2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް މިހާތަނަށް ދުނިޔޭގެ 13 މިލިއަނަށް ވުރެ ގިނަ މީހުންނަށްޖެހި، 7 މިލިއަނަށްވުރެ ގިނަ މީހުން އެ ބަލިން ރަނގަޅު ވެއްޖެއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، އަދިވެސް މިބައްޔަށް އެދެވޭ ފަރުވާއެއް ހޯދުމުގައި ދުނިޔެވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް މިބަލި ޖެހޭ މީހުން ތެރެއިން ފަރުވާއަކާއި ނުލައިވެސް ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު ދަނީ ބާރު މިނެއްގައި އިތުރުވަމުންނެވެ.
14 ޖުލައި 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 7:30 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓިވްވި މީހުންގެ ޢަދަދު: 13,235,751
މަރުވި މީހުންގެ ޢަދަދު: 575,525
ރަނގަޅުވި މީހުންގެ ޢަދަދު: 7,696,381
އިއްޔެވެސް ފާހަގަ ކުރެވެނީ ގިނަ ބަޔަކަށް މިބަލި ޖެހުނު ދުވަހެއް ގޮތުގައެވެ. އިއްޔެ ވަނީ 195,878 މީހުންނަށް މިބަލި ޖެހިފައެވެ. އަދި ޖުލައިމަހުގެ 12 ވަނަ ދުވަހުވެސް ވަނީ މިބައްޔަށް 198,197 މީހުން އަލަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ދުނިޔޭގެ ގަދަ ބާރު، އެމެރިކާއެވެ. އެގައުމުން އެކަނި ވެސް 137,782 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3,413,995 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,517,084 މީހުންނެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 1,866,176 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 72,151 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,213,512 މީހުންނެވެ.
ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި މީހުންގެ ގޮތުގައި މިހާރު ހިމެނިފައިވަނީ އަވަށްޓެރި އިންޑިއާއެވެ. އެ ޤައުމުން 879,466 މީހުން ޕޮޒިޓިވްވެ 23,187 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 554,429 މީހުންނެވެ.
ޤައުމުތަކުގެ މާލީ ދަތިތަކާއި، އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ގިނަ ޤައުމު ތަކަކުން ދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އަދި ބަލި ކޮންޓްރޯލްވިކަމަށް ބުނެވެސް ބައެއް ޤައުމުތަކުން ދަނީ ލުއި ދެމުންނެވެ.
މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!