ދުނިޔޭގެ އާބާދީގެ ވަރަށް ގިނަ ބަޔަކު މިވަގުތު ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމުގެ ސަބަބުން އާބާދީގެ ގިނަ ބަޔަކު ވަނީ އިގުތިސާދީ ހަރަކާތްތަކާއި ދުރަށް ދާން ޖެހިފައެވެ.

އެތައް މިލިޔަން ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ސިއްހީ ނިޒާމް ނިކަމެތިވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައެވެ. ކޯވިޑް-19 ގެ ބަލިމަޑުކަން މަޑުމަޑުން ނެތެން ފަށާއިރު ދެން އަލިވިލޭނީ މުޅިން އާ ދުވަހަކަށް ކަމުގައި ގިނަބަޔަކަށް ގަބޫލުކުރެވެއެވެ. މި 'އާ ހާލަތު' ނުވަތަ 'ނިއު ނޯމަލް' ގައި ވަރަށް ގިނަ ކަންތައްތައް ހުންނާނީ ކުރިޔާއި ތަފާތުކޮށެވެ. އެހެން ނަމަވެސް މިބަލިމަޑުކަމުގެ ސަބަބުން އިންސާނުންގެ ތިމާވެއްޓާއި، ސިއްހަތާއި އިގުތިސާދަށް އެދެވޭ ހެޔޮ ބަދަލުތަކެއް އޭގެ ޒާތުގައި އަމިއްލައަށް އަންނާނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. ރަނގަޅު އެދެވޭ ބަދަލުތައް އަންނާނީ ސަރުކާރުތަކުންނާއި ރައްޔިތުން އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ. އެހެންކަމަށް ވުމާއިއެކު، ނިއު ނޯމަލްގައި ގެންނަން ބޭނުންވާ ބަދަލުތަކަކީ ކޮބައިކަން ރައްޔިތުން ވަރަށް ރަނގަޅަށް ފާހަގަކޮށް، އެބަދަލުތައް ގެނައުމަށް ސަރުކާރުތަކަށް ބާރުއަޅަން އެބަޖެހެއެވެ.

Ad
rt

ކޯވިޑް-19 ގެ ތެރޭ ދިވެހީންނަށް ވެސް ގިނަގުނަ މުސީބާތްތައް މެދުވެރިވެއްޖެއެވެ. އަދި ލޯ ހުޅުވާލަން މަޖުބޫރު މިންވަރަށް ކަންތައްތައް ތަޖުރިބާ ކުރެވިއްޖެއެވެ. ނަމަވެސް، މިތަޖުރިބާތަކުގެ އަލީގައި މީހުންގެ ވިސްނުން ހަގީގަތުގައިވެސް ބަދަލުވެއްޖެތޯ ނުވަތަ ދެންވެސް ދިވެހީންގެ އަމަލުތައް ހުންނާނީ ކުރީގައިވެސް ހުރިގޮތަށްތޯ މިކަން ޔަގީންވެ ކަށަވަރުވާނީ ކުރިޔަށް އޮތް ދުވަސްތަކުގައެވެ. ތިރީގައި މިވަނީ ކޯވިޑް-19 ގެ ތަޖުރިބާގެ އަލީގައި ވިސްނަންޖެހޭ މުހިއްމު ކަންތައްތައް ކަމުގައި އަހަރެމެން ދެކޭ ކަންތައްތަކެވެ.

މާލޭގެ ތޮއްޖެހުން

ދެ އަކަ ކިލޯމީޓަރ ކިރިޔާ ހަމަނުވާވަރުގެ މާލެއަކީ ނިސްބަތުން ދުނިޔޭގައި ވެސް އެންމެ ތޮއްޖެހުން ބޮޑު އެއްސަހަރެވެ. މިވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް މާލެއަށް އެކި ބޭނުންތައް ފުއްދުމަށް އަންނަ މީހުންގެ އަދަދާއި، ތައުލީމާއި، ސިއްހަތާއި، ވަޒީފާގެ ބޭނުމުގައި މާލެ އައިސް ވަޒަންވެރިވާ މީހުންގެ އަދަދު ދިޔައީ ހުއްޓުމެއް ނެތި އިތުރުވަމުންނެވެ. އަތޮޅުތައް ތަރައްގީކުރާ ވާހަކަ އިންތިޚާބުތައް ކައިރިވަމުން އައި ވަރަކަށް ދެކެވުނު ނަމަވެސް، ހަގީގީ މާނައެއްގައި އަތޮޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ނުކުރެވެއެވެ.

ފޮޓޯ: ރަބީއު

ދިވެހީންގެ އިތުރަށް ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް ވެސް އޮންނަ ވެރިރަށް މާލޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެން ފަށައިފިނަމަ، ކޮންޓްރޯލުކުރަން އުދަގޫވާނެކަން އެންމެންނަށްވެސް އެގެއެވެ. އެކަމަކު އެކަމާއިމެދު އަޅާނުލެވި ތިއްބާ ކޯވިޑް-19 އަހަރެމެންގެ މޫނުމަތީގައި އެތިފަހަރެއް ވިހެލައިފިއެވެ. މިކަމުން ފިލާވަޅެއް ދަސްވީނަމަ، މާލޭގެ ތޮއްޖެހުން ކުޑަކުރަން ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅާނެކަން ޔަގީނެވެ. މާލޭގެ ތޮއްޖެހުމާއި ގުޅިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ، އެހެން ރަށްރަށުގައި އެކަށީގެންވާ ތައުލީމާއި، ސިއްހަތާއި، ވަޒީފާގެ ފުރުސަތުތައް ނެތުން، ނުވަތަ ނެތްކަމަށް ގިނަބަޔަކަށް އިހުސާސްވުން ކަމަށް ވާތީ، އަތޮޅުތަކުގައި ރަނގަޅު ފުރުސަތުތަކެއް ރައްޔިތުންނަށް ތަނަވަސްކޮށްދޭން އެބަޖެހެއެވެ.

ބޯހިޔާވަހިކަން

ކޮވިޑް-19 ގެ ބަލިމަޑުކަން އައިސް އަހަރެމެންގެ ތެރެއަށް ފެތުރިގަތް އިރު، އެތައް ބަޔަކު ކުލި ދައްކައިގެން މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. މާލޭގައި އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ބޯހިޔާވަހިކަމެއް ނުލިބި އުޅެނީ ހަމައެކަނި އަތޮޅުތެރޭގެ މީހުންނެއް ނޫނެވެ. މާލޭގެ މީހުންގެ ތެރޭގައިވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ކިތަންމެ ބަޔަކުވެއެވެ. މާލޭގެ ކުއްޔަކީ ދުނިޔޭގެ ނިސްބަތުންވެސް ވަރަށް އަގުބޮޑު ކުއްޔެކެވެ. ކުލީގެ ރޭޓު ދުނިޔޭގެ އަގުބޮޑު ސަހަރުތައް ކަމަށްވާ ލަންޑަން، ނިއުޔޯކު ފަދަ ސަހަރުތަކާއި ކައިރިކުރެއެވެ.

ކުލި ދައްކަމުން ގެންދިޔައީ ގިނަފަހަރަށް އާއިލާއެއްގެ އެތައް ބަޔަކު އެތައް ވަޒީފާއެއް އަދާކޮށްގެން ލިބޭ އާމްދަނީއިންނެވެ. ކޯވިޑް-19 އާއިއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމާއިއެކު، ކުލި ދެއްކޭނެ ގޮތެއް ނެތިފައި އެތައް ބަޔަކު އެބަތިއްބެވެ. ބައެއް މީހުން މަގުމަތިވުމުގެ ސަބަބުން ދައުލަތުގެ އެހީއަށް އެދެން ޖެހުނެވެ. މާލޭގެ ކުލި މައްޗަށް ދާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ގިނަބަޔަކު މާލެއަށް އަންނަން ބޭނުންވުން ކަމަށްވާތީ، މިކަން ހައްލުކުރެވެން އޮތީވެސް ކުރިން އައި ނުކުތާގައި ބުނެފައިވާ ކަންތައްތައް ކޮށްގެންނެވެ. އެއީ މާލެ ފިޔަވައި އެހެން ރަށްރަށުގައި މީހުން އުފަލާއިއެކުގައި ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްގެންނެވެ. އަތޮޅުތައް ތަރައްގީ ކޮށްގެންނެވެ.

ފޮޓޯ: ހުސައިން ރާމިޒް

ހަމަމިއާއިއެކު، ސޯޝަލް ހައުސިންގ ގެ ނިޒާމެއްގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭން އެބަޖެހެއެވެ. މިކަން ކުރާން ޖެހެނީ ހަމައެކަނި މާލެ ސަރަހައްދުގައި އެކަންޏެއް ނޫނެވެ. ކުލި ދެއްކޭނެ ގޮތެއް ނެތިގެން ރަށަށް ބަދަލުވާން މަޖުބޫރުވެގެން ރަށަށް ދާން ވިސްނި މީހުންވެސް ކުރާ ޝަކުވާއަކީ ރަށުގައި ހުރި ޖިފުޓިގަނޑު ވީރާނާވެފައިވާ ވާހަކައެވެ. ފުރާޅުން ފެން ފައިބާ ވާހަކައެވެ. ފާރުތައް ވެއްޓެން ކައިރިވެފައިވާ ވާހަކައެވެ. ވުމާއެކު، ރަށްރަށަށް ބަދަލުވާން ބޭނުން ފަރާތްތަކަށް އެމީހުންގެ ވީރާނާވެފައިވާ ޖިފުޓިތައް މަރާމާތުކުރެވޭނެގޮތް ހެދުމަށް ފިނޭންޝަލް ސްކީމެއް ތައާރަފުކުރުމަކީ ވަގުތުން ވަގުތަށްވެސް ކުރަން މަޖުބޫރުކަމެކެވެ.

އުޅޭ ގެ ވީރާނާ ވުމުގެ ސަބަބުން ދަތި އުދަގޫތައް މެދުވެރިވެފައިވަނީ ހަމައެކަނި ރަށްރަށަށް ބަދަލުވާން ބޭނުން މީހުންނަށް އެކަންޏެއް ނޫނެވެ. ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ވެސް މިދަތި ދިމާވެފައިވެއެވެ. އަދި ގޯއްޗެއް ހޯދުމަށްފަހުގައި އެގޯތީގައި ގެއަޅަން ބޭނުންވާ ފައިސާ ނުލިބި، ބޯހިޔާވަހިކަމުން މަހުރޫމްވެފައިވެސް ކިތަންމެ އާއިލާއެއް އެބައުޅެއެވެ. މިކަންތައްތައް ހައްލުކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ހަމަމިއާއިއެކު، މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށްވެސް ސޯޝަލް ހައުސިންގ ގެ ނިޒާމެއްގެ ތެރެއިން ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން ޖެހެއެވެ.

މަސައްކަތްތެރިން

ކޯވިޑް-19 އާއި އެކުގައި އެތައް މަސައްކަތްތެރިންގެ ވަޒީފާ ގެއްލިއްޖެއެވެ. ޚާއްސަކޮށް މިބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ އެތައް ބަޔަކު ވަނީ ނިކަމެތިވެ މަގުމަތިވެފައެވެ. މި ބަލިމަޑުކަން ނަގާދިން އެއް ފިލާވަޅަކީ ދިވެހި މަސައްކަތްތެރިންގެ ނިކަމެތިކަމެވެ. ބޮޑުކަމެއް ދިމާވާ ދުވަހު އެމީހުންނަށް ރައްކާތެރިކަން ދޭނެ އަދި އެމީހުންގެ އާއިލާތަކަށް އެހީތެރިކަމެއް ފޯރުކޮށްދޭނެ ނިޒާމެއް ނެތްކަމެވެ. ނިއު ނޯމަލްއަށް ދާއިރު މަސައްކަތްތެރިންގެ ހައްގުތަކަށް ސަމާލުކަންދީ އިސްކަން ދޭން އެބަޖެހެއެވެ. އަދި އިގުތިސާދީ ނިޒާމަށް ދިމާވާ މިފަދަ ކުއްލި ލޮޅުންތަކުން މަސައްކަތްތެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި އެމީހުންނަށް ތަފާތު ދާއިރާތަކުގެ ހުނަރު އިތުރުކުރުމުގެ ތަމްރީނުތައް ދޭން ޖެހެއެވެ. އަދި މަސައްކަތްތެރިންގެ ރައްކާތެރިކަމަށްޓަކައި މިނިމަމް ވޭޖް ތައާރަފުކުރުމާއި ޔުނިވާސަލް ބޭސިކް އިންކަމް (ޔޫ.ބީ.އައި) ފަދަ ނިޒާމެއް ތައާރަފުކުރުމުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.

ބިދޭސީ މަސައްކަތްތެރިން

ކޯވިޑް-19 މާލެތެރޭ ބާރަށް ފެތުރެމުންދާއިރު އެބަލީގެ މޫނުމަތި ކަމުގައި ބަލަން ޖެހެނީ ބިދޭސީ މަސައްކަތްތެރިންނެވެ. މިހާތަނަށް ދިވެހިރާއްޖޭގައި ދެހާހާއި ކައިރިކުރާ އަދަދެއްގެ މީހުންނަށް މިބަލި ޖެހިފައިވާއިރު އޭގެތެރެއިން ދެބައިކުޅަ އެއްބަޔަކީ ބިދޭސީ މަސައްކަތްތެރިންނެވެ. އަދި އޭގެތެރެއިން ގިނައީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހާލަތާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތަކީ އާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން މިވާހަކަތައް އަނެއްކާވެސް މިވަނީ އެންމެންގެ ދުލުކުރިޔަށް އައިސްފައެވެ.

ކޯވިޑް-19 އިން ފިލާވަޅެއް ލިބޭނަމަ، ހަމަގައިމުވެސް ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އެމީހުން ތޮއްޖެހިފައިވާ ތަންތަނުގައި ގެންގުޅުން ހުއްޓުމަކަށް ގެންނަން ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. އަދި އެމީހުންގެ ތެރެއިން ގިނަބަޔަކު ދިވެހިރާއްޖެއަށް އަންނަނީ އިންސާނީ ވަގުފާރީގެ ތެރެއިން ކަމަށްވާތީވެ، އެކަން ހުއްޓުވަންވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވެން އެބަޖެހެއެވެ. ބިދޭސީ މަސައްކަތްތެރިންވެސް، އަދި ދިވެހި މަސައްކަތްތެރިންވެސް، ރާއްޖޭގައި މަސައްކަތް ކުރާ މާހައުލަކީ އިންސާނީ ކަރާމާތާއި ގަދަރަށް އިސްކަންދޭ މާހައުލަކަށް ވާންޖެހެއެވެ. އަދި ދިވެހީންނަށްވެސް ވިސްނެންވީ ތޮއްޖެހިފައިވާ ބިދޭސީ މަސައްކަތްތެރިންގެ އާބާދީއަށް ޖެހޭ ކޮންމެ ބައްޔެއް ދިވެހީންގެ ތެރެއަށްވެސް ފެތުރިގެންދާނެކަމެވެ. ހަމަމިއާއިއެކު، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ އަދަދު މަދުކުރުމަށް މަސައްކަތްކުރުމަކީވެސް ގައުމެއްގެ ގޮތުން ކުރިޔަށްދާއިރު ކޮންމެހެން ބޭނުންކަމެކެވެ.

އެއް ސިނާއަތަކަށް ބަރޯސާވުން

ކޯވިޑް-19 އިން ނަގާދިން އެންމެ ބޮޑު އެއް ފިލާވަޅަކީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެގެން ދިވެހިންނަށް ތިބެވެން ނެތްކަމެވެ. ޓޫރިޒަމަކީ ދުނިޔޭގައި ހިގާ ހަނގުރާމަތަކާއި، ދުނިޔޭގައި ފެތުރޭ ބަލިމަޑުކަމާއި، އެހެން ގައުމުތަކުގެ އިގުތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ވަރަށް ފަސޭހައިން ކުރާ ސިނާއަތެކެވެ. އެހެން ކަމަށްވުމާއެކު، ދިވެހިންގެ ތެރޭ ޓޫރިޒަމް ފިޔަވައި އެހެން މަސައްކަތްތަކާއި ސިނާއަތުތައްވެސް ދިރުވައި އާލާކުރަން އެބަޖެހެއެވެ. އިންފޮމޭޝަން ޓެކްނޮލޮޖީއަށް ދުނިޔެ ބިނާވެފައިވާ މިޒަމާނުގައި، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިންނަށް އާމްދަނީ ހޯދިދާނެ ކިތަންމެ މަގެއް އެބައޮތެވެ. ހަމައެއާއިއެކު، ދިވެހިންނަށް ލިބިފައިވާ ކަނޑުފަޅުގެ މުއްސަދިކަމުގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފައިގެން އާމްދަނީގެ ވަސީލަތްތައް އިތުރުކުރެވިދާނެއެވެ. މަސްވެރިކަމުގެ ސިނާއަތުން އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަން އެބަޖެހެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން

ރާއްޖެއަކީ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އެތެރެކުރާ ގައުމެއް ކަމަށްވުމާއެކު، މިއީ ކޯވިޑް-19 ފަދަ ބަލިމަޑުކަމެއް ނުވަތަ ބޮޑު ހަނގުރާމައެއްގެ އަސަރު ވަރަށް ހިތާމަވެރިގޮތަކަށް ފޯރާފަދަ ހާލަތެއްގައި އޮތް ގައުމެކެވެ. ނަސީބު ރަނގަޅުކަމުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އަދި ދަނީ އެތެރެކުރެވެމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެ ތަހައްމަލުކުރިފަދަ އާންމު ބަނޑުހައިހޫނުކަމެއް ރާއްޖޭގައި އަދި ނެތެވެ. ނަމަވެސް، އެތެރެކުރާ ކާބޯތަކެތި ގަނެވޭނީ މީހުންގެ އަތްމަތި ތަނަވަސްކޮށް ހުރެގެންނެވެ. ވަޒީފާ ގެއްލި އިގުތިސާދު ހުއްޓޭ ދަނޑިވަޅުގައި ކާބޯތަކެތި ގަންނާނެ ފައިސާ މީހުންގެ އަތުގައި ނުހުންނާނެެއެވެ.

ހަމައެހެންމެ، ދިވެހި ސަރުކާރަށް ބޭރުން ކާބޯތަކެތި އެތެރެކުރެވޭނީވެސް ދިވެހި ދައުލަތުގެ ކެރިފޯރުންތެރިކަމާއި އާމްދަނީ ހުރި މިންވަރަކުންނެވެ. ބޮޑު ބަލިމަޑުކަމެއް ނުވަތަ ބޮޑު ހަނގުރާމައެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ގިނަ ގައުމުތަކެއްގެ އިގުތިސާދަށް ލޮޅުން އަރާފައިވާ ހާލަތެއްގައި، ރާއްޖޭގެ އެކުވެރި ރަހުމަތްތެރި ދައުލަތްތަކުން އަބަދުވެސް ރާއްޖެއަށް ކާބޯތަކެތީގެ އެހީފޯރުކޮށްދޭނެކަމަށް ނުވަތަ ފޯރުކޮށްދެވިދާނެކަމަށް ދުށުމީ ކުށްހީއެކެވެ. އެހެންކަމުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މީހުންގެ ގޯތިތެރޭގައިވެސް ގިނަ ބާވަތްތަކެއްގެ ތަރުކާރީއާއި މޭވާ ހައްދަން ބާރުއަޅަން ޖެހެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭ ބަނޑަށް ނުޖެހި މީހުން ދިރިއުޅުނު ރަށްތަކުގައި ބޭނުންކުރި އޮޅުއަލަ ފަދަ ބާވަތްތައް ބޭނުންކުރުން މިހާރު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. ނުވަތަ އެފަދަ ދަނޑުތަކަށް ވަނީ ތަފާތު ބަލިތައް ޖެހިފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި އިހުގައި ހެއްދި ފަލަމަޑީގެ ބާވަތްތަކާއި، ބިންބި، ޒުވާރި، ދޮނަޅަ، ކުދިބަތް ފަދަ ބާވަތްތައް އަލުން އާލާކުރަން އެބަޖެހެއެވެ. އަދި ޒުވާނުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވައި، ޒުވާނުންނަށް ދަނޑުވެރިކަމުގެ ރޮގުން ކުރިޔަށް ދިއުމަށް ބޭނުންވާ އެހީ ސަރުކާރުން ފޯރުކޮށްދޭން އެބަޖެހެއެވެ.

ދުއްވާތަކެތި މަދުކުރުން

ކޯވިޑް-19 އާއިއެކުގައި ދުނިޔޭގައި ދެކެވޭ އެއް ވާހަކައަކީ މީހުން އިގުތިސާދީ މަސައްކަތްތައް ހުއްޓާލައި، އިންޖީނުލީ އުޅަނދު ބޭނުންނުކޮށް، ގޭގައި ތިބުމުގެ ސަބަބުން ޖައްވު ސާފުވެ، ތަޣައްޔަރުވެފައިވާ މިންވަރު ދަށްވެފައިވާކަމެވެ. ކުރިން ނުފެންނަ ފަރުބަދަތައް ދުރުން ފެންނަ ވާހަކައެވެ. އުޑުމަތި ސާފުވެފައި ރީތިކަމުގެ ވާހަކައެވެ. ނަމަވެސް، އިންސާނުން ހެލިފެލިވެވާން ފަށައި، އަލުން އިގުތިސާދީ މަސައްކަތްތަކަށް ރުޖޫއަވާން ފެށުމުން ތަޣައްޔަރުވުން ކުރިޔެކޭ އެއްގޮތަށް އިތުރުވެގެންދާނެއެވެ. ބުއްދިވެރި ގައުމުތަކުން ދަނީ، ކޯވިޑް-19 އަކީ ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައި، ތިމާވެށީގެ ރޮގުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިގޮތުން ބައެއް ސަހަރުތަކުގައި ގިނަ މަގުތަކެއް އެއީ ހަމައެކަނި ހިގާ މީހުންނާއި ބައިސްކަލު ދުއްވާ މީހުންނަށް ޚާއްސަ މަގުތަކެއް ކަމަށް ކަނޑައަޅައިފިއެވެ. ކުރިން ކާރުތަކަށް މިނިވަންކަމާއިއެކު ދުއްވުނު އެތައް މަގެއް ކާރުތަކަށް ނުވަދެވޭގޮތަށް ބަންދުކޮށްފިއެވެ. މާލެއަކީ މީހުން އެންމެ ތޮއްޖެހިފައިވާ އެއް ސަހަރަށް ވުމުގެ އިތުރުން މާލެއަކީ އިންޖީނުލީ އުޅަނދުފަހަރުގެ ތޮއްޖެހުން އެންމެ ބޮޑު އެއް ސަހަރުވެސް މެއެވެ. މިވަގުތު މާލޭގެ މަގުތައް ހުރީ އަމާންވެފައެވެ. ސައިކަލުތަކާއި ކާރުތައް ހުރީ ޕާކްކޮށްފައެވެ. މިއީ ފުރުސަތެއް ކަމަށް ބަލައި، ދުނިޔޭގެ ތަހުޒީބުވެފައިވާ އެހެން މުޖުތަމައުތަކުން ވެސް ކަންތައް ކުރާ ބީދައިން، މާލޭގެ މަގުތަކުން ދުއްވާ އެއްޗެތި މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ.

ހަމައެކަނި ހިގާމީހުންނަށާއި ބައިސްކަލަށް ވަދެވޭގޮތަށް ބައެއް މަގުތައް ބަދަލުކުރަން އެބަޖެހެއެވެ. މާލޭގައި ސައިކަލު ދުއްވުން އެއްކޮށް މަނާވެސް ކުރެވިދާނެއެވެ. އެހެނީ، މާލެއަކީ މީގެ ތިރީހަކަށް އަހަރުކުރިންވެސް މީހުންނަށް ހިގާފައި އުޅެވުނު އަދި ބައިސްކަލުގައި އުޅެވުނު ކުޑަކުޑަ ސަހަރެކެވެ. ހަމަމިއާއިއެކު، މާލޭގައި ރަނގަޅު ޕަބްލިކް ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރަން ޖެހެއެވެ. ބަސްތައް އިތުރުކޮށް، ބަހުގެ ޚިދުމަތަކީ ހައްޓަށް ލުއިފަސޭހަ، އަގުހެޔޮ ޚިދުމަތަކަށް ހަދަން ޖެހެއެވެ.

ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގެ ވިސްނުން ހުންނަނީ މާލޭގެ ތަރައްގީ ނަކަލުކުރުމަށެވެ. ނަމަވެސް، ހަގީގަތަކީ މާލެ މިހާރު މިދެކޭ 'ތަރައްގީ' އަކީ ނަކަލުކުރަން ހެޔޮނުވާވަރުގެ ތަރައްގީއެއް ކަމެވެ. އެހެންކަމުން، އެހެން ރަށްރަށުގައިވެސް އިންޖީނުލީ އެއްގަމު އުޅަނދުތައް މަދުކޮށް، ހިގާފައި އުޅޭ މީހުންނާއި ބައިސްކަލު ދުއްވާ މީހުންނަށް އިސްކަން ދޭންޖެހެއެވެ. އަދި ބޮޑެތި އެހެން ރަށްރަށުގައިވެސް ރަނގަޅު ޕަބްލިކް ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރަން ޖެހެއެވެ. ހިގާފައި އުޅުމާއި ބައިސްކަލު ދުއްވުމަކީ މީހާގެ ސިއްހަތަށްވެސް ރަނގަޅު އަސަރުތައް ކުރާނެ ކަމެކެވެ. ކޯވިޑް-19 ގެ ސަބަބުން އެންމެ ނުރައްކާ ބޮޑުވާ މީހުންގެ ތެރޭ ލޭމައްޗަށް ދިއުން ފަދަ އެހެން ސިއްހީ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ. މިފަދަ ކިތަންމެ ސިއްހީ މައްސަލަތަކަކީ މީހާ ދިރިއުޅޭ ވައްޓަފާޅީގެ ސަބަބުން މެދުވެރިވާ ކަންކަމެވެ.

އިންޓަރނެޓަކީ އަސާސީ ހައްގެއް

ކޯވިޑް-19 އާއިއެކު މުޅި ދުނިޔޭގައިވެސް އިންޓަރނެޓް ބޭނުންކުރުން އިތުރުވެއްޖެއެވެ. ރާއްޖޭގައިވެސް ކަން އޮތީ މިހެންނެވެ. ކޯވިޑް-19 އިން ނަގާދިން އެއް ފިލާވަޅަކީ އިންޓަރނެޓަކީ އަސާސި ހައްގެއް ކަމެވެ. ކިޔަވާކުދިންގެ ކިޔެވުމަށާއި، ޑަކްޓަރަކާއި މަޝްވަރާކޮށްލުމަށާއި، ސަރުކާރުގެ ޚިދުމަތެއް ހޯދަންވެސް ފަސޭހަކަމާއިއެކު އިންޓަރނެޓް ބޭނުންކުރެވިދާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ. ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ފަރާތްތަކުގެ އޮފީސްތައްވެސް އިންޓަރނެޓް ބޭނުންކޮށްގެން ހިންގިދާނެކަން ވަނީ އެގިފައެވެ. ނިއު ނޯމަލްގައި އިގުތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިޔަށްވުރެ މާބޮޑަށް ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.

މިހާލަތުގައި އިންޓަރނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެ، ސްޕީޑް އަވަސްވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ދިވެހި ޒުވާނުންގެ ތެރޭގައިވެސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އެހެން ޒުވާނުންނާއި އެއް ސަފެއްގައި ފައިހަމަކުރެވޭވަރުގެ ހުނަރު ހުރި ޒުވާނުން އެބަތިއްބެވެ. ނަމަވެސް، އެމީހުންގެ ކުރިއެރުމަށް އޮތް ހުރަހެއް ކަމުގައި ރާއްޖޭގެ އިންޓަރނެޓްގެ ހާލަތު އެބަވެއެވެ. އަދި އިންޓަރނެޓްގެ މައްޗަށް ބިނާކޮށް ވިޔަފާރި ކުރުމަކީވެސް ގައިދުރުކަން އިސްކޮށްގެން އުޅެން ޖެހޭ ނިއު ނޯމަލްގެ އަސާސީ ހަރަކާތެކެވެ. ނަމަވެސް، އިންޓަރނެޓަށް ބިނާވެފައިވާ ވިޔަފާރިތައް ފުޅާކުރުމަށް އޮތް ހުރަހަކަށްވެސް ރާއްޖޭގެ އިންޓަރނެޓްގެ އަގުތައް ހިމެނެއެވެ. އެހެންކަމާއިއެކު، ގައުމުގެ ކުރިމަގަށްޓަކައި އިންޓަރނެޓަކީ އަސާސީ ހައްގެއްކަމުގައި ކަނޑައަޅަން ޖެހެއެވެ.

ކޯވިޑް-19 ނަގާދިން ފިލާވަޅުތަކުން ދިވެހިންގެ ވިސްނުމާއި، ފިކުރާއި، އަމަލުތަކަށް އެއްވެސް ބަދަލުތަކެއް އައިކަން ނުވަތަ ނޫންކަން އެގިގެންދާނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަމަލުކުރާ ގޮތަކުންނެވެ.

ނޯޓް: މިއީ މޯލްޑިވިއަން ގްރީން މޫވްމަންޓް އިން ކިއުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ މިމަޒުމޫނެކެވެ. މޯލްޑިވިއަން ގްރީން މޫވްމަންޓަކީ ދިވެހިރާއްޖޭގައި ސިޔާސަތުތައް ތިމާވެއްޓަށާއި އިންސާނިއްޔަތަށް އިސްކަންދީގެން ބައްޓަންކުރުވުމަށް ބާރުއަޅާ ހަރަކާތެކެވެ. މިމަޒުމޫނާއި މެދުގައި ޚިޔާލެއް ނުވަތަ ޝުއޫރެއް ފާޅުކުރައްވަން ބޭނުންފުޅުނަމަ maldiviangreens@ ޓެގްކުރައްވާފައި ޓްވީޓްކުރައްވާށެވެ.