މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ށ. މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މާލެއިން ފުރައިގެން މާއުނގޫދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖުލައި މަހު 08 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

Ad
rt

އެ އޮޕަރޭޝަނުގައި، މާއުނގޫދޫ ބަނދަރު ސަރަހައްދުން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި ހުރި ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒްގެ ހަ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.