ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީވެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ޚާއްސަކޮށް މިހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު މޫސުން ގޯސްވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ވެސް އެކި ރަށްރަށަށް އުދައަރާނެކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެހެންކަމުން މޫސުން ގޯސްވެ ދިމާވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ. މިގޮތުން ރައްކާތެރިވުމަށްޓަކައި ހިފާ ގެންގުޅޭ ތަކެތި ލޮނު ނުޖެހޭނެ ހިސާބެއްގައި ބެހެއްޓުމާއި ފެން ވަދެދާނެ ކަމަށް ވެލިބަސްތާ ޖެހުންފަދަ މަސައްކަތް ކުރެވިދާނެ ކަމަށް އެފަރާތުން ހާމަ ކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި ހުޅަނގުދެކުނުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި އަދި މެދު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!