މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް ދެރަ ގޮތް ހެދުން ހުއްޓާލަންޖެހޭކަމަށް މިލަންދޫ ދާއިރާގެ މެންބަރ ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ ގާނޫނީ ގޮތުން އަޅަން އޮތް ފިޔަވަޅުތައް މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަކި ފަރާތަކަށް ބުރަނުވެ މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް ދެރަ ގޮތްހަލާކަމަށް މުޖުތަމަޢުގައި އޮންނަ އިނގިލި ދިއްކުރުމުގެ ބައި ނައްތާލެވެން އެބަޖެހޭކަމަށެވެ.
މިކަން ކުރެވޭނީ ކޮންމެ ނަސީބެއްގެ މީހަކަށް ވިޔަސް، ކޮންމެފަދަ މަޤާމެއްގައި ހުރި މީހަކު ކަމަށް ވިޔަސް، އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެވިގެންކަން ފާހަގަ ކުރިއެވެ. އެއްވެސް މީހެއްގެ އަމިއްލަ މައިންބަފައިންނާ ދޭތެރޭގައި ދެރަކޮށް ކަންތައް ވާކަށް، އަދި އެ މީހެއްގެ ޢާއިލާއާ ދޭތެރޭގައި ވެސް ދެރަކޮށް ކަންތައް ވާކަށް، އެ މީހެއްގެ ދަރިންނާ ދޭތެރޭގައި ވެސް ދެރަކޮށް ކަންތައް ވާކަށް ނޭދޭނެކަން ފާހަގަ ކުރަމުން ވިދާޅުވީ މި ނުރައްކާތެރި ކަންތައް ނުވަތަ މިފަދަ ނުރައްކާތެރި ޢަމަލުތަކުން އަޅުގަނޑުމެން ދުރުހެލިކުރުވުމަށް ޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މުޖުތަމަޢުގެ ތެރެއަށް ފިޔަވަޅުނޭޅި ދޫކޮށްލެވެނީ ކީއްވެގެންތޯ، އެއީ ބަލަންޖެހޭ ކަމެއް. ގާނޫނީ ގޮތުން، ކޮން ގާނޫނެއްގައި އޮތް ކޮން ލޫޕްހޯލެއްތޯ، ކޮން މާއްދާއެއްގައި ހުރި ވީކުކަމަކުންތޯ ނުވަތަ ބަލިކަށިކަމަކުންތޯ؟ އެފަދަ ކަންކަން ފާހަގަކުރެވޭ ނަމަ، މި މަޖިލީހުން އެފަދަ ގާނޫނުތައް ފާހަގަކޮށް، އެ ގާނޫނުތަކަށް ވަގުތުން ވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ އަޅުގަނޑު ދެކޭގޮތުގައި މިއަދު މި މަޖިލީހުން ކުރެވޭނެ ވަރަށް މުހިންމު މަސައްކަތެއް. އެ މަސައްކަތް ކޮށް، ގާނޫނުތައް ހަރުކަށިކޮށް ގާނޫނުތަކުގައި ހުރި މިފަދަ ވީކް މާއްދާތައް ބަލައި އެ މާއްދާތަކަށް ގެންނަންޖެހޭ އިޞްލާޙުގެނައުމަކީ މި ވަގުތުން މި ވަގުތަށް ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަކުރަން.
ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވިއެވެ.
މީގެ އިތުރުން ޢަލީ ރިޟާ ފާހަގަ ކުރެއްވި އަނެއްކަމަކީ ތަރައްޤީއަކީ، އަމާންކަމާ އެކީގައި ބޭރަށް ނުކުމެފައި ގޭތެރެއަށް ވަދެވޭނެކަމުގެ ޔަޤީންކަން އޮތުންކަމަށާއި އަމާންކަމާ އެކީގައި އެ މީހަކު އުޅެން އޮންނަ މާޙައުލުގެ ތެރޭގައި އުޅެވޭނެ ގޮތްވުންކަމަށާއި ސަލާމަތްތެރިކަމާ އެކީގައި އެނބުރި އައިސް އޭނައަށް އޭނަގެ ގެދޮރުގައި ނުވަތަ މަގުމަތީގައި ނުވަތަ ރައްކާތެރިކަމުގެ ގޮތުން އޭނަ އުޅޭ ރަށެއްގައި އުޅެވޭނެކަމުގެ ޔަޤީންކަން އޮތުންކަން ފާހަގަ ކުރިއެވެ.
އެއަށްވުރެ ވަކި މުހިންމު އަޅުގަނޑު ދެކޭގޮތުގައި މިނިވަންކަމެއް ވެސް، ވަކި މުހިންމު ތަރައްޤީއެއް ވެސް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް މި ފެންނަނީ ނޫސްތަކުންނާއި އަދި އެކި ގޮތްގޮތުން ވެސް ކޮންމެ ދުވަހަކު މުޖުތަމަޢުގައި މިފަދަ ނުރައްކާތެރި ކިތަންމެ ޢަމަލެއްގެ ކުޑަކުދިންނާ ބެހުން ކަމަށް ވިޔަސް، ކުޑަކުދިންނަށް ގޯނާކުރުން ކަމަށް ވިޔަސް އަދި ޖިންސީ ފުރައްސާރަކުރުން ކަމަށް ވިޔަސް އަދި މަގުމަތިން ފޮށުން ކަމަށް ވިޔަސް، މިފަދަ ޢަމަލުތައް.
މިފަދަ ކަންތައްތައް ކުރުމުން ދުރުހެލިވާން ގޮވާލަމުން ޢަލީ ރިޟާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!