މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ކޮމަންޑޫން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 126 ކުޑަ ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މި ރަބަރު ޕެކެޓްތައް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

Ad
rt

ފުލުހުން ބުނީ އެ ތަކެތި ހޯދާފައިވަނީ ކޮމަންޑޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިޖުލައި މަހުގެ 5 ވަނަ ދުވަހު (މިއަދު) ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، އެ އޮޕަރޭޝަނުގައި، އެ ރަށު ގެއެއްގެ ކައިރީ މަގުމަތީގައި ހުރި ގަސް މުށި ތަކެއް ކައިރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 126 ކުޑަ ރަބަރު ޕެކެޓު ފެނިފައި ވާކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ވަނީ މިމަހުގެ 3 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި ގދ. ވާދޫ އާއި ތިނަދޫއިން މަސްތުވާތަކެތި ހޯދައި، މަސްތުވާ ތަކެއްޗާއި އެކު ތިނަދޫން 37 އަހަރުގެ ދިވެއްހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަނުން މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެމީހަކު ވިލިމާލޭން ހައްޔަރު ކޮށްފައިވާ ކަަމަށްވެސް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ އިންޑިއާ ދެ ފިރިހެނުންނެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން އަންނަނީ ރާއްޖެގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ އޮޕަރޭޝަންތައް ހިންގައި، މަސްތުވާ ތަކެއްޗާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.