ރާއްޖެއަށް ކުރިމަތި ވެފައިވާ ބިދޭސީންގެ މައްސަލަ ހައްދު ފަހަނާ އަޅައިދިޔައީ މިދިޔަ ސަރުކާރުގައި ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަހުމަދު ހަލީމް) ވިދާޅު ވެއްޖެއެވެ.
މިއަދު އޮތް މަޖިލިސް ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން އޭނާ ހުށަހެޅުއްވި ރާއްޖޭގައި ބޮޑު ވެފައިވާ ބިދޭސީންގެ މައްސަލައާއި ގުޅޭ ކުއްލި މައްސަލައިގެ ބަހުސްގައި އޭނާ ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާތަކެއްގައި ވެސް މި މައްސަލަ އޮތް ކަމަށެވެ.
އެހެންނަމަވެސް 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ އަހަރު އެ މަސައްކަތް ކޮންމެވެސް މިންވަރަކަށް ޙައްލުކުރުމަށް ޓަކައި މަސައްކަތްތައް ފެށުނު ކަމަށާއި، އެހެންނަމަވެސް "ބަޣާވާތަކުން" ސަރުކާރު ވައްޓައިލުމާއި ގުޅިގެން އެކަން ހުއްޓި ހުއްޓުނީ ކަމަށެވެ.
އޭގެ ފަހުން މިދިޔަ ހަތްވަރަކަށް އަހަރު ތެރޭގައި، ޚާއްޞަކޮށް މިދިޔަ ސަރުކާރުގައި ބިދޭސީންގެ މައްސަލަ ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދިޔަ ސަރުކާރުންނޭ، މިހެން މި ބުނަނީ، މިދިޔަ ސަރުކާރު ނިމި، މި ސަރުކާރު ހަވާލުވިއިރުގައި އިމިގްރޭޝަން ޑިޕާޓްމަންޓުގައި އޮންނަ ޕައިސިސް ސިސްޓަމެއް، އެ ސިސްޓަމަށް އެކްސެސްވުމުގެ ހުއްދަ އޮންނަނީ، ގަވާއިދު ހެދިފައި މި އޮންނަނީ، އެންމެ ދެ ބޭފުޅުން. އެހެންނަމަވެސް އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރުގައި އެ ސިސްޓަމަށް އެކްސެސްވެވޭ ފަސްދޮޅަސް މީހަކަށް ހުއްދަ ދެވިފައިވަނީ. އަދި މީގައި އެންމެ އަޖައިބު ކުރުވަނި ކަމަކީ، އެ ފަސްދޮޅަސް މީހުންގެ ތެރޭގައި ބަނގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުން ވެސް ހިމެނޭ. އިއްޒަތްތެރި ރައީސް. މިއީ އަޅުގަނޑުމެންގެ ކޮންޓްރޯލް އޮތް މީހުން. ގަވާއިދުގައި މި އޮންނަނީ ދެ މީހުންނަށް، އެ ހުއްދަ އޮންނަނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރު ހަވާލުވިއިރު ފަސްދޮޅަސް މީހުންގެ އަތުގައި އެ ހުއްދަ އޮތް. އަދި އޭގެތެރޭގައި ބޭރު މީހުން ވެސް އެ ހުއްދައިގެ ތެރޭގައި ތިބި. އިއްޒަތްތެރި ރައީސް. މިހިސާބަށް ކަންކަން ގޮސްފައި މި އޮތީ. މީގެ ސަބަބުން ރާއްޖެއަށް ހެސްކިޔާފައި ގަވާއިދާ ޚިލާފަށް މީހުންތަކެއް އެތެރެކޮށްފި. އެ އަންނަ މީހާއަށް އެ ގެނެވެނީ ކޮންކަމެއް، ކާކު ކައިރިއަށް ކަމެއް ވެސް ނޭނގި އެތައް ބަޔަކު ގެނެސް، މި ރާއްޖޭގެ އެތަންމިތަނަށް ދޫކޮށްލައިފި."
މެމްބަރު ހަލީމް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލާގައި ދިމާވި އެންމެ ބޮޑު ހިތާމައަކީ، މިހާރު އެތައް ދުވަހު މުސާރަ ދިނުމާއި، އެ މީހުންނަށް ލާއިންސާނީ ގޮތަށް ކަންކަން ކުރުމާއި، ކާން ނުދިނުމާއި، މިހެންގޮސް ބޭރު މަސައްކަތްތެރިންގެ ގިނަ އަދަދެއްގެ ބަޔަކު މީހުންގެ ހަތަރެސްކަން ހަމަވެ، އެ މީހުން އުޅޭނެ ގޮތް އެއްކޮށް ގޮސް، ކައިބޮއިނޫޅެވޭ ވަރަށް ދަތި ބޮޑުވެގެން ހިނގައްޖެ ކަމަށް ހަލީމް ވިދާޅުވިއެވެ.
"މިހާރު މާލޭގައި އެބަފެނޭ ބައެއް ހޮޓާތަކާއި، ފެންޓަސީ ކަހަލަ ބޮޑެތި ސްޓޯރުތަކުން ނެރޭ؟ އުކާލަން ނެރޭ ބައެއް އެއްޗެހި ހަވައިގެން ކައިއުޅޭ މީހުން ވެސް މިހާރު މާލޭގައި އެބައުޅޭ. އިއްޒަތްތެރި ރައީސް، މިއީ ދިވެހިރާއްޖެއިން ފެންނަންޖެހޭނެ މަންޒަރެއް ނޫން. މި ހިސާބަކަށް އެއްވެސް އިންސާނަކު ނިކަމެތިކޮށެއް ނުލެވޭނެ."
ހަލީމް އިތުރަށް ވިދާޅުވިއެވެ.
މިކަން މިގޮތަށް ވަމުން ދަނީ ކުރީގައި މި ކަންކަމާ ހަވާލުވެ އިމިގްރޭޝަން ތިއްބެވި ބޮޑެތި ވެރިންގެ އިހުމާލުކަމަށް ދެކިވަޑައި ގަންނަވާ ކަމަށާއި، ސަރުކާރަށް އެ ކަންކަމުގައި ސީރިއަސް ތަޙުޤީޤެއް ކޮށް، ހަރުކަށި ތަޙުޤީޤެއްކޮށް، އެ ކަންކަން ބެލުމަށް ގޮވާލާ ކަމަށް ހަލީމް ވިދާޅުވިއެވެ.
"އަޅުގަނޑު އަދި ފާހަގަކުރަން! މި ކަންތައްތަކުގައި ޓީވީ ޗެނަލްތަކާއި، މީޑިއާ އޮންލައިން ނޫސްތަކުން ފަތުރަމުން ގެންދާ ޚަބަރުތައް، ފަތުރާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ރަނގަޅަށް މިކަމުގެ ޙަޤީޤަތް ކިޔައިދޭން. ރަނގަޅަށް ޙަޤީޤަތް ކިޔައިދެވިއްޖެ ކަމަށް ވަންޏާ ރައްޔިތުންނަށް އިނގޭނެ، ދައްކާ ދޮގު ވާހަކަތަކަށް ވުރެ ޙަޤީޤަތް ބާރަށް ފެނިގެންދާނެ. އަޅުގަނޑުމެން އެ ވާހަކަތައް އަރައި އެބަ ދައްކަންޖެހޭ. ރަނަގަޅަށް ޙަޤީޤަތް އޮޅުންފިލުވައިދޭންޖެހޭ."
މެމްބަރު ވިދާޅުވިއެވެ.
ބަޔަކު ގޮތްހުސްވެ ދިޔައިމާ ވަރަށް ބޮޑެތި ފައިދާ ފަރާތްތަކަށް ނެގޭނެ، ވާދަވެރި ފަރާތްތަކުން އެ ދަނީ އެ ފައިދާ ނެގުމަށް ޓަކައި މަސައްކަތްކުރަމުން ކަމަށް ވިދާޅުވެ މިހާރު ބިދޭސީން ހިންގަމުންދާ ހަމަނުޖެހުން ތަކަކީ އިދިކޮޅުން ފަހަތުގައި ތިބެގެން ހިންގާ ކަންކަން ގޮތުގައި މެމްބަރު ވަނީ ތުހުމަތު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!