މަޝްހޫރު ފިޤްހުޢިލްމުވެރިޔެއް ކަމުގައިވާ، އިބްނު ޢަޠާ ވިދާޅުވެފައި ވެއެވެ.

ތިމައުރެންގެ ހިތްމަތާއި މިންނަތް ކިތަންމެ ވަރުގަދަވިޔަސް، އެކަމަކުން މާތް ﷲ ގެ ޤަދަރުފުޅުތައް ފޫއަޅުވައި ނުލެވޭހުއްޓެވެ.

Ad
rt

މިބަސްފުޅުގެ މާނައަކީ ކޮބައިތޯއެވެ؟

އާދެ! މި ބަސްފުޅުން ދޭހަވާނެ އެއްމާނައަކީ؛ މި ދުނިޔޭގައި ހިނގައިދާ ކޮންމެ ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޤަދަރުފުޅާއެކު (މިންވަރުފުޅު) ހިގައިދާ ކަންކަމެވެ. އަދި އެކަންކަން ބަދަލު ކުރުމުގެ ކުޅަދާނަކަން، ނިކަމެތި އިންސާނުންނަށް ލިބިގެންނުވާނެ ކަމެވެ. އެހެންވެ، މި ޙަޤީޤަތަކީ ވަރަށްވަރުގަދަ އީމާނަކާއެކު އަހަރުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

ތިބާއަކީ މިދުނިޔޭގައި ލެއްވި މަޚްލޫޤެކެވެ. ޚާލިޤެއްނޫނެވެ. ތިބާއަށް ލިބިގެންވާ އިމްކާނިއްޔަތާއި ކުޅަދާނަކަމަކީ ކަނޑައެޅިފައިވާ ވަކި މިންގަޑެއްގެތެރޭގައި ހިފެހެއްޓިފައިވާ ކަންތައްތަކެކެވެ. ވީއިރު، ދުނިޔޭގެ ޠަބީޢަތު ތިބާއާއި ބައްދަލުކުރާނީ ދުނިޔޭގެ ޤާނޫނުގެ ތެރެއިންނެވެ.

ދުނިޔެއަކީ އެއްވެސް ޙާލެއްގައި އަރާމާއި އުފަލުގެ ޙާލަތު ތާއަބަދަށް ލިބޭނެ ތަނެއްނޫނެވެ. މިތަނުގައި، ދަތިއުދަގޫ އެއީ މިތަނުގެ ސުންނަތެވެ. އާދައެވެ.

ނަތީޖާއަކީ އުފާވެރިކަމުގެ ދުވަސްތައް ބައްދަލުކުރާ ފަދައިން ހިތާމަވެރި ދުވަސްތައްވެސް ބައްދަލުކުރުމެވެ. ތަނަވަސްކަން ލިބޭފަދައިން ފަޤީރުކަމާއި އަތްމަތި ތަދުކަން ކުރިމަތިވެއެވެ.

އަމާންކަމާއި ހިތްހަމަޖެހުން ބައްދަލުކުރާފަދައިން ބިރުވެރިކަމާއި ނާމާކަން ދިމާވުމެވެ. ދުނިޔޭގެ ދިރިއުޅުން މިނޫންގޮތަކަށް އެއްޙާލަތެއްގައި އަބަދުއޮވެދާނެ ކަމަށް ހީނުކުރާށެވެ! އެގޮތަށް ޚިޔާލުވެސް ނުކުރާށެވެ!

އަދި ހަމައެހެންމެ ތިބާގެ ޙަޔާތުގައި ތަދުކަމެއް، ހިތާމައެއް އަދި ނުތަނަވަސްކަމެއް ދިމާވިޔަސް އެކަމާމެދު ވިސްނުން ގިނަކޮށް ހާސްކަމުގެ ތެރެއަށް ތިމާގެ ނަފުސު ދޫވިޔަނުދެށޭވެ! އޭގެބަދަލުގައި ނަފުސު ކޮންޓޮރޯލުކޮށް ހިތްހަމަޖެހުން ހޯދާށެވެ! ޘާބިތުކަމުގެ ކަމަރުން ނަފުސު ބަދެލާށެވެ! ހިތްހަމަޖެހިލައި ނަފުސަށް ޘާބިތުކަން ހޯދައިދޭށެވެ!

ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ފަރުވާއިން އެންމެފުރަތަމަވެސް ފަރުވާ ލިބިގަންނާށެވެ! އެއީ އެކަލާންގެ ރަސްކަންފުޅުގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ހިތްމައްޗަށް ގެނައުމާއި އެކަލާނގެ މަތިން ހަނދުމަކުރުމުންނެވެ.

މިގޮތުން ބަލާއިރު، މާތް ﷲ ޛިކުރުކޮށް ހަނދުމަ ކުރެވޭނެ އެތައްގޮތްތަކެއް ވެއެވެ.

ނަމާދު ކުރުމާއި ކެތްތެރިވުމެވެ.

وَاسْتَعِينُوا بِالصَّبْرِ وَالصَّلاةِ

" އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! " –ބަޤަރާ : 49

ދުޢާކޮށް ﷲ ގެ ޙަޟްރަތުގައި ދެންނެވުން ގިނަކުރުމެވެ.

" وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ "

" އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭފާނާއި ސުވާލުކޮށްފިނަމަ، ( ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުށްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރިމީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ." ބަޤަރާ : 186

ކީރިތި ޤުރައާން ކިޔެވުމެވެ.

" وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ "

" ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި ޝިފާއެއްކަމުގައިވާ ތަކެތި ބާވައިލައްވަމެވެ." އަލްއިސްރާއު : 82

ގިނަގިނައިން ޛިކުރުކުރުން

އާދެ! ދުނިޔޭގެ ހަމަތަކުގެ މަތީން ތިބާއަށްވެސް އަދި އަހަރުމެން އެންމެންނަށްވެސް، ދަތިވާކޮންމެ ހިނދެއްގައި ބުރަވެވެނީ ދުނިޔެވީ ބާރުތަކަށެވެ. އަމިއްލަ ބުއްދިއަށެވެ. ނޫންނަމަ ތިމާއަށް ލިބިފައިވާ ޢިލްމަކަށެވެ. އެހެންނޫންނަމަ ތިމާގެ އަތުގައިވާ ފައިސާގެ ބާރަށެވެ.

ޙަޤީޤަތަކީ ހަމައެކަނި ބުއްދިއަށް އިޢްތިމާދުކުރާމީހާ ގެއްލެނިވެދާކަމެވެ. ނުވަތަ ހަމައެކަނި ޢިލްމުގެ މައްޗަށް ބަރޯސާވާމީހާ ނިކަމެތިވެގެން ހިގައިދާނެކަމެއެވެ. އަދި ފައިސާވެރިކަމަށް ބުރަވެގަތްމީހާ ޛަލީލުވެގެން ދިއުމެވެ.

ނަމަވެސް، ޔަޤީންކުރަންވީ ކަމަކީ މާތް ﷲ އަށް އިޢްތިމާދުކޮށްފިނަމަ، ގެއްލެނިވެ ދިއުމާއި ނިކަމެތިވުމާއި އަދި ބާރުނެތިވެ ޛަލީލުވެ ދިއުމުން އަހަރުމެން އެންމެން ސަލާމަތްވާނެކަމެވެ.

ފަރުވާތެރިކަމާއެކު ވިސްނަވާށެވެ! ތިބާގެ ހިތުގެ ވިންދުން މާތްﷲ އަށް ޛިކުކުރެވޭ އަޑު ދުވަހަކުވެސް ފަނޑުވިޔަނުދެއްވާށެވެ!