފައިވެއެވެ.

އިތުރު ބެލެނިވެރިއަކު ވަނީ ނިޔަފަތިކާ، އިނގިލި ބޯ ކުދިން، އެލާޖީ ތަކުން ރައްކާތެރިކަމަށް ބުނާ އާޓިކަލްއެއް ހިއްސާކުރުމަށްފަހު މިކަމާއި މެދު ޑރ ފައިސަލް ދެކިލައްވާ ގޮތް އައްސަވާފައެވެ.

"Hygeine Hypothesis" ޖަރާސީމުތަކުން ޖެހޭ ބަލިތައް މަދުވާވަރަކަށް އެލާޖީތައް ގިނަވާކަމަށް ދިރާސާތަކުން ދައްކާ ދެކަމެއް އަޅާކިޔާފައި ހަދާ ދިރާސާތަކެއްކަމަށްވާތީ އެއްކަމެއްގެ ސަބަބުން އަނެއްކަމެއް ވަނީއޭ ކަނޑައެޅިގެން ނުނިންމޭ، އަދި ޖަރާސީމުތަކުން މަރުވާން ދޫވެސް ނުކޮށްލެވޭނެ

މިކަމަށް ޖަވާބު ދެއްވަމުން ޑރ ފައިސަލް ބުނެފައިވެއެވެ.

އިނގިލިބޯން އިންދާ ފެންނަ ކޮންމެ ފަހަރަކު ބުނަނީ ހޯހޯ ކަމެކޭ. ބައްޕި ދެރަވާނޭ ކޮއްކޮ އިނގިލިބުއީމާ

ބައްޕަ އަކު އެއިނާ ކަންތައްކުރާގޮތް ހިއްސާކުރަމުން ބުނެފައިވެއެވެ.

ވަގުތު ޖެހުނީމަ ހުއްޓާލީ އަމިއްލައަށްކަމަށާއި ވަކި ކަމެއް ނުކުރާކަމަށް ބަޔެއް މީހުން ބުނެފައިވެއެވެ. އަނެއްބަޔަކު ބުނެފައިވަނީ އިނގިލީގައި ހަބަރު ލީމައި ހުއްޓާލިކަމަށެވެ. އިތުރު މީހަކު މިކަމާއި މެދު ބުނެފައިވަނީ އިނގިލީގައި ހަބަރު ލީމަ މުޅި ޕްލޭން ފެއިލްވީ ކަމަށެވެ. އެއީ އެއިނާގެ ކަޒިންއެއްގެ ދަރިފުޅުގެ އިންގިލީގައި ހަބަރުލީމަ އެކުއްޖާއަށް މީރުވެގެން ކުރީރޭ ހޭކި އެތި ހާކާށޭ ކިޔާފަ ރުއިކަމަށެވެ.

"އާދަޔާ ޚިލާފުވުން" މިނަމުގައި އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ ލިއުއްވާފައިވާ މަޒުމޫނެއްގައި ވަނީ އިނގިލި ބުއިން އާދަވެފައިވާ ކުޑަ ކުއްޖެއް އެކަން ހުއްޓުވުމަށް ބެލެނިވެރިން ކޮށްފައިވާ ކަމެއްގެ ވާހަކަ ކިޔައިދީފައެވެ.

އިނގިލި ބުއިން އާދަވެފައިވާ ކުޑަ ކުއްޖެކެވެ. ކަނާތުން އެކުއްޖާ ބޯ އިނގިލި ހިމަވެ އައިބުވެގެން ވާތުގެ އެ އިނގިލި ބޯން ފަށައިފިއެވެ. ގޭ މީހުން މިކަމާ ވަރަށް ކަންބޮޑުވެއްޖެއެވެ. އެއްދުވަހަކު ސްކޫލަށް ބަލައިގޮސްފައި، ކުއްޖާގެ ބޮޑު ބޭބެއެއް އެ ކުއްޖާ ގޮވައިގެން ޕްރިންސިޕަލް އަރިހަށް ހިނގައްޖެއެވެ. ދިޔައީ ރަޙްމަތްތެރިކަމުގައި ވާހަކައެއް ދައްކާލުމަށެވެ. ނަމަވެސް އެ ކުއްޖާވެސް ހުރީތީ، އެއް ދޮނުގައި ދެބުޅި ޖަހާލީއެވެ.

އޭނާ ޕްރިންސިޕަލް އަރިހަށް ގޮސް ޕްރިންސިޕަލަށް އިޝާރާތްކޮށް ބުންޏެވެ. ''ޒުހާއްކޯ މީން ކޮން ބޭފުޅެއް'' ''ތީ ޕްރިންސިޕަލް ސަރ'' ޒުހާ ޖަވާބު ދިނެވެ. ދެން އޭނާ ޕްރިންސިޕަލަށް ދަންނަވާލި އެވެ.

މި ސްކޫލު ކުދިން އިނގިލި ބުއިމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟

ޕްރިންސިޕަލަށް ވެސް މި ވީ ގޮތް އެނގިވަޑައިގެންފިއެވެ. އެހެންވެގެން ވިދާޅުވިއެވެ. މި ސްކޫލު ކުދިން އިނގިލި ބުއިމަކީ މުޅިން މަނާކަމެކެވެ.

ގެޔަށް ދިޔަ މަގުމަތީގައި ޒުހާގެ ބޭބެ ޒުހާޔަށް ނަސޭހަތްތެރިވިއެވެ. އިނގިލި ބުއިމަކީ ސްކޫލުގެ ފަރާތުން މަނާކަމަކަށް ވާތީ އެކަން ނުކުރުމަށެވެ. ޒުހާވެސް ވަރަށް ދެރަވެފައި ހުރެ އެކަމަށް އާނއެކޭ ބުންޏެވެ.

އެހި ސާބުން އިނގިލިބުއިން ހުއްޓާލައިފިއެވެ. ގެޔަސް ގޮސްފައިވެސް ނުބޮއެވެ.

ހަވީރު ޒުހާގެ ބޭބެ ބާޒާރުގައި އުޅެނި ކޮށް، ޒުހާގެ މަންމަ ފޯނު ކޮށްފިއެވެ. ކިހިނެއްތޯ ވީ އަހަލީމާ ބުނިކަމަށް ވެއެވެ.

މާ ގޯސް ވެއްޖެއެވެ. ޒުހާބުންޏެވެ. މަންމާއެވެ. އެ ސްކޫލުގައި އިނގިލި ބުއިން މަނާ ކަމުގައި ވަންޏާ ބައްޕަ ގާތުގައި ބުނެގެން، ކޮއްކޮ އެހެން ސްކޫލަށް ބަދަލު ކޮށްދޭށެވެ!

މިހިސާބުން އެވާހަކަ ނިމުނީއެވެ.

ކުޑަކުދިން އިނގިލި ބޯން ފެށުން:

ކުޑަ ދަރިފުޅު އިނގިލި ބޯން ފަށަނީ މައިމީހާގެ ބަނޑުގައި އޮންނަ ދުވަސްވަރުން ފެށިގެންނެވެ. ސާދަވަނަ ހަފްތާގައި ތުއްތު ދަރިފުޅު ދަރިފުޅުގެ ސިކުނޑިން ސިގުނަލްތައް ދޫކުރަން ފެށުމާއި އެކު، މޫނު މަތީގެ މަސްތަކުގެ ހަރަކާތްތައް އައުމުގެ ނަތީޖާއެއްގެ ގޮތުން ހިނިތުންވުން، ބެލުން، އާފުރުން، އިނގިލިބުއިން، ކުޑަކަމުދިއުން، ފަދަ ހަރަކާތްތައް ތުއްތު ދަރިފުޅު ކުރާނެއެވެ. މިދުވަސްވަރު ސްކޭން ކޮށްފިނަމަ، ފަހަރުގައި ތުއްތު ދަރިފުޅު އިނގިލި ބޮނިކޮށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

އިނގިލި ބުއިމަކީ ކުދިން ބޮޑުވަމުން އަންނަ އިރު އެކުދިންގެ ކިބައިން ކަނޑުވައިލަން އުނދަގޫ އާދައެކެވެ. މިއިީ ކުދިންގެ ކިބައިގައި ޠަބީއީ ގޮތުން ހަރުލާ އާދައެކެވެ.

ތަޖުރިބާ ކާރުން ބުނަނީ ކީކޭ؟

އިނގިލި ބުއިމަކީ ބައެއް ކުދިން ނިކަން ފަސޭހައިން ނިންދަވާލާ ކަމެކެވެ. އެމެރިކަން ޑެންޓަލް އެސޯސިއޭޝަނުން އެކުލަވާލާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އަހަރަކާއި 3 އަހަރާ ދޭތެރޭގެ ކުދިން އިނގިލި ބުއިމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ހެޔޮ އަސަރު ކުރުވާނެ ކަމެއް ކަމަށެވެ. ކުދިންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކުގެ ސަބަބުން ވެސް އިނގިލި ބޮއެ ހަދާ ކަމަށާއި އެފަދަ ވަގުތުތަކުއި އިނގިލި ބުއިމުން އެ އުނދަގޫތަކުން ލުޔެއް ލިބޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އެ އުމުރުގެ ކުދިން އިނގިލި ބުއިމަކީ އެ ކުދިންނަށް އޭގައި ފައިދާތަކެއް އެކުލެވޭ ކަމެކެވެ.

ޕްރީ ސްކޫލު އުމުރަށް އެޅޭއިރު އިނގިލި ބޯނަމަ އެ އާދަ ކަނޑުވާލުމަށް އެ އުމުރުގައި މަސައްކަތް ފަށަންވާނެއެވެ. ދެ އަހަރު، ދެ އަހަރު ބަޔަށް އަޅާ އިރު ކުއްޖާގެ ކިބައިން އެ އާދަ ކަނޑުވާލަން މަސައްކަތްކޮށްފި ނަމަ އެކަން ކުރަން ފަސޭހަވާނެ އެވެ. އެމެރިކަން ޑެންޓަލް އެސޯސިއޭޝަނުގެ ދިރާސާގައި ބުނެފައިވަނީ ޕްރީ ސްކޫލު އުމުރުގެ ކުދިން އިނގިލި ބުއިމަކީ އެ ކުދިންނަށް ގެއްލުން ހުރި ކަމެއް ކަމަށެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ އެއީ ކުއްޖާގެ އަނގައިގެ ހެދި ބޮޑުވުމަށާއި ދަތްތައް ފަޅާއިރު އައިބުކޮށް ދަތް ހުރެދާނެ ކަމެއް ކަމަށެވެ. މިއީ ދަތުގެ މައްސަލަތައް ކުދިންނަށް ކުރިމަތި ކުރުވާ ކަމަކަށްވެސްވެ އެވެ. އަދި އެފަދަ ކުދިންނަކީ އިޖްތިމާއި ގޮތުން މާ ހަރަކާތްތެރި ކުދިންނަކަށްވެސް ނުވެ އެވެ. މީގެ އިތުރުން ވާހަކަ ދެއްކުމުގައިވެސް މައްސަލަތަކެއް ކުރިމަތިވެ ވާހަކަ ދައްކަން އުނދަގޫވެ އެވެ.

ކުއްޖާގެ އުމުުރުން ހަތަރު އަހަރު ވުމަށްފަހު އިނގިލި ބޯ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އިނގިލި ބުއިން ހުއްޓާލުމަށް ޑޮކްޓަރުގެ އަނގައިން ކުއްޖާ ގާތު ބުނުމުން މަންމަ ނޫނީ ބައްޕަ އެ ވާހަކަ ބުނެގެން ގަބޫލު ކުރުމަށް ވުރެ ފަސޭހައިން ގަބޫލު ކުރާނެ އެވެ.

ގޭގައި އެ އާދަ ހުއްޓުވަން މަސައްކަތް ކުރެވިދާނެ އެވެ. އާންމުކޮށް ކުއްޖާ އިނގިލި ބޮނީ ނިދާ ގަޑީގައި ކަމަށްވާނަމަ ކުއްޖާ ނިންދަވާއިރު އަންގިއެއް އަތަށް ލެއްވިދާނެ އެވެ. ނުވަތަ އިނގިލީގައި ބެންޑޭޖް ކަހަލަ އެއްޗެއް އޮޅާލާށެވެ. އަދި މަޑުމަޑުން ކުއްޖާއަށް ވިސްނޭނެ ހެން އިނގިލި ނުބޯން ވިސްނައިދޭށެވެ.

އެއީ ހަޑި ކަމެއް ކަމަށް ބުނެ ކުއްޖާއަށް ނަސޭހަތްތެރި ވެވިދާނެ އެވެ. އެއްގޮތަކަށްވެސް ކުއްޖާއަށް އަދަބުދީ ހަޅޭއްލަވާ ނުހަދާށެވެ. އާންމުކޮށް އިނގިލި ނުބުއި ނަމަވެސް ކުއްޖާއަށް ދިމާވާ ހާލަތްތަކުގައި، މިސާލަކަށް އެކަނިވާ ހިނދު، ކަމަކާ ވިސްނާއިރު އިނގިލި ބޯނަމަ އެކަން ނުކުރުމަށް ކުއްޖާއަށް ހަނދާން ކޮށްދޭން ވާނެ އެވެ. ކުއްލިއަކަށް މިއާދަަ ހުއްޓުވުމަށް އުނދަގޫ ނަމަ، ކަލަންޑަރުގައި ވަކި ދުވަހެއް ފާހަގަ ކުރާށެވެ. އަދި އެ ދުވަހަކީ އިނގިލި ބުއިން ހުއްޓާލަންވާނެ ދުވަސް ކަމަށް ކަނޑައަޅާ ކުއްޖާއާ ވާހަކަ ދައްކާށެވެ.

ކުޑައިރުން ފެށިގެން އުމުރުން 8 އަހަރު ނުވަތަ 9 އަހަރަށް އެޅިގެންދާއިރު ވެސް އެ އާދަ ދޫކޮށްނުލާ ނަމަ ބެލެނިވެރިން ކަންބޮޑުވާން ޖެހެއެވެ.