ބޮޑުފިނޮޅުން 19 ބިދޭސީއަކު ހައްޔަރުކޮށް ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި

Bodufinolhu

ބ.ބޮޑުފިނޮޅުގައި  ދިވެހިންތަކެއް ރަހީނު ކުރުމުން ހިނގަދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެކަމުގައި ޝާމިލްވި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން މިހާރުވަނީ ކޯޓަށް ހާޒިރުކުރުމަށް ތުޅާދޫއަށް ގެންގޮސްފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއެކު މުޢާމަލާތް ކޮށްގެންކަމަށެވެ. އަދި ޕަބްލިކް އޯޑަރ ރެސްޕޯންސް ޔުނިޓްގެ ފުލުހުންނާއި ފުލުހުންގެ ތަޙްޤީގު ޓީމް އެރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ބޮޑު ފިނޮޅުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން އެރަށުން ފޭބުމަށް މަސައްކަތްކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަޔަކު އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ފޭބިޔަ ނުދީ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ހެނދުނު 9:30 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މަޢޫލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ދިއުމުން ބިދޭސީން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިންކަން ދައްކާފައެވެ. މިކަމާ ގުޅިގެން އިތުރު ފުލުހުންނާއެކު ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިއުމުން އެމީހުންވަނީ ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަނޑިބުރިތައް އުކާ ހަމަނުޖެހުން ހިންގާފައިކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައި ގެންގޮސް ސީރިޔަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ބ.އަތޮޅު ސިއްޙި މަރުކަޒުން ވަނީ ފަރުވާ ހޯދާފައެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިހާރު ރަށުތެރޭގައި ހުރި ތަކެއްޗާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މަޢުލޫމާތު އެއްކުރަމުންދާކަމަށެވެ. އަދި މި މައްސަލަ ޕޮލިސް ސަރވިސްގެ ސީރިއަށް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކން ޑިޕާޓްމަންޓް ގުޅިގެން ތަހްޤީގު ކުރަމުންދަކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *