ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އާންމު ކޮމެޓީއިން މަޖިލިސްގެ ޤަވާޢިދަށް ގެނައި އިސްލާހު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
19 ވަނަ މަޖިލީހުގެ ކުރިން ހިނގާ ދިޔަ ދައުރުތަކުގައި މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމު ކުރަން ޖެހޭ ގޮތަށް މަޖިލިސް ޤަވާޢިދަކު ނޯވެއެވެ. އެ ބައި މަޖިލިސް ޤަވާއިދުގައި ހިމެނީ ނަޒާހަތްތެރި މަޖިލިސްއެއްކަން ކަށަވަރުކޮށް ދިނުމަށްޓަކައި މިހިނގާ 19 ވަނަ މަޖިލިސްއިންނެވެ.
ނަމަވެސް މެންބަރުގެ އާއިލާގެ މާލީ ބަޔާންތައް އާންމުނުކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަން 62 ފާސްކުރީ މެންބަރުންގެ ވޯޓުން މިއަދު ފާސްކުރީ، 19 ވަނަ މަޖިލީހުގެ ދައުރުގެ ފުރަތަމަ ދައުރުގެ މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ވަގުތު ކައިރިވެފައި ވަނިކޮށެވެ.
މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.
އެ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭ ގޮތުން، އަހަރަކު އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށެވެ.
މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމު ކުރަން ނުޖެހޭ ގޮތަށް ޤަވާޢިދު އިސްލާޙްކޮށްދޭން އެދުނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މަޖިލިސް ރައީސްގެ އެ އެދިވަޑައިގަތުމާއި އެއްގޮތަށް މަޖިލީހުގެ އާންމު ކޮމެޓީން ނިންމި ގޮތަށް މިއަދު ވަނީ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން މަޖިލިސް ތަޅުމުން ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބިން / ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފައިވަނިކޮށް މާލީ ބަޔާން އާންމު ކުރަން ލާޒިމު ކުރުމަކީ މުހިންމު ކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މިއަދު ވަނީ ވިދާޅުވެފައެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށެވެ. އެ ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމްކުރުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވެފައި ވެއެވެ.
ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުން. އެ ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަން ލާޒިމްކުރުން މުހިންމު. އަދި ހަދިޔާ އާއި މަސްލަހަތު ފުށުއެރުން ރެޖިސްޓްރީކުރުން ވެސް މުހިންމު.
— Hussain Fiyaz Moosa (@hussainfiyaz) July 1, 2020

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!