ޓޫރިޒަމް ސިނާއަތް އަލުން ފައްޓާއިރު އެ ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ސިއްޙީ ސަލާމަތާއި ރައްކާތެރިކަމާއި، އިޤުތިސާދީ ރައްކާތެރިކަމަށްވުރެ މުހިންމު އެހެންކަމެއް އިސްނުކުރުމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( ޓީމް) އިން ސަރުކާރަށް ގޮވާލައިފިއެވެ.
ޓީމް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ޓޫރިޒަމް ސިނާއަތް އަލުން ހުޅުވުމުގައި އެ ސިނާޢަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ސާފުތާހިރުކަމާއި ސިއްޙީގޮތުން ގެންގުޅެންޖެހޭނެ ކަމަށް އެ ޖަމްޢިއްޔާއާއި އަދި އެ ޖަމްޢިއްޔާ ބައިވެރިވެފައިވާ ބައިލްއަޤުވާމީ މިފަދަ އެހެން ޖަމްޢިއްޔާތަކާއި ގުޅިގެން ޓޫރިސްޓް ރިސޯޓް އަދި ހޮޓާ ތަކުގައި ކޮންމެހެންވެސް ހުންނަންޖެހޭނެ މިންގަޑުތަކެއް ނުވަތަ ގައިޑްލައިނެއް އެކުލަވާލެވިފައި ވާކަމަށެވެ.
މިއަދު ދިވެހި ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުގެ ފަރާތުން ނިންމާފައިވާއިރު ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތް ތެރިންނަށް ވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ އެތައްބައެއްގެ ވަޒީފާގެއްލި، އާމްދަނީ ހުއްޓި، ނިކަމެތިކަމާއި ހާސްކަމާއި ކުރިމަތި ލާންޖެހިފައި ކަމަށް ޓީމްއިން ބުނެފައި ވެއެވެ.
"ކޯވިޑު-19، މިރާއްޖޭގައި ފެތުރެން ފެށުމާއިއެކުހެން މިކަމުގެ އެންމެބޮޑު ބިރުވެރިކަމަކާއި އެކު މަސައްކަތްކުރި އަދި އުދަގުލެއް ތަޙައްމަލު ކުރި އެއްބަޔަކީ ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިންނެވެ. އެހެންކަމުން ޓޫރިޒަމް ސިނާއަތް އަލުން ފައްޓާއިރު މިސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ސިއްޙީ ސަލާމަތާއި ރައްކާތެރިކަމާއި، އިޤުތިސާދީ ރައްކާތެރިކަމަށްވުރެ މުހިންމު އެހެންކަމެއް އިސްނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ."
ޓީމް އިން ބުނެފައި ވެއެވެ.
ޓީމް އިން ބުނީ ޓޫރިޒަމްގެ ސިނާއަތް އަލުންފެއްޓެވުމަށްޓަކައި އުސޫލުތަކާއި ގައިޑްލައިންތަށް އެކުލަވާލެވުނީ ސީދާ އެ ސިނާއަތުގެ މަސައްކަތްތެރިންގެ ބަހެއް، ފުރިހަމަޔަށް ހޯދުމަކާއި ނުލާކަމާއި، މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އިހުމާލުވެފައިވާ ކަމެއްކަމުން، އަމުދުން މިފަދަ ހާލަތެއްގައި، ސީދާ މަސައްކަތްތެރިން ޝާމިލް ނުވާނެގޮތަކަށް އެބައިމީހުންގެ ސިއްޙީ ސަލާމަތާއި ރައްކާތެރިކަން ތަންފީޒު ނުވާނެ ގޮތަކަށް އެކުލަވައިލެވިފައިވާ އުސޫލުތަކަށް އަމަލު ކުރެވިގެން ހިނގައިދާނެ ނުފެންނާތީ، އެ ޖަމްޢިއްޔާގެ ފަރާތުން އެކުލަވާލި މިންގަނޑާއި އެއްގޮތަށް ޓޫރިސްޓް ރިސޯޓް އަދި ހޮޓާ ހިންގާ ފަރާތްތަކުން ފުރިހަމައަށް އަމަލު ކުރުމަށް ގޮވާލާކަމަށެވެ.
ޓީމުން ބުނެފައި ވަނީ އެ ޖަމްޢިއްޔާއިން އެކުލަވާލި މިންގަޑު 9 ޖޫން 2020 ގައި އީމެއިލްގެ ޒަރިއްޔާއިން ޓޫރިޒަމް މިނިސްޓްރީއާ
ހިއްސާކުރެވިފައި ވާކަމަށާއި، ނަމަވެސް މިހާތަނަށްވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މާޗު 27 އިން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މިއަދު އަލުން ބޯޑަރު ހުޅުވާލާއިރު ރާއްޖެއަންނަ ބައެއް ފްލައިޓުތައް އޯވާ ބުކްވެފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ.
އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މިއަދު ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަށް އެންމެ ފުރަތަމަ އަންނާނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. ފްލައިޓު ވީއައިއޭ އަށް ލޭންޑު ކުރަން ޝެޑިއުލްގައި ވާގަޑިއަކީ މިއަދު ހެނދުނު 8:25 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!