އުތެމަ ޖަމްޢިއްޔާއިން ލިޔެ ޝާއިޢުކޮށްފައިވާ ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ގޮވައިލާ ހއ.އުތީމު ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
އިސްލާމްދީނާ ޢަދާވާތްތެރިވުމުގެ މައްޗަށް، އެމް.ޑީ.އޭއިން ނެރިފައިވާ ރިޕޯޓަށް "އުތެމަ" އިން ތާއީދުކޮށް އެއް ދަޢުވާއެއް ކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ހއ.އުތީމު ކައުންސިލް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާރކް (އެމް.ޑީ.އެން.) އިން "ޕްރެލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން، ރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި އެކިއެކި ޢިލްމުވެރިންގެ ބަސްފުޅުތަކުންނާ، އިސްލާމިކް މިނިސްޓްރީގެ ބަޔާނުންނާ، ފުލުހުންގެ ތަޙުޤީޤަށް ވެސް ސާބިތުވެފައިވުމުން، އެކަމާއި ދެކޮޅަށް މުޅިރާއްޖޭގެ ރައްޔިތުން، އެކި ސިފަ ސިފައިގާގެ ކައުންސިލްތަކާއި ޖަމްޢިއްޔާތައް ޝާމިލްވާނެފަދައިން އަޑު އުފުލާ އިޙްތިޖާޖްކުރުމުގެ ސަބަބުން، 2019 ޑިސެންބަރު 19 ވަނަ ދުވަހު، ދިވެހި ސަރުކާރުން ވަނީ އެ ޖަމްޢިއްޔާ (އެމް.ޑީ.އެން.) އުވާލައިފިކަމުގައި އިޢުލާންކޮށްފައިވަނިކޮން މިހާރު ޙަރަކާތްތެރިވާނަމަ އެއީ ޣައިރު ޤާނޫނީ މުއައްސަސާއެއް ކަމުގައިވެސް ދަންނަވާކަމަށެވެ.
މިއާއެކުވެސް އެނުބައި، ނޭއްގާނީ ޢަމަލު ހިންގި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާކަމެއްކަމުގައި ވެފައިވަނިކޮށް، މި ފެނިގެން ދިޔައީ އެޖަމްޢިއްޔާގެ ނަމުގައި ބަރާބަރަށް މަސައްކަތްކޮށް ޙަރަކާތް ހިންގާތަނެވެ. އަދި އޭގެ ތާއީދުގައި އެފަދަ އެހެން ޖަމްޢިއްޔާތައް އުފައްދައިގެން ވެސް މަސައްކަތް ކުރަމުންގެންދާތަނެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "އުތެމަ" އިން 2020 ޖޫން 22 އިން ޖުލައި 10 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހެޅި ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓު ބަލައިގަނެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ! ދީނީގޮތުން ހައްދުފަހަނަޅައިދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ޙަޤީޤަތާ ޚިލާފަށް އެކުލަވާލާފައިވާ ކަންކަން ބަލައިގަނެ، އެ ކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވުމީ އަދިމާ ބިރުވެރި، އެހާމެ ނުރައްކާތެރި ކަމެއްކަމުގައި އެ ކައުންސިލްއިން ފާހަގަކުރާކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީން ހިތުން ރުހުމުން ބަލައިގަނެ، އެދީނުގެ މަތިވެރިކަމާ، ފުރިހަމަކަން އެނގި، އެދީނުގެ ޙިމާޔަތުގައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ޖާނާއި މާލުން ވުމަށް ތައްޔާރަށް ތިބިބައެއްކަންވެސް މިފުރުޞަތުގައި ހަނދުމަކޮށް އަރުވާކަން ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން އަޅުގަނޑުމެން ގޮވާލަނީ، އެމްޑީއެންގެ ރިޕޯޓު ތަޙުޤީޤުކުރި އުޞޫލުން އުތެމައިގެ ރިޕޯޓުވެސް ތަޙުޤީޤުކޮށް، މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އަދި މިފަދަ ނަފްރަތްތެރި ޢަމަލުތައް ހިންގާ މަދަނީ ޖަމާޢަތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހުމަށް ދިވެހިރާއްޖޭގެ ވެރިންނާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ.
އުތީމު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އުފައްދާފައިވާ ހުރިހާ ސިޔާސީ ޕާޓީ ތަކާ، ރަށްރަށުގެ ކައުންސިލްތަކާ، ޖަމްޢިއްޔާ ޖަމާޢަތްތަކާ، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މުއައްސަސާތަކުންވެސް މިފަދަ "ނިރުބަވެރި ނަފްރަތްތެރި" ޢަމަލުތަކާމެދު ފާޅުގައި އިންކާރުކޮށް، މިފަދަ ކަންތައްތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސްކުރާކަމަށެވެ.
އުތީމަކީ، ޕޯޗްގީޒުންގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި ތާށިވެ ނުހަނު ބިރުވެރިކަމުގެ ތެރޭގައި 15 އަހަރަށްވުރެދިގު މުއްދަތެއްގައި އޮތްއޮތުން މުލުން ލުހެލައްވާ، މާތްވެގެންވާ، އިސްލާމްދީން ދިވެހީންނަށް އަލުން އަނބުރާ ހޯއްދަ ވައި ދެއްވިގެ ބޮޑުތަކުރުފާނުގެ އުފަންރަށްކަމަށް ވީހިނދު އުތީމު ކައުންސިލުން މިބަޔާން މިނެރެނީ، މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި އެތަކުރުފާނު އެކުރެއްވި މަތިވެރި މަސައްކަތްޕުޅުގެމަތީން ހަނދާން އާކުރާޙާލު ހާސްކަމާއި، ނުތަނަވަސް ކަމާއެކުގައެވެ.
އުތީމު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއެތައް ސަތޭކަ އަހަރެއްގެކުރިންސުރެ ފެށިގެން މިލޮބުވެތި ދިވެހި ޤައުމުގައި ދެމިއޮތް އިސްލާމީ ހިދާޔަތުގެ ނޫރު ފަނޑުކޮށްލާ ނިވާލުމަކީ، އުތީމު ކައުންސިލާއި، އުތީމު ލޮބުވެތި ރައްޔިތުން ފަހަރެއްގައިވެސް އެދޭނެކަމެއްނޫންކަމަށާއި ހަމައެހެންމެ
ދިވެހި ޤައުމުގެ ލޮބުވެތި ފަސްގަނޑުން ލާދީނީ ފިކުރު ހިންގާ ފަރާތްތަކަށް ފުރުޞަތު ނުދެއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަޅުގަނޑުމެން ގޮވާލަމެވެ. އަދިމިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ޙަރަކާތްތައް މިހާރުން މިހާރަށް ހުއްޓުވާ އެފަރާތްތަކަށް ޤާނޫނުން ލިބިދޭ އެންމެ ހަރުކަށި، ޙައްޤު އަދަބު ދިނުމަށްވެސް ކަމާބެހޭ އެންމެހައި މުއައްސަސާ ތަކަށް ގޮވާލާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!