ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރ. ދުވާފަރު މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ.

މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭ 21:24 ގައެވެ.

Ad
rt

އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 12 މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުން ކަމަށެވެ.

އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނަގާފައި ވަނީ ޖުލައި 14 ވަނަ ދުވަހުގެ ރޭ 23:09 ގައެވެ.

އެރަށުން ކޯވިޑަށް ޕޮޒިޓިވްވި 3 މީހުންނާއި ސީދާ ބައްދަލުވި ކަމަށް ދެނެގަނެ ފުރަތަމަ ނަގާފައި ވަނީ 48 މީހެއްގެ ސާމްޕަލެވެ. އަދި އިއްޔެ 21 މީހެއްގެ ސާމްޕަލް ނަގެމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ހެލްތު ސެންޓަރުން ވަނީ ބުނެފައެވެ.

އެރަށުން ސާމްޕަލް ނެގޭ އެންމެންވެސް ހޯމް ކަރަންޓީނުގައި ބައިތިއްބާފައި ވާއިރު، އެ މީހުން ނިސްބަތްވާ ޖުމްލަ 33 ގެއެއް، އެ ގޭ ތަކުގެ އެންމެންނާއި އެކު ކަރަންޓީނު ކުރެވި ފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެރަށުން 3 މީހުން ކޯވިޑަށް ޕޮޒިޓިވްވީ ކަން އެނގުނީ 19 ޖޫންގައި ހޯމް ކަރަންޓީއަށް ގެނެވި، 14 ދުވަހުގެ މުއްދަތު ހަމަކޮށް ނެގި ސާމްޕަލް އިން ކޯވިޑަށް ނެގެޓިވް ވެފައިވާކަމަށް 7 ޖުލައި 2020 ގައި، އެޗްޕީއޭ އިން އެންގުމުން އުޞޫލާއެއްގޮތަށް 9 ޖުލައިގައި ދޫކޮށްލާފައި ތިއްބައި، ޖުލައި 11 ވަނަ ދުވަހުއެވެ.