•  
  •  
  •  
  •  
  •  
  •  
  •  

19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ކެމްޕެއިންގައި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިގެން ދިޔައީ 19 ވަނަ މަޖިލިސްގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބިއްޖެނަމަ މަޖިލިސް ނަޒާހަތްތެރި މަޖިލިސްއަކަށް ވެގެން ދާނެ ކަމުގެ ވަޢުދެވެ.

އެ ނަޒާހަތްތެރި ކަމުގެ ވަޢުދުގެ ބާރުގައި ރައްޔިތުން ނުކުމެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ބިޔަ މެޖޯރިޓީއެއް 19 ވަނަ މަޖިލީހުން ހިބަކޮށްދިނެވެ. މަޖިލިސްގެ ތާރީޚްގައި އިންތިޚާބެއްގައި އެއްވެސް ބަޔަކަށް ނުލިބޭ ޝަރަފާއި، ބާރުވެރިކަން ރައްޔިތުން ވެރިކަން ކުރާ މައިޕާޓީއަށް ދިނީ އެހެން ބައެއްގެ އެހީއެއް ނެތި މަޖިލިސް ނަޒާހަތްތެރި ކޮށްލެވޭނެ މިންވަރަށެވެ.

މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް އާންމު ކޮމެޓީއިން ފާސްކުރުމުން ރައްޔިތުންގެ އެތައް ސުވާލެއް!

19 ވަނަ މަޖިލިސް ފެށިގެން އަހަރެއް ފަހަނަ އަޅައިގޮސް، މަޖިލިސްގެ ޤަވާޢިދުން މަތިކޮށްފައިވާ މެމްބަރުންނާއި، މެމްބަރުންގެ އަނބިންނާއި، މެމްބަރުންގެ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ސުން ގަޑި ބޯވަތިވެފައި ވަނިކޮށް މަޖިލިސްގެ ޢާންމު ކޮމެޓީއިން، މެމްބަރުންގެ އަނބިންނާއި، މެމްބަރުންގެ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ފާސްކުރުމުން ނަޒާހަތްތެރި މަޖިލިސްގެ ދަތުރުގެ މިސްރާބާއިމެދު އެތައް ރައްޔިތުންނެއް ދަނީ ސުވާލު އުފައްދަމުންނެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ.

މިހާރު މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި 68 ވަނަ މާއްދާގެ (ރ) ގައި ބުނަނީ މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭގޮތަށް، އަހަރަކު އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ އެވެ.

އިސްލާހު ގެންނަން އާންމު ކޮމެޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު!

އިންސާފާއި، ނަޒާހަތްތެރިކަމަށާއި، ހައްޤުތަކަށް ކުރަށްވަމުން ގެންދަވާ ވަކާލާތުގެ ސަބަބުން އެތައް ދިވެހި ރައްޔިތުންގެ ތާއީދާއި ލޯބި ލިބިވަޑައިގެން ހުންނެވި، އެމްޑީޕީގެ ރައީސް، އަދި މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލިސްގެ ޤަވާޢިދަށް މިބަދަލު ގެންނަން އެދިވަޑައިގަތްކަމަށް ތިލަވުމުން އެކަން ޤަބޫލު ނުކެރެވުނު އެތައް ރައްޔިތުންނެއް އެބަތިއްބެވެ.

މަޖިލިސް ރައީސް، ރައީސް ނަޝީދު އެގޮތަށް އެދި ވަޑައިގަތް ނަމަ، އެކަމުގެ ފަހަތުގައި ހައުދަހާވާ ބޮޑު ސިއްރަކާއި، ހިކުމަތެއް އޮންނާނެ ކަމަށް ދެކޭ އެތައްބަޔަކު ދެކި، ތިބީ ސުވާލު މާކެއްގެ ތެރޭގައި ތާށިވެފައި އެވެ.

ކޮންމެއަކަސް މަޖިލިސްގެ ޤަވާޢިދު މިހާރު އޮތް ގޮތުން މަޖިލިސް މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަށްވަން މަޖިލިސްގެ އާންމު ކޮމެޓީއަށް އިސްލާޙު ފޮނުއްވީ މަޖިލިސްގެ ރައީސް، ރައީސް ނަޝީދުކަމަށް މިހާތަނަށް ހާމަވި މައުލޫމާތުތަކުން ފެންނަން އެބައޮތެވެ.

ކޮމެޓީއިން މިހާރުވަނީ މަޖިލިސް ރައީސް، ރައީސް ނަޝީދުގެ އެ ހުށަހެޅުން ފާސްވެސް ކޮށްފައެވެ. ކޮމެޓީން ނިންމީ މެމްބަރުންގެ އަނބިންނާއި ދަރިން ނުހިމެނޭ ގޮތުން މެމްބަރުގެ މާލީ ބަޔާން އެކަނި އާންމު ކުރަން ޖެހޭ ގޮތަށް އިސްލާހު ގެނައުމަށެވެ.

ޢާންމު ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ 8 މެމްބަރުންނަކީވެސް، އެމްޑީޕީގެ މެމްބަރުންނެވެ. އެ ކޮމެޓީގެ މުޤައްރިރަކީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައިވެސް ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފެވެ.

19 މަޖިލިސްގެ ޤަވާޢިދަށް އަމިއްލައަށް ގެންނެވި ބަދަލު މަޖިލިސް ތަޅުމުން ފާސްކޮށްފާނެތަ؟

އާންމު ކޮމެޓީގެ މި ނިންމުން ނިންމުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދާފައިވާ ކަމަށާއި، އެ މުއައްސަސާތަކުން ވެސް ލަފާ ދިނީ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ކުރުން ރަނގަޅު ނޫން ކަމަށް ޢާންމު ކޮމެޓީއިން މިމައްސަލަ ދިރާސާ ކުރި ރިޕޯޓުގައި ވެއެވެ.

އެރިޕޯޓުގައި ވާގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާ ދިނީ މާލީ ބަޔާންތައް މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުގެ ބަދަލުގައި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ހެދުމަށެވެ. އެކަމަކު ކޮމެޓީން ނިންމީ ގާނޫނުއަސާސީ އޮތްގޮތުން އެ ބަދަލު ގެނެވެން ނެތް ކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ އެ ރިޕޯޓުގައި އެ ޖަމްއިއްޔާއިން މަޖިލީހަށް ދިން ލަފާގެ އެއްބައި ބޭނުންކޮށް، އެއާ ވިދިގެން އަންނަ ބައި ފާހަގަކޮށްފައި ނުވާތީ އެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާންމު ކޮމެޓީގެ ނިންމުމުގެ ދަށުން، މަޖިލިސް ޤަވާޢިދަށް އެ ބަދަލު ގެނެވޭނީ މަޖިލިސް ތަޅުމުން އާންމު ކޮމެޓީއިން މިގެނައި އިސްލާޙް ފާސްކޮށްގެންނެވެ.

މީގެ ކުރީގެ މަޖިލިސް ދައުރުތަކުގެ ޤަވާޢިދުގައި އޮންނަނީ މެމްބަރުންގެ މާލީ ބަޔާން ހުށަހެޅުއްވުމުގައި އެ މެމްބަރެއްގެ އެކަނި މާލީ ބަޔާން ހުށަހަޅާށެވެ. 19 ވަނަ މަޖިލިސް ނަޒާހަތްތެރި މަޖިލީހަކަށް ހެދުމަށް، މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭ ގޮތަށް ޤަވާޢިދު ހަދައި، ފާސްކުރީ މި 19 ވަނަ މަޖިލީހުންނެވެ.

އެހެންނަމަވެސް، 19 ވަނަ މަޖިލިސްގެ ފުރަތަމަ މާލީ ބަޔާން ހުށަހެޅުމުގެ ކުރިން އަމިއްލައަށް ހެދި ނަޒާހަތްތެރި ޤަވާޢިދު ބަދަލުގެނެސް މެމްބަރުން ކިޔުއްވާލަވައާއި، ރާގު ބޮޑުތަނުން ދިމާނުވާތަން ރައްޔިތުންނަށް ދައްކައިފާނެތޯ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މެމްބަރުން ނަޒާހަތްތެރިކަން ދެނެގަތުމުގެ ޓެސްޓެއް! ރައްޔިތުން ތިބީ ބަލަން!

މަޖިލިސް މެމްބަރުން ހޯއްދަވާ ނާޖާއިޒު ފައިދާތައް އަނބިން، ފިރިން ނުވަތަ ދަރިންގެ ނަމުގައި ހުންނަކަމަށް ދެކެވޭ ވާކަތަކުން ބަރީއަވެ، އަމިއްލަ ފުޅަށް ނަޒާހަތްތެރިކަން ކަށަވަރުކޮށް ދޭން މަޖިލިސް ޤަވާޢިދަށް ގެންނަން އާންމު ކޮމެޓީއިން ފާސްކުރި މި އިސްލާހަކީ މެމްބަރުންނަށް އޮތް ޓެސްޓެކެވެ.

މިއަދު އޮތް މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގެ އެޖެންޑާގައި ކޮމެޓީއިން ހުށަހަޅާ ކަންކަމުގެ ބައިގައި އާންމު ކޮމެޓީން މަޖިލީހުގެ ގަވާޢިދުގެ 68 ވަނަ މާއްދާގެ (ހ) އަދި (ރ) އިސްލާޙްކޮށް ދިރާސާކުރި ގޮތުގެ ރިޕޯޓު ވަނީ ހިމަނާފައެވެ.

އެހެންކަމުން މިއަދު މަޖިލިސްގެ ތަޅުމުގައި މަޖިލިސްގެ މި ޤަވާޢިދަށް ގެނެވޭ ބަދަލާއި މެދު މެމްބަރުން ބަސް ބުނުމުގެ ފުރުސަތުގެ ތެރެއިން މެމްބަރުންގެ ވިސްނުން ރައްޔިތުންނަށް ދެނެގަނެވޭނެއެވެ. އަދި މިއަދު ވޯޓާއި ހަމައަށް މިމައްސަލަ ގޮސްފިނަމަ މެމްބަރުންގެ ނިންމުން ރައްޔިތުންނަށް އެއްކޮށް ސާފު ވާނެއެވެ.

ޢާންމު ކޮމެޓީގެ މިނިންމުމަށް މަޖިލިސް ތަޅުމުން ނިންމާ ނިންމުމަކުން ނަޒާހަތްތެރި މަޖިލިސްގެ ދަތުރުގެ މިސްރާބާއި މެދު ރައްޔިތުން ކުރާ ސުވާލަށް ޖަވާބު ލިބޭނެއެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް