ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި ތައްޔާރު ކުރާ ޕީސީއާރު ލެބްގެ މަސައްކަތް ނިމި މިހާރު ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެހޮސްޕިޓަލުން ބުނެފައިވަނީ އާރުއެޗުގެ ލެބް ޓެކްނޮލޮޖިސްޓުން އައިޖީއެމްއެޗުގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކޮށްފައިވާކަމަށާއި ކޭއާރުއެޗުގައި ބޭނުންކުރާ ޕީސީއާރު މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓް ކުރެވޭނެކަމަށެވެ.

Ad
rt

މި ވަގުތު ތަމްރީނު ފުރިހަމަ ކޮށްފައި ވަނީ ދެ ލެބް ޓެކްނޮލޮޖިސްޓުން ކަމަށް ވާތީ ފުލް ކެޕޭސިޓީގައި އަދި އޮޕަރޭޓް ނުކުރެވޭނެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން ތަމްރީނު ވެގެން ދާނެ.

މެނޭޖަރު އަހްމަދު ދާއޫދު ވިދާޅުވި އެވެ.

ޑަބްލިއު އެޗްއޯއިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. ލެބްގެ ސިވިލް ވޯރކްސް 4 ޖޫން 2020 ގައި ވަނީ ނިންމާލެވިފައިވާއިރު ޕީސީއާރު މެޝިންއާއި ގުޅޭ ސާމާނުތައް އެ ހޮސްޕިޓަލަށް ލިބިފައިވަނީ 17 ޖޫންގައެވެ.

މީގެ އިތރުން މެނޭޖަރު އަހްމަދު ދާއޫދު ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން މެޝިން ވެލިޑޭޓް ކުރުމުގެ މަސައްކަތް ކޮށް އޮންލައިންކޮށް އިތުރު ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވާނެކަމަށާއި މިހާރު އެ ހޮސްޕިޓަލުން ވެސް ރިއަލްޓައިމް ޕީސީއާރު ޓެސްޓް ކުރެވޭނެކަމަށެވެ.

މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަން ޔަޤީން. ކުރިއަށް އޮތްތަނުގައި ޖީން އެކްސްޕަރޓް ކާރޓްރިޖްތައް ވެސް މި ކޮޅަށް ލިބޭނެ. ޖީން އެކްސްޕަރޓް މެޝިންއިން ޓެސްޓް ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ހުރީ ނިމިފައި

މެނޭޖަރު އަހްމަދު ދާއޫދު ވިދާޅުވި އެވެ.

އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ޕީސީއާރް މެޝިން އައްޑޫ ސިޓީއަށް ލިބުމާއިއެކު އެސިޓީގައި ދުވާލަކު 100 ޓެސްޓު ހެދުމުގެ ގާބިލުކަން އިތުރު ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަދުވަހުއެވެ.

އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މީގެ ކުރިން ބުނެފަ އެވެ. މިހާތަނަށް ރާއްޖެއިން މީހުން އުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ އުތުރުގެ ރަށްތަކުންނެވެ.

ރާއްޖެއިން މިހާތަނަށް 2435 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 2030 މީހުން ރަނގަޅުވެ، 11 މީހަކު ވަނީ މަރުވެފައެވެ. މިވަގުތު ފަރުވާގައި ތިބީ 390 މީހުންނެވެ. ކޯވިޑަށް މިހާތަނަށް 55245 މީހުން ޓެސްޓްކޮށްފައިވާއިރު މި ވަގުތު އައިސޮލޭޝަންގައި ތިބީ 269 މީހުންނެވެ. ކަރަންޓީންގައި ތިބީ 112 މީހުނެވެ.