ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރޭ ފުލުހުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން ބުނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގައި ހެކި ހޯދުމުގެ ގޮތުން އޭނާއަށް ނިސްބަތްވާ އިލެކްޓްރޯނިކް ބައެއް ތަކެތި ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހެކި ހޯދުމުގެ އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ޞާލިޙަށާއި، ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ވާތީ ރައީސް ޞާލިޙް، ޢަލީ ވަޙީދަށް އިސްތިއުފާ ދޭން އެންގެވީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ވަނީ އެ ދުވަހު ވިދާޅުވެފައެވެ.
އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު 10 އަކަށް ވުރެން ގިނަކަމަށް ވަނީ ޚަބަރުތައް ފެތުރިފައެވެ.
ޢަލީ ވަޙީދު، އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސް އަންގަވާފައި ވީނަމަވެސް، އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ޢަލީ ވަޙީދު ވަކިކުރެއްވީ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
މަގާމުން އިސްތިއުފާ ދެއްވަން އެންގެވި ރޭ އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ "މި ދުވަސް ވެސް ހިނގައިދާނެ" ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!