އަތޮޅުތަކުގައި ކޯވިޑް-19 ބަލި ދެނެގަތުމަށް ތަޙްލީލްތައް ކުރުމަށްޓަކައި ސަރުކާރުންކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެގޮތުން، "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަޙްލީލްކުރުމަށް ބޭނުންވާ ކާޓްރިޖް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި ކާޓްރިޖްތައް ރާއްޖެއަށް ޙަވާލްކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

Ad
rt

މިރޭ ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓްކުރުމާއި، ރާއްޖޭގެ އިތުރު 6 ސަރަހައްދެއްގައި ޖީން އެކްސްޕަރޓް ކާޓްރިޖް ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުންތަކުގައެވެ. އެގޮތުން ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ، ށ.އަތޮޅު ހޮސްޕިޓަލާއި އުނގޫފަރު ރީޖަނަލް ހޮސްޕިޓަލާއި ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި ބ.އަތޮޅު ހޮސްޕިޓަލާއި ގއ.އަތޮޅު ހޮސްޕިޓަލާއި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕޓަލުގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް މެދުނުކެނޑި ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖީން އެކްސްޕާޓް މެޝިންގެ ކާޓްރިޖް ދިވެހިރާއްޖެއަށް ގެނައުމުގައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކުރައްވައި އެފަރާތަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މާލޭގެ އިތުރުން މިހާރުވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޓެސްޓްތައް ކުރެވޭއިރު، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ އިތުރު 6 ރަށެއްގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރއަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ރާއްޖެއިން ކޯވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާޢަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.