އިސްލާމްދީނަށް ތައުހީނުކުރާ މީހުންނަށް ހައްޤު އަދަބުދޭން ގޮވާލާ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ބަޔާނެއް

AP

އިސްލާމްދީނުގެ އަސްލު އުސޫލުތައް ތަރުހީނު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެދީނުގެ މަތިވެރި އުސޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަން ކުށްވެރިކުރުމާއި އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް އަދާލަތު ޕާޓީ (އޭޕީ) ގެ ޢިލްމުވެރިންގެ މަޖިލީހުން ގޮވާލާއިފިއެވެ.

އެޕާޓީއިން މިރޭ ނެރުނުބަޔާނުގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤުޞަދަކީ އިސްލާމްދީނާއި، މީސްތަކުންގެ ފުރާނައާއި، މުދަލާއި، ބުއްދިއާއި، އިންސާނީ ނަސްލާއި އަބުރާއި ޢިއްޒަތް ރައްކާތެރިކުރުންކަމަށާއި މިކަންކަން ރައްކާތެރިކުރުމުގެ ނަތީޖާއަކީ މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓި، އިންސާނުންނަށް ލިބިދޭންޖެހޭ އެންމެހާ އަސާސީ ޙައްޤުތައް ކަށަވަރުވެ، ޢަދުލު އިންސާފު ޤާއިމުވެގެންދިއުންކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މި މަޤުޞަދުތަކަށް ހުރަސް އެޅިގެންދާ އެންމެހައި ޢަމަލުތައް މަނާކުރުމަށްޓަކައި ޢުޤޫބާތުތައްވަނީ ކަނޑައެޅިފައިކަމަށެވެ. އެކަމުގެ ބޭނުމަކީ އިސްވެ ދެންނެވުނު ނަތީޖާ މުޖުތަމަޢުގައި ޤާއިމުވުންކަމުގައި ބުނެފައިވެއެވެ.

އެހެނީ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައިވަނީ ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމްދީންކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުވެސްމެއެވެ. ހަމަ އެ މާއްދާގެ (ށ) ގައިވަނީ ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް މިކުޑަކުޑަ މުޖުތަމަޢުން ފެންނަމުންދާ ބައެއް ކަންކަމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި އަދި ޤާނޫނު އަސާސީގެ ރޫހާވެސް ޚިލާފު ކަންކަމެވެ.

މިކަން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީންވެސް މިކަން ކަށަވަރުކޮށްދޭކަން ހާމަކުރަމުން ބުނެފައިވެއެވެ.

މިކަންކަމަކީ އިއްޔެއަކު މިއަދަކު ފެށުނު ކަންކަމެއް ނޫންކަމަށާއި މިއީ އަހަރުތަކެއް ކުރީއްސުރެ ބަޔަކު މީހުން އަޑީގައި ތިބެގެން ވަކި މަޤުޞަދުތަކެއް ހާސިލުކުރުމަށް ހިންގަމުން އަންނަ ޖަރީމާތަކެއްކަން ބުނެފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު ޝާއިޢުކޮށް، މިދިޔަ އަހަރު އާއްމުންގެ ތެރެއަށް ތިލަވެގެންދިޔަ ނުރައްކާތެރި ރިޕޯޓެއް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ކިޔާ ޖަމިއްޔާއަކުން ނެރުނުކަމަށާއި އެއާއިއެކު 2019 ވަނަ އަހަރު ސަރުކާރުގެ ކަމާއިބެހޭ އިދާރާއިން އެ ޖަމިއްޔާ އުވާލެއްވިކަން ފާހަގަކޮށްފައިވެއެވެ. މިކަން މިހެން އޮތުމާއި އެކުވެސް ދިވެހިރާއްޖޭގެ އިޖުތިމާއީ ޙާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވަޒަންކުރުމަށް ފަހު ކަމަށް ބުނެ، އަންހެނުންނާ މެދު ކުރެވޭ އެންމެހައި ތަފާތުކުރުންރައް ނައްތާލުމާބެހޭ އދ ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) ކޮމިޓީއަށް ހުށަހެޅުމަށް "އުތެމަ" ޖަމިއްޔާއިން 20 އޭޕްރިލް 2020ގައި އާއްމުކުރި ރިޕޯޓު ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެން)ގެ އެ ރިޕޯޓަށް ތާއީދުކޮށް އަދި އިސްލާމްދީނަށް ތައުހީނުކޮށް ޝަރީޢަތުގެ ޙުކުމްތަކަށް ފުރައްސާރަވާގޮތަށް އެކުލަވާލާފައިކަމަށް ބުނެފައިވެއެވެ.

މިކަންކަމަކީ ސައްތައިންސައްތަ އިސްލާމީ މި ދިވެހި ޤައުމުގެ އެއްވެސް މުވާތިނެއްގެ ކިބައިން ފެނިގެންވާނޭ ކަންކަމެއް ނޫނެވެ. ޝައްކެއްނެތް ގޮތުގައި މި ރިޕޯޓަކީ، އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު މީހުން ކުރާ މަސައްކަތުގެ ތެރެއިންވާ ކަމެއްކަން ކަށަވަރެވެ. ކަންމިހެން ހުރުމާއެކު މިފަދަ މުންކަރާތްތަކާއި ދުރުހެލިވުމަށާއި އިލާހީ ކޯފާއަށް ބިރުވެތިވުމަށް އެފަރާތްތަކަށާއި އަދި އެންމެހާ ލޮބުވެތި މުވާޠިނުންނަށް މިމަޖިލީހުން ވަޞިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ. އެހެނީ މިފަދަ މުންކަރާތްތައް މުޖުތަމައުގައި ފެތުރިގެން ދިއުމަކީ އެކަން ކުރާބަޔަކަށް ދުނިޔެއާއި އާޚިރަތުގައި އިލާހީ ކޯފާ ޙައްޤުވެދާނޭ ކަމެކެވެ.

އަދާލަތު ޕާޓީ (އޭޕީ) ގެ ޢިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ މުޖުތަމައުން ފެންނަމުންދާ ނޭއްގާނީ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީގޯނާކުރުމާއި އަންހެންކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުން ނުވަތަ ރޭޕްކުރުމުގެ ނުބައި ޢަމަލު ހިމެނޭކަމަށެވެ. ޝައްކެތްނެތްގޮތުގައި މިފަދަ ކަންކަމަކީ އެންމެހާ މީސްތަކުންގެ މަސްލަހަތަށްޓަކައި އިސްލާމްދީނުގައި ވަރަށް ވަރުގަދައަށް ޙަރާމްކުރައްވާފައިވާ ކަންކަން ކަމަށާއި ޤާނޫނީގޮތުން ވެސް ބޮޑުވެގެންވާ ޖަރީމާތަކެއްކަމަށެވެ. އަދި މިފަދަ ފާހިޝް ޢަމަލުތައް މުޖުތަމަޢުގައި އާއްމު ވެގެންދިއުމަކީ ބަލިމަޑުކަމާއި ތަދުމަޑުކަން ފެތުރިގެން ހިނގައިދާނެ ނުރައްކާތެރި ކަންކަން ކަމުގައިބުނެފައިވެއެވެ.

މިފަދަ ހަޑިމުޑުދާރުކަންކަމާ ދުރުހެލިވެ ތިއްބެވުމަށާއި، ﷲ ސުބުހާނަހޫވަތަޢާލާ އަށް ބިރުވެތިވެލެއްވުމަށް އެންމެހާ ލޮބުވެތި މުވާޠިނުންނަށް ވަޞިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ. އަދި މިފަދަ މުންކަރާތްތައް ހުއްޓުވައިދެއްވުމަށް އެދި ކަމާބެހޭ ފަރާތްތަކުގައި ދެންނެވުމަކީ ކޮންމެ މުވާތިނެއްގެ މަސްއޫލިއްޔަތެއްކަމުގައި ވެސް މި މަޖިލީހުންދެކެމެވެ. އަދިދަންނަވަމެވެ. އިސްލާމްދީނަށް ތައުހީނުކޮށް އެދީނުގެ އަސްލު އުސޫލުތަކާއި އަދި ދިވެހި  ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ކުރެވޭ މިފަދަ އެންމެހާ ނުބައި ހަޑިމުޑުދާރުކަންކަން ހުއްޓުވައިދެއްވައި މިކަންކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވައި، ލަސްނުކުރައްވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް، ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް މި މަޖިލީހުގެ ފަރާތުން އިލްތިމާސްކޮށް ދަންނަވަމެވެ.

މިކަންކަމަށް އިންސާފު ހޯދައި ނުދެވިއްޖެނަމަ މުޖުތަމަޢުގެ އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން ގެއްލިގެންދާނެކަމާއިމެދު ޝައްކެތްނުކުރާކަން ހާމަކުރަމުން ބުނެފައިވެއެވެ.

ބަޔާން ނިންމާލާފައިވަނީ، ﷲ ސުބުހާނަހޫވަތަޢާލާ މިފަދަ ކަންތައްތައް ކުރާމީހުންނަށް ހެޔޮވިސްނުންދެއްވައި ތައުބާވުމަށް މަގު ދައްކަވައި، މިކަންކަން ހުއްޓުވަން ތިއްބެވި ހުރިހާ މުއައްސަސާތަކުގެ ވެރިންނަށް ތައުފީޤުދެއްވުން އެދި ދުޢާކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި