ހއ. ދިއްދޫ އަންޑާޕޫލްގޭ، ޙަކީމްބޭ ގޯތި ޙައްވަ ދައިތައަކީ އަހަރެންގެ އެންމެ ފުރަތަމަ މަދަރުސީ ޙަޔާތުގެ ބެލެނިވެރިޔާއެވެ. ޙައްވަ ދައިތައާއެކު އެންމެ ދުރު ހަނދާނަކަށް ވަނީ އަހަރެންގެ އުމުރުން 7 އަހަރުގައި ޙައްވަ ދައިތަގެ ބެލެހެއްޓުމުގެ ދަށަށް އަހަރެން ދިޔަ ދިޔުމެވެ. އެހެން ނަމަވެސް، އޭގެ އެތަކެއް އަހަރު ކުރިން، އަހަރެމެންގެ އާއިލާއާއި ޙައްވަ ދައިތައާ ވަނީ ގުޅިފައެވެ.

ހއ. އާއި ހދ. އެއްކޮށް ތިލަދުންމަތީގެ ނަމުގައި ނޮޅިވަރަންފަރުގައި އަތޮޅުގެ އަތޮޅުވެރިކަން ހިނގަމުން ދިޔަ ދުވަސްވަރު، އަހަރެންގެ ބައްޕައާއި ޙައްވަ ދައިތަގެ ފިރިމީހާ، ޙަކީމްބެއާ ދެ މީހުންނަކީ ވެސް އަތޮޅު އޮފީހުގައި، އަތޮޅުވެރިޔާ ވަޑި ދޮންމަނިކުގެ އަރިހުގައި އެންމެ އިސްކޮށް މަސައްކަތްކުރަމުން ދިޔަ ދެ މީހުންނެވެ.

Ad
rt

މަސައްކަތުގެ މާހައުލުން މި އުފެދުނު އެކުވެރިކަމަށް އިތުރު ބަދަހިކަމެއް އައީ، ތިލަދުންމަތި ދެ ބައިވެ ހއ. ގެ އަތޮޅުވެރިކަން ދިއްދުއަށް ބަދަލުވި ހިސާބުންނެވެ. ޚާއްޞަކޮށް 1960 ގެ އަހަރުތަކުގެ ކުރީކޮޅު ހއ. އަތޮޅުގެ އަތޮޅުވެރިޔާކަމަށް ބައްޕަ ހަމަޖެހި ބައްޕަގެ ދިރިއުޅުން ދިއްދުއަށް ބަދަލުވުމުގެ ސަބަބުންނެވެ. ބައްޕަގެ ދަށުން ދެން އެންމެ އިސްކޮށް، އަތޮޅުގެ ކަންކަން ހިންގުމުގައި ހުރީ ޙަކީމްބެއެެވެ. އަތޮޅުވެރިޔާގެ މަގާމުގައި 9 އަހަރާއި 10 ވަރަކަށް މަސް ދިއްދޫގައި ހޭދަކުރުމަށް ފަހު، އާއިލާއާއެކު ބައްޕަ ރަށަށް ބަދަލުވި ނަމަވެސް ބައްޕައާއި ޙަކީމްބެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަކަށް ބަދަލެއް ނާދެއެވެ. އޭގެ ނަތީޖާއަކަށް ވީ އަހަރެން ދިއްދޫގައި ކިޔަވަން ހުންނާނެ ގެއެއްގެ ގޮތުގައި ޙަކީމްބޭމެންގެ ގެ ހަމަޖެހިގެން ދިޔުމެވެ.

ސުވާލަކީ އެހައި ޅަ އުމުރުގައި މައިންބަފައިންނާ ވަކިން އެހެން ރަށަކަށް ކިޔަވަން ދިޔައީ ކީއްވެ ހެއްޔެވެ؟ އަހަރެމެންގެ ރަށް، މާރަންދުއަކީ އޭރު މަދަރުސީ ތައުލީމުގެ ފުރުސަތު ފަހިވެފައި އޮތް ރަށެއް ނޫނެވެ. ހުންނަނީ މަކުތަބެކެވެ. މާރަންދޫ މަކުތަބެވެ. މަކުތަބުތަކަކުން މަދަރުސީ ތައުލީމެއް ނުލިބޭނެއެވެ. އެހެންވީމާ، ޒަމާނީ މަދަރުސީ ތައުލީމު ލިބެން އަންނަނީ މާލެއަށް ނޫނީ އަތޮޅުގެ މިފަދަ ތައުލީމުދޭ ތަނަކަށް ގޮސްގެންނެވެ. އެހެންކަމުން، އަހަރެމެން ކޮންމެ ކުއްޖަކު ވެސް ވަރަށް ޅަ އުމުރުގައި، ތައުލީމު ފޯރުކޮށްދިނުމަށް ޓަކައި ތައުލީމީ ފުރުސަތު ރަނގަޅަށް ފަހިވެފައިވާ، އަތޮޅުގެ ކޮންމެ ވެސް ރަށަކަށް ބައްޕަމެން ގެންދެއެވެ. މާލެއަށް ބަދަލުކުރަނީ މި ރަށްތަކުން އެއް އަހަރު ނުވަތަ ދެ އަހަރެއް ވަރު ކިޔަވައިދީފައެވެ. މި ގޮތުން، ދޮންތަ ގެންދިޔައީ ދިއްދުއަށެވެ. ތުއްތަ (ތުއްތަގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާށި! އާމީން!) އާއި ކުޑާއްތަ ގެންދިޔައީ ހޯރަފުށްޓަށެވެ. އަހަރެން ގެންދިޔައީ ދިއްދުއަށެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ.

އަހަރެންނަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. މައި ނުފިއްލާ ޅަ ފިޔޮކެއް ފަދައިން މަންމަގެ ފަސްބައިން ދޫނުކޮށް ދާހާ ތާކަށް މަންމަގެ ފަސްފަހަތުން ގޮސް އުޅުނު ކުއްޖެކެވެ. އެހެންވީމާ، އެހައި ޅަ އުމުރުގައި އާއިލާއާ ވަކިން، ދުރު ރަށެއްގައި ހިލޭ ބަޔެއްގެ ގާތުގައި ހުންނަންޖެހުން ވީ ވަރަށް ހިތްދަތިކަން ކުރިމަތިކުރުވި ކަމަކަށެވެ. ހަމައެހެންމެ، އެއީ އަހަރެންގެ މައިންބަފައިންނަށް ވެސް އެ ދުވަހު ނިންމަން އެހައި ފަސޭހަ ނިންމުމަކަށް ނުވާނެކަން ޔަގީނެވެ. އެހެން ނަމަވެސް، ދަރިންގެ ކުރިމަގު އުޖާލާކުރުމަށް ޓަކައި މައިންބަފައިން ކިތަންމެ ބޮޑު ގުރުބާނީއެއްވުމަށް ވެސް ފަހެއް ނުޖެހޭނެ ތާއެވެ.

ކޮންމެއަކަސް، މައިންބަފައިން ގާތުގައި ނެތްކަމުގެ ނުތަނަވަސްކަން ފިލުވައިލަ ދިނީ ޙަކީމްބެއާއި ޙައްވަ ދައިތައެވެ. ޚާއްޞަކޮށް ޙައްވަދައިތަގެ މައިވަންތަކަމުގެ އުނގުން އެ ދުވަހު އެ ލިބުނު ލޯތްބާއި ހިމާޔަތް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. ދިން އަޅައިލުމާއި އޯގާތެރިކަން ފަނޑުވެގެން ނުދާނެއެވެ. އެ ގޭ ކުދިންނެކޭ އަހަރެންނެކޭ ކޮށްދޭ ކަންކަމުގައި ތަފާތެއް ނުކުރެއެވެ. އަޝްރަފާއި އަހަންނާ އެއްވަރެއް ނަމަވެސް، ޙުސޭނާއި މުންޒިރާ ކުޑައެވެ. އެއީ އެއް މާބަނޑު ދެ ބެންނެވެ.

އެ ކުދިންގެ ކަންތައްތައް ވެސް ޙައްވަ ދައިތަ ކޮށްދޭން ހުންނާނެ ތާއެެވެ. އަނެއްކާ މިއީ އަތޮޅުގެ ގިނަ ބަޔަކު އައިސް ގޮސް ވާ، ކެއުންބުއިމާއި އެހެނިހެން ޒަރޫރަތްތަކުގައި ގިނަ ބަޔަކު އައިސް އުޅޭ ކާރޫބާރޫ ބޮޑު ގެއެކެވެ. މިފަދަ ގެއެއްގައި އިންނަ ގެވެހި އަންހެނަކު އުފުލަންޖެހޭ ޒިންމާތައް ވެސް ކިހައި ގިނަވާނެ ހެއްޔެވެ؟ އެކަމަކު ވެސް، ގޭ އުތުރުފަރާތުގެ ފެންޑާގައި އެ ހުންނަ އުނދޯލީގައި ބާއްވައިގެން، ކައިރީގައި އިނދެ އުނދޯލި ހެއްލަމުން، ނިދުމުގެ ކުރިން ކިޔާ ޝަހާދަތާއި ކުރުސިއާއި އެ ނޫން ވެސް ދުޢާތައް ރޭގަނޑު ކިޔައިދޭ ހަނދާން އެބަހުއްޓެވެ.

ޙައްވަ ދައިތަ ކައްކާފައި ހުންނަ މީރު އެއްޗެހި މަތިން މިހާރު ވެސް ހަނދާންވެއެވެ. ހުނިހަކުރު ބަނޑަބައްޗެވެ. ބަތާއެކު ކާން ތައްޔާރުކޮށްފައި އެ ހުންނަ ލޮނުމިރުސް ގަނޑެވެ. އެކަމަކު ވެސް އެންމެ ހިތުން ނުފިލައި ހުންނަ ހަނދާނަކީ އަދި މިއެއް ނޫނެވެ. އެއީ، އިންޓޯލު ގަޑީގައި ލިބޭ މީރު އިންޓޯލެވެ. ސްކޫލަށް ގޮސް އައިސް އުޅުނީ އެކަންޏެެވެ. އެހެން ނަމަވެސް، ކޮންމެ ދުވަހަކު ވެސް އިންޓޯލު ގަޑީގައި އިންޓޯލު ހިފައިގެން ހައްވަ ދައިތަ ސްކޫލަށް އާދެއެވެ. އަހަރެންނާއި އަޝްރަފާ ދެ މީހުން އުޅުނީ އެއް ކުލާހެއްގައެވެ. ސްކޫލު ހުންނާނީ ރަށުގެ ދެކުނު ކޮޅު ރުއްގަނޑާ ވީ ހަމާގައެވެ. އަންޑާޕޫލުގެ ހުންނާނީ ގާތްގަނޑަކަށް މިހާރު ރަށުގެ އިންޖީނުގެ އެ ހުރި ހިސާބުގައެވެ. ރަށުގެ މެދަކާ ހިސާބުގައެވެ.

އަވިއަރައިގެން އައިސް އެންމެ އަވިގަދަވާ ވަގުތު ދެ ކޮޅަށް ހިނގަން ބަލާއިރު އެއީކީ ކައިރި ހިސާބެއް ނޫނެވެ. އަނެއްކާ ދިއްދުއަކީ ގުުދުރަތީ ގޮތުން ވެސް، ރަށުތެރޭގައި ރުއް ގަސް މަދު ހޫނު ގަދަ ރަށެކެވެ. އެހެންވީމާ، ކޮންމެ ދުވަހަކު ކުރަން ބަލާއިރު އެއީ ފަސޭހަކަމަކަށް ވެސް ނުވާނެއެވެ. އެހެން ނަމަވެސް، އިންޓޯލު ގަޑިޖެހިގެން އަހަރެމެން އިންޓޯލު ބޯން ނުކުންނަ އިރު ހައްވަ ދައިތަ ހުންނާނީ ދެ މީހުންގެ ދެ އިންޓޯލު ހަން ހިފައިގެން އައިހެވެ. އަހަރެމެން އިންޓޯލަށް އަންނަނީ ސްކޫލުގެ އޮފީސް ބައި ހިންގާ އިމާރާތާއި ސްކޫލުގެ އުތުރަށް އޮންނަ މަގަތު ފާރާ ދެމެދު ގޯތިތެރޭގައި އޮންނަ ހުސް ބިމަށެވެ. ސްކޫލު އޮފީހުގެ ފުރަގަހުގައި އޮންނަ ހިޔާގަނޑުގައި ތިބެ އިންޓޯލު ބޮއި ނިންމީމައި ދެ އިންޓޯލު ހަން ހިފައިގެން ޙައްވަ ދައިތަ ދާނެއެވެ. އިންޓޯލަށް ގެންނާނީ ރަތް ޖޫސް (ރޯސް ސިރަޕް) އާއި ވަރަށް މީރުކޮށް ތުނިކޮށް ފިހެލައިފައި އޮންނަ މަސްފަތަފޮޅިއެވެ. އެ ހަނދާން ވީމާ، އެ މީރު އިންޓޯލުގެ ރަހަ މިހާރު ވެސް ޢަރު ތެރޭގައި ލާކަމުގެ އިހުސާސެއް ކުރެވެއެވެ. ފޫހިކަމެއް ވަރުބަލިކަމެއް ނެތި ޙައްވަ ދައިތަ މި ޚިދުމަތް ދިން ގޮތް ހަނދާނަކުން ނުފިލައެވެ.

މި ރަށުގައި ކިޔަވަން ހުރީ 1 އަހަރުއެވެ. އަނެއް އަަހަރު، ދުވަސްކޮޅަކު ހުރެފައި ބޮޑާ ހާކާފައި ރަށަށް ދިޔައީއެވެ. މަންމަމެން ހަނދާންވާ ވަރުންނެވެ. ޙައްވަދައިތަގެ އެ އޯގާތެރިކަމާއި އަޅައިލުމަކުން ވެސް ރަށް މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ނަމަވެސް ޙައްވަ ދައިތައާއި އަހަރެމެންގެ އާއިލާއާ ދެމެދު އޮތް ގުޅުމެއް ނުކެނޑެއެވެ. ކިޔަވަން މާލޭގައި ތިބިއިރު ވެސް ޗުއްޓީއަށް ރަށަށް ގޮސް ދިއްދުއަށް ނުދާ ދަތުރެއް ވަރަށް މަދުވާނެއެވެ. އެއިން ކޮންމެ ދަތުރެއްގައި ވެސް ޙައްވަ ދައިތައާއި އެ ޢާއިލާގެ ފަރާތުން ލިބުނީ އެއްބަނޑު އެއްބަފާ ވަންތަކަމުގެ މުޤައްދަސް ލޯތްބެކެވެ. އަޅައިލުމެކެވެ. މެހެމާންދާރީއެކެވެ.

މިއަދު މި ދެ އާއިލާ ގުޅުވައިލަދިން އިސް ދެ ފަރާތް، ބައްޕައާއި ޙަކީމްބޭ (ދެ މިތުރުންގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާށި! އާމީން!) ދުނިޔޭގައި ނެތް ނަމަވެސް، ޙަކީމްބޭގެ ކުދިންނާއި ޙައްވަދައިތައާއި އަހަރެމެންގެ އާއިލާއާ ދެމެދު ވަނީ އިހުނަށް ވުރެ ވެސް ބަދަހި ގުޅުމެއް ގާއިމުވެފައެވެ. ފަންނިއްޔާތު (ޓެކްނޮލޮޖީ) ގެނެސްދިން ފަސޭހަތަކުގެ ސަބަބުން ދުރު ކައިރިކޮށްދީފައި ވާތީ، މަހަކު އެކިދެތިން ފަހަރު ފޯނުން ގުޅައި އެއް ބަޔަކު އަނެއް ބަޔެއްގެ ޙާލުއަހުވާލު ބެލެއެވެ. ޙަކީމްބެއާއި ޙައްވަ ދައިތައަށް 10 ކުދިން ލިބުނެވެ. އެއީ، 5 ފިރިހެން ކުދިންނާއި 5 އަންހެން ކުދިންނެވެ. ނަމަވެސް މިހާރު ދުނިޔޭގައި ތިބީ 8 ކުދިންނެވެ. އެއީ 5 އަންހެން ކުދިންނާއި 3 ފިރިހެން ކުދިންނެވެ. މީގެއިތުރުން، ޙައްވަ ދައިތައަށް މާމަ ކިޔާ 16 ކުދިންނާއި މުނި މާމަ ކިޔާ 9 ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.

އެންމެ ފަހުން، ޙައްވަ ދައިތައާ ދިމާވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅެވެ. ދިއްދޫންނެވެ. ސީދާ ބައްދަލު ނުވާތާ އަހަރުތަކަކަށް ފަހުއެވެ. ގެއަށް ދިޔައިމާ ހީވީ، ޙައްވަ ދައިތަ ގާތުގައި ކިޔަވަން ހުރި އެއްކަލަ ކުޑަކުޑަ ޢާޠިފާ ފެނިގެން އުޅުނުހެންނެވެ. މުސްކުޅިވެ ލޯބޯކޮށިވެފައި ހުރި ނަަމަވެސް، އެ އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ. ގޭގައި އުޅޭ ކުދިން ލައްވައި ނުކައްކާކަށް އެއްޗެއް ނެތެވެ. ހުނި ގޭނުންފަދަ ބަދިގެތެރޭގެ ކުދިކުދި މަސައްކަތްތައް އޭރު ކޮށްއުޅު ނަމަވެސް، މިހާރު ޙައްވަދައިތަގެ އުމުރުން 80 އަހަރުވެފައިވާއިރު، އުޅެނީ ވެސް ކުޑަކޮށް ބަލިވެއެވެ. މަންމައެއް ފަދަ ހެޔޮ ޙައްވަ ދައިތައަށް އަހަރެން އެދެނީ ދެ ދުނިޔޭގެ ވެސް ބާއްޖަވެރިކަން މާތް ﷲ މިންވަރުކޮށްދެއްވުމެވެ.
(ނިމުނީ)