ބ.އަތޮޅު ބޮޑު ފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މާލެއިން ފުލުހުންނާއި ސިފައިން އެރަށަށް ފުރައިފިއެވެ.

ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންގެންދާ ބ.އަތޮޅު ބޮޑު ފިނޮޅުގައި މަސައްކަތްކުރާ ބަނގުލަދޭޝްގެ ރައްޔިތުންތަކެއް ވަނީ އެމީހުންނަށް ކުންފުނިން މުސާރަ ނުދޭކަމަށް ބުނެ، މުދަލާއި ތަކެއްޗަށް ގެއްލުންދީ، އެރަށުގައި މަސައްކަތްކުރާ ދިވެހިންތަކެއް ރަހީނުކޮށްފައެވެ.

Ad
rt

އެގޮތުން އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މުވައްޒަފުންތަކެއް އަންނަނީ ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިޔަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިންގަމުންނެވެ. ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުލިބި ލަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ރަށުގައި 200 އެއްހާ ބިދޭސީން އެބަތިބި ކަމަށާއި ދިވެހިންގެ ގޮތުގައި ތިބީ 15 މީހުން ކަމަށެވެ. އަދި އެ ރީޖަންގައި ހިމެނޭ ފުލުހުންގެ ޓީމަކުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ދިޔުމުގެ އިތުރުން އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު އޭނާ އަށް މިހާރު އަންނަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ބޮޑު ފިނޮޅާއި އެންމެ ގާތުގައި އޮންނަ ތުޅާދޫއިން މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި ބިދޭސީން ރަހީނުކުރި މީހުންގެ ތެރެއިން އެކަކު ވަނީ، ބިދޭސީންގެ އަތްދަށުން ސަލާމަތްވެގެން މޫދަށް އެރިގަނެގެން ފަތާފައި ތުޅާދޫއަށް އަރާފައެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން ދެ ފަހަރަށް އޭދަފުށީގައި މަސައްކަތްކުރާ ފުލުހުން އެރަށަށް އަރަން މަސައްކަތް ކުރުމުންވެސް ބިދޭސީން ވަނީ، ފުލުހުންނާއި ކުރިމަތިލައި، ގަލާއި ދަގަނޑު ތަކެތިން ފުލުހުންނަށް ހަމަލާދީފައެވެ.

ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތްކޮށް ހަމަނުޖެހުންތައް މައިތިރި ކުރުމަށް ރަޔަޓް ފުލުހުންނާއި ސިފައިން މިހާރު އެރަށަށް ދަތުރު ކުރަމުންދާއިރު، އެފައުޖާއިއެކު ބަނގުލަދޭޝް އެމްބަސީގެ ބަޔަކުވެސް ދަތުރުކުރާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުދޭތީކަމަށް ބުނެ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އެރިސޯޓުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެ ތުހުމަތުތަކެއް ދޮގެއް ނުކުރައްވަ އެވެ. ހަމަ ނުޖެހުން ހިންގަނީ މުސާރަ ނުދީގެންކަމަށް ރިޒާ ވަނީ ރާއްޖޭގެ ބަޔެއް ނޫސްތަކަށް މަޢުލޫމާތު ދީފައެވެ. މުސާރަ ނުދެވިފައިވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށާއި ނަމަވެސް އެމީހުންނަށްވެސް ފައިސާ ނުދެވި ވަނީ ދިމާވެފައިވާ ކޮވިޑްގެ ހާލަތާއި ގުޅިގެން ދަތިތަކެއް ކުރިމަތި ވެގެން ކަމަށް ރިޒާ ވިދާޅުވި އެވެ.