ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް މިއަދު ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާތީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމެވެ.
ޕީޖީ ޝަމީމް ވިދާޅުވީ، އަދީބުގެ މައްސަލަ މާދަމާ ހައިކޯޓްގައި އިސްތިއުނާފް ކުރައްވާނެކަމަށާއި، އިސްތިއުނާފްގެ ލިޔެކިއުންތައް މާދަމާގެ ހެނދުނުގެ ވަގުތެއްގައި ހައިކޯޓަށް ހުށައަޅުއްވާނެކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވި ގަޒިއްޔާގައި އަދީބު ނުދައްކާ ވާހަކަތަކާއި، ޕީޖީ ހުށައަޅަފައިނުވާ ކަންކަންވެސް ހިމަނުއްވާފައިވާކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު މިނިވަންވީ އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ފަހުން އުފުލި ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައި އެ މައްސަލަތައް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށް ލުމުންނެވެ.
އަދީބުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި، އެ ދައުވާތައް ކުރިމިނަލް ކޯޓުން މިއަދު ވަނީ ބާތިލުކޮށްފަ އެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހަތްދަޢުވާއަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދެ ދައުވާ އަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ދައުލަތުން ބުނެފައި ވަނީ އެއްބަސްވުން ހަދަން ހުށަހެޅުއްވީ އަދީބު ކަމަށެވެ. ނަމަވެސް، މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، އެއްބަސްވުން ހަދަން ހުށަހެޅުއްވީ އެސިސް، އޭރުގެ ޕީޖީ އައިޝަތު ބިޝާމް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާއަށް ބޭނުންވެ އެހެން ގޮތެއް ނެތިގެން ކަމަށެވެ.
އަދީބުގެ މައްޗަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވެސް މަތީ ކޯޓުތަކުން މިދިޔަ އަހަރު އޮތީ ބާތިލްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!