ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އާއި އެކޮމިޝަންގެ މެންބަރ އައިޝަތު އަފްރީން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރުގެ މަސައްކަތް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރަމުން ދަނިކޮންނެވެ.
އެ ދެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރުންނެވެ.
އެޗްއާރްސީއެމް އިން ދެ މެމްބަރަކު އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަނުގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަނު ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސް އޮފީހުން މިދިޔަ ހޯމަ ދުވަހު ވަނީ ހުޅުވާލާފައެވެ.
އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައި، މިއަދާއި މާދަމާގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!