މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ރައީސް ޞާލިޙަށް ލަފާ އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް(އެން.އެސް.ސީ.) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސް ޞާލިޙް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"އެގޮތުން މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާފައެވެ."
ރައީސް އޮފީހުން ބުނެފައިވެއެވެ.
ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މިބައްދަލުވުމުގައި ނިންމަވާފައި ވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖޭގައި ބިދޭސީންގެ މައްސަލަ އަންނަނީ ފާލުން ނެއްޓެމުންނެވެ. ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކަމަށް ބުނެ މިއަދުވެސް ވަނީ މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފައެވެ. މި ބިދޭސީން ވަނީ ކުރިންވެސް މުޒާހަރާ ކޮށްފައެވެ.
މީގެ އިތުރުން ޖުލައި މަހުގެ2 ވަނަ ދުވަހު ވަނީ ބ. އަތޮޅުގައި ރިސޯޓެއް ގޮތުގައި ތަރައްޤީ ކުރަމުންދާ ބޮޑު ފިނޮޅުގައިވެސް ހަމަ ނުޖެހުން ހިނގައި، ދިވެހިން ތަކެއް ރަހީނު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!