އުތުރުގެ ޓްރާންޝިޕްމަންޓް ޕޯޓްގެ މަޝްރޫއު ކުރިއަށްނުދަނީ ޕޮލިޓިކަލް ވިލްއެއް ނެތީމަ: ޔާސިރު

Yasir Latheef

އުތުރުގެ ޓްރާންޝިޕްމަންޓް ޕޯޓްގެ މަޝްރޫއު ކުރިއަށްނުދަނީ ޕޮލިޓިކަލް ވިލްއެއް ނެތީމަކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި ގުޅީފަޅުގެ މަޝްރޫއުގެ ރިޕޯޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ގުޅީފަޅުގެ މަޝްރޫއުއަކީ ރަނގަޅު ޕްރޮޖެކްޓެއްކަމަށާއި ހިންގަންޖެހޭ ޕްރޮޖެކްޓެއްކަމަށާއި އެހެންނަމަވެސް، މީގެ އެތައް އަހަރެއް ކުރިން ދެއްކި އުތުރުގެ ޓްރާންޝިޕްމަންޓް ޕޯޓުގެ މަޝްރޫއުއަކީވެސް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ.

ދިވެހިރާއްޖޭގެ އުތުރުގައި އޮންނަ އެއް ޑިގްރީ ޗެނަލަކީ އެތައް ބޯޓެއް ދަތުރުކުރާ ސަރަހައްދެއްކަން އެންމެންނަށް ވެސް އެނގޭކަމަށާއި އެހެންނަމަވެސް، މިއަދާ ހިސާބަށް އައިރުގައި އެއްވެސް ކަމެއް އެކަމުގެ ހިނގާފައެއް ނުވާކަންޔާސިރު ފާހަގަކުރިއެވެ.

އަޅުގަނޑު ފާހަގަކޮށްލަން ދާދި ފަހުން އަޅުގަނޑުމެން މިނިސްޓަރާ ބައްދަލުވެ، އެކަމުގެ އިންޓަރެސްޓާއި ހަމަ އެކަން ކުރިއަށްދާނެ ގޮތްތަކުގެ ތަފުސީލު ހަމަ ދެއްވާފައިވޭ. އެހެންނަމަވެސް، މި އޮތް ހުރިހާ ދުވަސްވީއިރު އެކަން ނުވެ އޮތީ އަޅުގަނޑުމެންގެ ތެރޭގައި ޕޮލިޓިކަލް ވިލްއެއް ނެތީމަ. އެކަން ކުރަން ބޭނުންނެތީމަ. މިއަދު އަޅުގަނޑުމެން މިކަން ކުރަން ބޭނުންވީމަ، މިކަން އެބަ ކުރެވޭ.

މިބިލަށް ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވިއެވެ.

ގޯތިގެދޮރުގެ ދަތިކަން މާލެއަށްވުރެން ބޮޑަށް ފޯރާފައި އޮތް އެއްވެސް ސަރަހައްދެއް ނެތްކަމަށާއި އެއީ މި އޮތް ހުރިހާ ދުވަހު ވެރިކަންކުރި ވެރިން، އެކަން އެގޮތަށް ބޭނުންވެގެން، އެކަން އެގޮތަށް ކުރިއަށްދާ ގޮތަށް ބައްޓަންކުރުމމުން ދިމާވި ކަމެއްކަމަށް ޔާސިރުފާހަގަ ކުރިއެވެ. މާލެއެކޭ އެއްގޮތަށް ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އެބަހުރިކަން ފާހަގަ ކުރަމުން ޔާސިރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ފައްޓަވައިދެއްވި ފްލެޓުތަކުގެ ތެރެއިން 105 ފްލެޓު 8 އަހަރު ވީއިރު އަދިވެސް އެއްވެސް މަސައްކަތެއް ނުކުރެވިކަން ފާހަގަ ކުރިއެވެ. މިއީ ހިތާމަކުރާ ކަމެއްކަމަށާއި ދިވެހިރާއްޖޭގައި މިތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެންޖެހޭނެކަމަށާއި އަދި ޚާއްޞަކޮށް މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކީ އިންތިހާއަށް ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ބައެއްކަމުން އެ ބޭފުޅުންނަށް ވެސް ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ލިބެންޖެހޭނެކަމުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން އެކަމުގައި ވަންޏާ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭގައި ހަމަ އެއް ހަމަޔަކުން ޢަމަލުކުރެވެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. 1.3 ބިލިއަން ރުފިޔާ އަޅުގަނޑުމެން ފެންމައްޗަށް މި ތަން ނަގަން ޚަރަދުކުރާއިރުގައި، އަޅުގަނޑުމެން ހަމަ އެބަޖެހޭ ކުޅުދުއްފުށީގެ ބަނދަރަށް ވެސް އިންސެންޓިވްސް ދީގެން އެ ކަންތައްތައް ވެސް ތަރައްޤީކުރެވޭނެ އުސޫލުތަކެއް ގެންނަން

ދައްކަވަމުން ޔާސިރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކުރެވިފައި ހުރި ސަރވޭތަކުން ދައްކާގޮތުގައި 2050 އަންނައިރު، މި ދާ ގޮތަށް ދާނަމަ، އެންމެން މާލެ ސަރަހައްދަށް ޖަމާވާނެ ކަމަށާއި އެހެންކަމުން، މިކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭކަން ޔާސިރު ފާހަގަކުރިއެވެ.

އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް، ބޯހިޔާވަހިކަން ނުލިބި، މި ތަނަށް 1.5 ބިލިއަން އެޅުމަކީ އަޅުގަނޑު ގަބޫލުކުރާނެ އުޒުރެއް ނޫން.

ޔާސިރުގެ ވާހަކަ ނިންމާލަމުން ބުނެފައިވެއެވެ.

މިމޭރުމުން ޔާސިރު މަޖިލީހުގައި ވާހަކަ ދައްކަވާފައިވާއިރު ތިލަދުންމަތިން ނެރެވިދާނެ އިޤްތިސާދީ މަންފާއެއްކަމަށް ބުނެ މިދިޔަ ސަރުކާރުންވެސްވަނީ އައިހެވަން ގެ ނަމުގައި މަޝްރޫއު އެއް އިއުލާންކޮށްފައެވެ. އެއީވެސް އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ ބޮޑު މަޝްރޫއެކެވެ. އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތާއި ފީސިބިލީ ސްޓަޑީ ނިމިފައިވާ ކަން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވައިފައިވަނީ 2018 ވަނަ އަހަރު ދެއްވި ރިޔާސީ ބަޔާނުގަ އެވެ.

ކުރީ ސަރުކަރުން އައިހެވަންގެ މާސްޓަ ޕްލޭންގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ހަވާލު ކުރީ 2016 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ. ކުރީ ސަރުކާރުގެ 5 އަހަރު ނިމިގެން ދިޔައީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން ނިންމި ސްޕެޝަލް އިކޮނޮމިކް ޒޯން “އައިހެވަން” މަތިން ހަނދާނެއް ނުނެތޭ ކަމަށާއި އެމަޝްރޫއަކީ އުތުރުގެ ތަރައްގީގެ އެންމެ ވަރުގަދަ އަދި އެންމެ ބިޔަ މަޝްރޫކަމަށާއި އުތުރުގެ ތަރައްގީގެ ނާރެސް، އެމަޝްރޫއު ހިނގާނެކަމަށް ބުނަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާން ކުރި އުތުރުގެ އައިހެވަން ޕްރޮޖެކްޓްގެ މަޝްރޫއުތައް މިހާރު އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އެ މަޝްރޫއުގައި ބަދަލު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ30 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

އައިހެވަން ޕްރޮޖެކްޓްގެ ތެރެއިން ކޮންމެ ވެސް ވަރަކަށް މަސައްކަތްކޮށްގެން ކޮންމެ ވެސް ވަރަކަށް ހަރަދުތަކެއް ހިނގާފައި ވަނީ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަން އޮތް ޑޮކިއުމަންޓްތަކުގެ ތެރެއިން މިހާރު އޮތް ގޮތުން އެއީ ފީޒިބަލް ޕްރޮޖެކްޓަކަށް ނުވޭ.

ފައްޔާޒު އެއިރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން މި ސަރުކާރުން ނުނިންމާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އެ ގޮތުން މަޝްރޫއަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ސަރުކާރުން އައިހެވަން މަޝްރޫއުގެ މަސައްކަތް ގެންދާނީ ބަދަލުތަކަކާ އެކު ކަމަށް ވިދާޅުވި އެވެ.

މިޕޯޓްގެ މަސައްކަތާއި ގުޅޭގޮތުން މިސަރުކާރުން އެންމެ ފަހުން ވާހަކަ ދައްކަވާފައިވަނީ ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދިޔަ ”ތިލަދުންމަތި އިރުވައި ކޮންފެރެންސް“ ގައެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ15 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމް ކުރުމަށް ކުރާ ދިރާސާ މިއަހަރުގެ ފެބުރުއަރީމަހު ނިމޭނެކަމަށެވެ. މިކަމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމަށް ގުޅުންހުރި ގައުމުތަކާއި ވާހަކަ ދައްކަވަމުން ދާކަމަށް މިނިސްޓަރ ފާހަގަ ކުރިއެވެ. އެގޮތުން ސައުދީ އަރަބިޔާ އޫއޭއީ އިންޑިޔާ އަދި އެމެރިކާ ގެ އިންވެސްޓަރުންނާއި ވާހަކަ ދައްކަމުންދާކަން ފާހަގަ ކުރިއެވެ. މިމަޝްރޫއުއަކީ އެއްބިލިޔަން ޑޮލަރާއި ދެބިލިއަން ޑޮލަރު ބޭނުންވާނެ ބޮޑު ޕްރޮޖެކްޓްއެއް ކަމަށާއި މިއީ ކާމިޔާބު ޕްރޮޖެކްޓްއަކަށް ވާކަމަށް ވާނަމަ ހަގީގަތުގައި ޓޫރިޒަމް ސިނާއަތަށްވުރެއް ބޮޑު ސިނާއަތެއް ވުން އެއީ އެކަށީގެންވާކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި