އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެޤައުމަށް ދިޔުމުގެ ފުރުސަތު ދިވެހި ސަރުކާރުން ހުޅުވާލައިފިއެވެ.
ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދުމަށް ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް މެއިލް ކުރެއްވުމަށާއި އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 7983400 ގުޅުއްވުމުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިލައްވައެވެ.
މިއީ ރާއްޖެއިން ލިބެން ނެތް، "ކްރިޓިކަލް" ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށް އިންޑިއާ ސަރުކާރުން ދެއްވި ފުރުސަތެއްކަމަށާއި އަދި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށެވެ. މީގެއިތުރުން ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިގޮތަށް ބޭސްފަރުވާއަށް ވަޑައިގަންނަވާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށެވެ. އަދި މި ޚާއްސަ ހުއްދަ ލިބިފައިވަނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.
ކޯވިޑް19 ބަލިމަޑުކަމާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށް، އަދި ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތުމުން އިންޑިއާއަށް މިވަގުތު ދަތުރުނުކުރެވޭތީ، ކްރިޓިކަލް ފަރުވާ ހޯދުމަށް އެގައުމަށް އެތެރެވުމަށް ދިވެހިންނަށް ދިން ޚާއްސަ ހުއްދައަކީ މިގޮތަށްދޭ ފުރަތަމަ ހުއްދަކަމުގައި މިކަމާއި ގުޅިގެން އެ މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!