ސްޕެނިޝް ލަލީގާގައި ރޭ ގްރަނާޑާއާއި ވާދަކުރި މެޗު ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.

ރޭގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފައިވަނީ މިވަގުތު ޕޮއިންޓް ތާވަލުގެ ދިހަ ވަނާގައި އޮތް ގްރަނާޑާއާއި ބައްދަލުކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

Ad
rt

ރެއާލް މެޑްރިޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ދެ ލަޑުޖަހާފައެވެ. މިގޮތުން އެ ޓީމަށް ފުރަތަމަ ލަނޑު ކަސެމީރޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އުންމީދީ ޑިފެންޑަރު މެންޑީއެވެ. މި ލަނޑު މެޗުގެ ދިވަހަވަނަ މިނެޓްގައި ކާމިޔާބު ކޮށްފައިވާއިރު، ދެވަނަ ލަނޑު އޭގެ ހަ މިނެޓްފަހުން ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ކަރިމް ބެންޒެމާއެވެ. މެޑްރިޑުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ތަފާތުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ވަރަށް ކުރީކޮޅު ގްރަނާޑާއިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަޗީސްއެވެ. އެ ލަނޑާއެކު ގްރެނާޑާއިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް މެޑްރިޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދެއްކި ރެއާލް މެޑްރިޑްގެ ގޯލްކީޕަރ ކޯޓުއާ ވަނީ އެ ހަމަލާތަށް ދިފާއުކޮށް މެޗުން ތިން ޕޮއިންޓް ރެއާލް މެޑްރިޑަށް ކަށަވަރު ކޮށްދީފައެވެ.

ލީގުގައި 36 މެޗު ކޮންމެ ޓީމެއްވެސް ކުޅެފައިވާއިރު 83 ޕޮއިންޓް ހޯދައިގެން ހަތަރު ޕޮއިންޓްގެ ތަފާތަކުން ތާވަލުގެ އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. 79 ޕޮއިންޓް ހޯދައިގެން ދެވަނާގައި އޮތީ ބާސެލޯނާއެވެ. ބާކީ ކޮންމެ ޓީމަކަށް ލީގުގައި ދެ މެޗު އޮތްއިރު ރެއާލް މެޑްރިޑަށް ލީގު ކާމިޔާބު ކުރުމަށް ބޭނުންވަނީ ދެ ޕޮއިންޓެވެ. މި މަހު 16 ގައި އަމިއްލަ ދަނޑުގައި ވިލަރެއާލްއާއި ކުޅޭ މެޗު ކާމިޔާބުކޮށްގެން މި އަހަރުގެ ލަލީގާތަށި ކާމިޔާބު ކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.