ސަރުކާރުވެސް މިހާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މިޙައްމަދު ނަޝީދުއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ.
ޝަރީފް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢަޒިމް ހުށަހެޅުއްވި މައްސަލައަކަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޢާޒިމް ހުށަހެޅުއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްވް ދިވެހިރާއްޖޭގެ ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރުމާއެކުވެސް އެ އެސޯސިއޭޝަނާ މެދު ސްޕޯރޓްސް މިނިސްޓްރީން ފިޔަވަޅެއް ނާޅާތީ އެފަދަ ފިޔަވަޅެއް އަޅަން މިނިސްޓްރީއަށް އަމުރު ކުރަން ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.
އިއްޒަތްތެރި ރައީސް މިތަން ވެއްޖެ މިހާރު ޝަރީއަތްކުރާ ތަނަކަށް. މިތަން ވެއްޖެ ހުކުމް ކުރާތަނަކަށް. އަދި މިތަން ވެއްޖެ އަޅުގަނޑުމެން ބަދަލު ހިފުމަށް ހުށަހަޅާ ތަނަކަށް،
ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އެހެން ވިދާޅުވުމުން އޭނާގެ ވާހަކަ ހުއްޓުވައި މަޖިލީހުގެ ރައީސް ވިދާޅުވީ "މި މަސް ކައްކާ ތަނެއް ވެސް ނޫން. މިއީ އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން. މިއީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާތަން،" ކަމަށެވެ.
މިއީ ދިވެހިރާއްޖޭގައި ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން. ދިވެހި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިގޭގައި ކުރާ ކަންތައްތައް ބަޔާން ކޮށްފައިވާނެ. މިތަނަށް ހުށަހެޅޭ މައްސަލަތަކާއި މިތަނަށް ހުށަހެޅޭ ގަރާރުތަކަކީ މިތަނުގެ ގަވައިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ތަކެތި ކަމުގައި ދަންނަވަން،
ޝަރީފްއަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ކޯފާވެ ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް މަޖިލީހަށް އަމާޒުވެފައިވެ އެވެ. އަދި ވެރިކަން ކުރުމުގެ ބާރުގައި ހިމެނޭ އެގްޒެކެޓިވް ކަންކަން ވެސް މަޖިލީހަށް ޖަމާ ކުރަމުންދާ ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.
އިބްރާހީމް ޝަރީފް އިތުރަށް ބަހުސް ކުރަމުން ވިދާޅުވި ގޮތުގައި އެއީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފު ހުށަހެޅުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ވަޒީރަކު ގާނޫނާ ޚިލާފު ކަމެއް ކުރައްވާ ކަމަށް މަޖިލީހަށް ފެންނަނަމަ އެ ވަޒީރަކު ހާޒިރުކޮށްގެން ސުވާލު ކުރަން ވާނެއެވެ. އަދި އެ ވަޒީރަކާމެދު އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިދާނެއެވެ. ނުވަތަ އެ ވަޒީރަކު މަގާމުން ދުރުކުރަންވެސް ހުށަހެޅިދާނެއެވެ. އެކަމަކު އެ ވަޒީރަކަށް މަޖިލީހުން އަމުރެއް ނުކުރެވޭނެއެވެ. އަމުރެއް ކުރަން ބޭނުން ނަމަ އެފަދަ ކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިދާނެއެވެ.
އިބްރާހީމް ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި ފަނޑިޔާރުގެއަށާއި ސަރުކާރަށް ވެގެން ހުރިހައި ކަމެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވޭނޭ ކަމެއް ނޫނެވެ.
ޝަރީފުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުރިހައި މެންބަރުންގެ ކިބައިން އެދިވަޑައިގަތީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީ ވިދާޅުވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!