ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ފަހުން އުފުލި ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައި އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު، ބަންދުގައި ހުރީ ދައުވާތަކުގެ ޝަރީއަތަށެވެ.
އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި، އެ ދައުވާތައް ކުރިމިނަލް ކޯޓުން މިއަދު ވަނީ ބާތިލުކޮށްފަ އެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހަތްދަޢުވާއަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދެ ދައުވާ އަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ދައުލަތުން ބުނެފައި ވަނީ އެއްބަސްވުން ހަދަން ހުށަހެޅުއްވީ އަދީބު ކަމަށެވެ. ނަމަވެސް، މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، އެއްބަސްވުން ހަދަން ހުށަހެޅުއްވީ އެސިސް، އޭރުގެ ޕީޖީ އައިޝަތު ބިޝާމް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާއަށް ބޭނުންވެ އެހެން ގޮތެއް ނެތިގެން ކަމަށެވެ.
އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:
- މަނީ ލޯންޑްރިންގެ ދެ ދައުވާ
- ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް
އަދީބު މިނިވަންވީއިރު އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތެވެ. ބަންދުގައި ހުންނެވީ ދައުވާތަކުގެ ޝަރީއަތަށެވެ.
އަދީބުގެ މައްޗަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވެސް މަތީ ކޯޓުތަކުން މިދިޔަ އަހަރު އޮތީ ބާތިލްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!