މާލެ އިން ފުރައިގެން ހއ.ދޮނަކުޅިއަށް މުދާ ހިފައިގެން ދަތުރުކުރި "ފަތޮޅު" ބޯޓް ކ. ކާށިދޫގެ އުތުރުން 10 ނޯޓިކަލް މޭލުން ބޯޓް ބަނޑުން ޖަހާލައި، އެބޯޓް އޮޔާ ދާތީ އެސަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިއަދު މެންދުރު 12:19 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން ބޯޓުން ދަތުރުކުރި ފަސްމީހުން ކަނޑުވުމާއި ގުޅިގެން މިއަދު 14:20 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެމީހުން ސަލާމަތް ކުރުމަށްފަހު ޅ.މާފިލާފުއްޓަށް ގެންގޮސްފައިކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަނޑުންޖަހާލާފައިވާ ބޯޓް އޮޔާ ގެންދަނީ އިރު އުތުރަށް ވާގޮތަށެވެ. ވީމާ، މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެެވެ.
އެމްއެންޑީއެފުން އިލްތިމާސްގައި ބުނެފައިވެއެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށާއި ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ހާދިސާތަށް އަންނަނީ ހިނގަމުންކަމަށްވެސް އެމްއެންޑީއެފުން އިންބުނެއެވެ. މިގޮތުން އުޅަނދު ފަހަރަށް ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލައިގެން އެކި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ދަނީ ލިބެމުންނެވެ.
ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށާއި މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ. މިގޮތުން ދަތުރުކުރާ ފަރާތްތަކުން އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި އަދި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވައެވެ. އަދި ޚާއްސަކޮށް ކުދި އުޅަނދަފަހަރުގައި ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށްވެސް ދަންނަވައެވެ.
ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!